Roadha Mihaaru
އިންޑިއާ އާއި ލަންކާއަށް އޮފިޝަލުން ފޮނުވައިފި

ލޯކަލް އިންތިޚާބު: އިންޑިއާ އާއި ލަންކާއަށް އޮފިޝަލުުން ފޮނުވައިފި

07 އެޕްރީލް 2021

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އިންޑިއާ އާއި ސްރީ ލަންކާގައި ބަހައްޓާ ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުން އެ ގައުމުތަކަށް ފޮނުވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އިންޑިއާ އާއި ސްރީ ލަންކާގައި ބަހައްޓާ ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުން އެ ގައުމުތަކަށް ފޮނުވައިފި އެވެ.

ކޮވިޑް-19 ގެ މި ބަލިމަޑުކަމާ ހެދި މި ފަހަރުގެ އިންތިޚާބަށް ރާއްޖެ އިން ބޭރުގައި ވޯޓުލެވޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ އިންޑިއާ އާއި ލަންކާގައި އެކަންޏެވެ. އިންޑިއާގެ ޓްރިވަންޑްރަމްގައި އެއް ފޮށި، ލަންކާގެ ކޮލަމްބޯގައި ހަތަރު ވޯޓު ފޮށި ބަހައްޓާނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ ލަންކާގައި ބަހައްޓާ ހަތަރު ފޮށި ކައިރީގަައި 45 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެވެ. ރޭގެ ވަގުތެއްގައި މާލެއިން 17 އޮފިޝަލުންގެ ޓީމެއް ލަންކާ އަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިންތިޚާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ދިޔަ ފަސް ފުލުހުން ވެސް ހިމެނޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. ބާކީ އޮފިޝަލުން ހަމަޖެއްސީ ލަންކާ އިންނެވެ.

ޝަރީފް ވިދާޅުވިގޮތުގައި، އެ ޓީމުން ލަންކާގައި މިއަދު ތަމްރީނުތައް ފަށާނެ އެވެ.

އިންޑިއާގައި ބަހައްޓާ ވޯޓު ފޮށި ކައިރީގަައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓީމު ވެސް މިއަދު ފުރާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އެ ގައުމުން ލިބުނީ ހަތަރު އޮފިޝަލުންނެވެ. އެ ފޮށި ކައިރީގައި ތިބޭ ހުރިހާ އޮފިޝަލުން އިންޑިއާ އަށް ދިއުމުން އެކޮޅުގައި ތަމްރީނުތައް ބާއްވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އިންޑިއާގައި ބަހައްޓާ ފޮއްޓަށް ވޯޓުލުމުގެ ހައްގު 442 މީހަކަށް ލިބިފައިވާއިރު، ލަންކާގައި ބަހައްޓާ ހަތަރު ފޮއްޓަށް 2،059 މީހަކު ވޯޓުލާނެ އެވެ.

މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 273128 މީހަކަށް ލިބިފައިވެ އެވެ. އޭގެ ތެރޭގައި މި މަހުގެ 10 ވަނަ ދުވަހު ނިޔަލަށް އުމުރުން 18 އަހަރު ފުރިގެން ވޯޓުލުމުގެ ހައްގު 5134 މީހަކަށް ލިބެ އެވެ.