Roadha Mihaaru
ވޯޓުލާނެ ކަމަށް ލަފާކުރެވެނީ 38-40 ޕަސެންޓް މީހުން

ވޯޓުލާނެ ކަމަށް ލަފާކުރެވެނީ 38-40 ޕަސެންޓް މީހުން: ޝަރީފް

10 އެޕްރީލް 2021

މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާނެ ކަމަށް ލަފާކުރެވެނީ 38-40 ޕަސެންޓު މީހުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާނެ ކަމަށް ލަފާކުރެވެނީ 38-40 ޕަސެންޓު މީހުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގެ ކަންކަމުގައި އީސީ އަށް ލަފާދޭ ގައުމީ ކޮމިޓީގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ، ހެނދުނު 7:00 އިން ފެށިގެން 10:45 އާ ހަމައަށް ވޯޓުލާފައި ވަނީ 17 ޕަސެންޓު މީހުން ކަމަށެވެ. އެއީ 44،026 މީހުންނެވެ. އޭގެ ތެރޭގައި 26،000 ފިރިހެނުން އަދި 17،000 އަންހެނުން ހިމެނެ އެވެ.

"މި ނިސްބަތަކީ ވޭތުވެދިޔަ އިންތިޚާބުތަކާ އަޅާބަލާއިރު ކުޑަ ނިސްބަތެއް. ވާހަކައަކީ މިދިޔަ އިންތިހާބުތަކަށް ބަލާއިރު މި ގަޑިއާ ހަމައަށް އައި އިރުގައި މި އަށް ވުރެ ވޯޓުލުމުގެ ނިސްބަތް ބޮޑު. މި ނިސްބަތަށް ބަލާއިރުގައި، އަޅުގަނޑުމެންނަށް ތަފާސްހިސާބަށް ބަލާއިރު އަންދާޒާކުރެވޭ ނިސްބަތަކީ 38 ޕަސެންޓާއި 40 ޕަސެންޓާ ދޭތެރޭގައި ވޯޓުގައޭ ޓާންއައުޓް ހުންނާނީ،" ޝަރީފު ވިދާޅުވި އެވެ.

އޭގެ ފަހުން އީސީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، މެންދުރު 1:00 ހާއިރު 32 ޕަސެންޓް މީހުން ވޯޓުލާފައި ވެ އެވެ. އެއީ 86،000 މީހުންނެވެ.

ޝަރީފު އެހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ އާއްމު ހާލަތަށް ބަލާއިރު، ހެނދުނަށް ވުރެ ހަވީރު ވޯޓުލާން ނުކުންނަ މީހުން ގިނަ އެވެ. އެހެންވެ، އީސީން ލަފާކުރާ އަދަދަށް ވުރެ ގިނަ މީހުން ވޯޓުލުން ކައިރި އެވެ.

ޝަރީފު ވިދާޅުވިގޮތުގައި، ވޯޓުލާ ވަރު ބެލުމަށް އީސީގެ އޮފިޝަލުން މާލޭގެ ބައެއް މަރުކަޒުތަކަށް ދިޔައިރު، 400 އަށް ވުރެ ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާފައި ވަނީ 28، 29 މީހުންނެވެ. މާލޭގައި ވޯޓުލާ ނިސްބަތް މަދުކަން ފާހަގަކުރައްވައި ޝަރީފު ވަނީ ރައްޔިތުން ހޭލުންތެރިކުރުވައިގެން ވޯޓުލުމަށް ނުކުންނަން އިލްތިމާސް ކުރައްވައިފަ އެވެ.

މި އިންތިޚާބުގައި ޖުމުލަ 3،814 ކެންޑިޑޭޓަކު ވާދަކުރެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި 2،234 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީ އަށް ވާދަކުރާ 1،580 ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ހައްގު ލިބެނީ 273،128 މީހަކަށެވެ.