Roadha Mihaaru
ވޯޓު ދިނުމުގެ ހައްގު 273،000 މީހަކަށް ލިބޭ

ކައުންސިލްތަކުގެ އިންތިޚާބު: ވޯޓު ދިނުމުގެ ހައްގު 273،000 މީހަކަށް ލިބޭ

28 މާޗް 2021

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 273،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 273،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެންމެ ފަހުގެ ވޯޓާސް ލިސްޓުގެ އަދަދަކީ 273،128 މީހުން ކަމަށެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިޚާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުން ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބާއްވަން ހަމަޖެއްސި އިންތިޚާބު ފަސްވެފައިވަނީ ކޮވިޑު-19 އާ ގުޅިގެންނެވެ. އެކި ތާރީޚުތައް ހަމަޖައްސައި ފަސްކުރަމުން، މިހާރު އަންނަނީ އަންނަ މަހުގެ 10 ގައި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

އެ އިންތިޚާބަށް ފުރަތަމަ ބަޖެޓުކުރީ 51 މިލިއަން ރުފިޔާ އެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާ ގައިޑްލައިންގައި ހުރި ކަންކަން ފުރިހަމަކޮށްގެން އިންތިޚާބު ބާއްވާތީ އިތުރަށް 29.8 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެ ބަޖެޓު ވެސް ހަމަޖެހިފައިވާ ކަމަށް ޝަރީފް ކުރިން ވިދާޅުވި އެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ. އެހެންވެ، ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 120 ކެންޑިޑޭޓަކު ވަނީ ވޯޓަކާ ނުލައި ހޮވިފަ އެވެ. އެހެންވެ އެ އިންތިޚާބުގައި މިހާރު ވާދަކުރަނީ 3،934 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓެވެ.