Roadha Mihaaru
ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރަން އެއްބަސްވެއްޖެ

ރާއްޖެ، އިންޑިއާ އަދި ލަންކާ އިން ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރަން އެއްބަސްވެއްޖެ

07 އޯގަސްޓް 2021

ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ ގުޅިގެން ހަތަރު ދާއިރާ އަކުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ ގުޅިގެން ހަތަރު ދާއިރާ އަކުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ އެވެ.

ތިން ގައުމުގެ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ވާޗުއަލް ބައްދަލުވުމުގައި އެއްބަސްވީ، އިންޑިއާ ކަނޑުގެ ސަލާމަތަށާއި ހައްދުފަހަނައެޅުމާއި ޓެރަރިޒަމާއި އޯގަނައިޒްޑް ކްރައިމް އަދި ސައިބާ ސެކިއުރިޓީގެ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށެވެ.

ލަންކާގެ ޗީފް އޮފް ޑިފެންސް އަދި އެ ގައުމުގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް ޝަވެންދުރަ ސިލްވާ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރީ އޮފީހުގެ ސެކްރެޓަރީ އާއިޝަތު ނޫޝިން ވަހީދެވެ. އިންޑިއާ ތަމްސީލު ކުރެއްވީ އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރު ޕަންކަޖު ސަރަން އެވެ.

ސަލާމަތާ ބެހޭ ހަތަރު ދާއިރާގެ ދަށުން ގުޅުން ބަދަހި ކުރުމަށްޓަކައި ކުރާނެ ކަންތައްތަކުގެ އިތުރުން ރާއްޖެ އާއި ލަންކާ އަދި އިންޑިއާ އިން ވަނީ މިހާރު އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއި ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭ ގޮތުން އަދި ސަލާމަތީ ގޮތުން ތިން ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުލޭ ގޮތުން ވެސް މަޝްވަރާ ކޮށްފަ އެވެ.

ސަލާމަތީ ކަންތައްތަކުގައި ގުޅިގެން މަސައްކަތް ކުރަން ރާއްޖެ އާއި އިންޑިއާ އަދި ލަންކާ އިން މި އެއްބަސް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ކޮލަމްބޯގައި ބޭއްވި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތީ ކަންތައްތަކުގައި ތިން ގައުމުން ވެސް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ކުރި މަޝްވަރާތަކަށް ފަހު އެވެ.