Roadha Mihaaru
ކްލައިމެޓް ޗޭންޖާ ދެކޮޅަށް ޗާލްސްގެ ޗެނަލެއް

ކްލައިމެޓް ޗޭންޖާ ދެކޮޅަށް ޕްރިންސް ޗާލްސްގެ ޓީވީ ޗެނަލެއް

27 ސެޕްޓެމްބަރ 2021

ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެ އަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ޕްރިންސް ޗާލްސް ޓީވީ ޗެނެލެއް ލޯންޗް ކުރައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެ އަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ޕްރިންސް ޗާލްސް ޓީވީ ޗެނެލެއް ލޯންޗް ކުރައްވައިފި އެވެ.

އެމެޒޯން ޕްރައިމްއާ ގުޅިގެން ލޯންޗްކުރި ޗެނެލްގެ ނަމަކީ "އާރްއީ: ޓީވީ" އެވެ. މި ޗެނެލް އިން ކްލައިމެޓް ޗޭންޖާ ދެކޮޅަށް ތަފާތު އެކި ކަހަލަ ޕްރޮގްރާމްތައް ގެނެސްދޭން ހަމަޖެހިފައިވާ އިރު، މޫސުމީ ބަދަލުތަކާ ދެކޮޅަށް މިހާރުން މިހާރަށް މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ގިނަ ޕްރޮގްރާމްތަކެއް ގެނެސްދޭނެ އެވެ.

މޫސުމީ ބަދަލުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތައް އެޅުމަކީ ޗާލްސްގެ ބަހުން ނަމަ "އެކްޓް ނައު" އެވެ. އެހެންވެ އެ ތީމްގެ ދަށުން ވެސް އެތައް ޕްރޮގްރާމްތަކެއް ގެނެސްދޭނެ އެވެ.

ޗާލްސްގެ ޗެނެލްއާ ބެހޭ ގޮތުން ބުނެފައި ވަނީ މިއީ އެއްގޮތަކަށް ވެސް މާލީ މަންފާތަކެއް ހޯދަން ހިންގާ ޗެނަލެއް ނޫން ކަމަށެވެ. އަދި "އާރްއީ: ޓީވީ" ގެ އެންމެ ބޮޑު މަގުސަދަކީ މުޅި ދުނިޔެ، މޫސުމީ ބަދަލުތަކަށް ހޭލައްވާލުން ކަމަށް ބުންޏެވެ. މި ޗެނެލް އިން ގެނެސްދޭނެ ކޮންޓެންޓްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ އާއި ގުދުރަތީ ވެށި ހިމާޔަތްކުރުމުގެ މުހިއްމުކަމާއި އެކަމަށް ކުރެވޭ މަސައްކަތްތަކަށް ޒަމާނީ އާ އުކުޅުތައް ބޭނުންކުރުމާއި ވެށީގެ ހިމާޔަތަށް ކުރެވޭ މަސައްކަތަށް ކުރެވޭ ކަންކަމުގެ ސަބަބުން ކޮފީ އާއި ފެޝަން އިންޑަސްޓްރީ ފަދަ ދާއިރާއަކަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ޕްރޮގްރާމްތައް ހިމެނޭނެ އެވެ.

ޗާލްސް ވިދާޅުވީ ޗެނެލްގެ ސަބަބުން ކްލައިމެޓް ޗޭންޖަށް މީހުން އަހުލުވެރިވާ މިންވަރު އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ސީދާ އަހަންނަކީ ވެސް މިހާތަނަށް މޫސުމީ ބަދަލުތަކުގެ ކާރިސާތަކާ ދެކޮޅަށް ވަރަށް ގިނަ ބަޔަކާ ގުޅިގެން މިހާތަނަށް މަސައްކަތްކޮށްފައިވާ މީހެއް. އެހެންވެ ތަޖުރިބާތަކާ އެކު، ޗެނެލް މެދުވެރިކޮށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެގެން ދާނެ،" ޕްރިންސް ވިލިއަމާއި ހެރީގެ ބައްޕާފުޅު ވިދާޅުވި އެވެ. "މިއީ ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތެއް."

އެމެޒޯން ޕްރައިމާ ގުޅިވަޑައިގެން ޗާލްސް ޗެނެލެއް ލޯންޗްކުރެއްވި އިރު، ހަގު ދަރިކަލުން ޕްރިންސް ހެރީ އާއި އަނބިކަނބަކުން މޭގަން މާކަލް ވާދަވެރި ނެޓްފްލިކްސްއާ ގުޅިވަޑައިގެން ތަފާތު އެކި ކަހަލަ ކޮންޓެންޓްތައް ގެނެސްދޭން ބޮޑު އެއްބަސްވުމެއް މިދިޔަ އަހަރު ހައްދަވާފައިވެ އެވެ.