17 އެޕްރީލް 2024
މި އަހަރަކީ 2016ގެ ފަހުން ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އަހަރަށް ވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
މި އަހަރަކީ 2016ގެ ފަހުން ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އަހަރަށް ވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ގާ ހުދުވުމަކީ ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ ހާދިސާއެކެވެ. ދުނިޔެ ހޫނުވެ އެކަމުގެ އަސަރު ކަނޑުގެ ލޮނުގަނޑަށް ކުރުމުން، ގާ ހުދުވަނީ ގަލުގައި ނުވަތަ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ، ގަލަށް ދިރުން ގެނެސްދޭ ކުޑަކުޑަ ސޫތްޕެއް ކަމަށްވާ އަލްގީ ޒޫޒަންތަލޭ ގަލުން ނުކުތުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުރަކައަށް ހުދުކަން ގެނުވަ އެވެ.
ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998ގައި ފާހަގަކުރެވުނު ފަހުން އެ ކަހަލަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016ގައި އައި ގާ ހުދުވުމެވެ.
ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ ވެސް އެ ފަހަރެވެ. އެ ދިރާސާއަށް ފަހު އެމްއެމްއާރްއައި އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016ގައި ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވި އެވެ.
މި އަހަރު ވެސް މިކަމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ.
ގާ ހުދުވުމުގެ ހާދިސާއާ ގުޅިގެން 2016 ވަނަ އަހަރު އެކަން އެސެސްކުރުމުގައި އިސްކޮށް އުޅުއްވި މެރިން ބަޔޮލޮޖިސްޓް ނިޒާމް އިބްރާހިމް "މިހާރު" އަށް ވިދާޅުވީ މިފަހަރު ގާ ހުދުވުމުގެ ހާދިސާ ނުރައްކާތެރި ދަރަޖައަކަށް އަރަން މި ފެށީ، މީގެ އަށް އަހަރު ކުރިން ހިނގި ގާ ހުދުވުމުގެ ބޮޑު ހާދިސާ އަށް ފަހު މުރަކަތަކަށް އަލުން ދިރުން އަންނަން ފަށާފައި ވަނިކޮށް ކަމަށެވެ.
? 4th MCBE in #Huvadhu, ???#Coralbleaching is on full throttle in #Maldives. After 8 years of recovery from the 3rd Mass Coral Bleaching event, we're facing the 4th Mass Coral Bleaching Event in just 8 years. The resilience of these reefs is being tested once again. pic.twitter.com/yoP9jcygQx
— Nizam Ibrahim?? (@nixams8) April 16, 2024
އޭނާ ވަނީ ގދ. ރަތަފަންދޫގެ މައި ފަރުގައި ހުރި މުރަކަތައް ހުދުވަމުން ދާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އިއްޔެ އެކްސްގައި ހިއްސާކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ އަތޮޅުގެ އެހެން ފަރުތަކުން ވެސް މި މަންޒަރު މިހާރު ފެނެ އެވެ.
"މުޅި ހުވަދޫގެ ފަރުބިތުގެ މައި ފަރުގެ އެތެރެވަރީގެ ހާލަތު އޮތީ މިހެން،" މެރިން ސައިންސް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ނިޒާމް ވިދާޅުވި އެވެ.
"މިކަމުގައި ވާ ގޮތް އެނގޭ މީހަކަށް މިއީ ވަރަށް ހިތްދަތި މަންޒަރެއް."
ނިޒާމް ވިދާޅުވީ ގާ ހުދުވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި އެންވެރިކަމާއި ޓޫރިޒަމަށް ވެސް މީގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
އެންމެ ހޫނު ގަދަ ދުވަސްވަރު އަދި ކުރިއަށް އޮތީ ކަމަށާއި މިހާރު ވެސް ވަރަށް ބޮޑަށް ގާ ހުދުވެފައި ވާތީ، މިފަހަރު ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"2016 އަށް ވުރެ އަސަރު ބޮޑުވާނެ ކަމަށް ހުރިހާ ރީފް ސައިންޓިސްޓުން ބުނަނީ،" އޭނާ ވިދާޅުވި އެވެ.
މިއީ ދުނިޔޭގެ ހަތަރު ވަނަ ގްލޯބަލް މާސް ކޮރަލް ބްލީޗިން އިވެންޓް ކަމަށް އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޯސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އަދި ދަ އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އައިސީއާރުއައި) އިން ވަނީ ކަނޑައަޅައިފަ އެވެ.
އޮސްޓްރޭލިއާ އާއި ބްރެޒިލް އަދި ފަރުތައް އޮންނަ އެހެން ގައުމުތަކުގައި ވެސް ގާ ހުދުވުމުގެ މައްސަލަ މި ދުވަސްވަރު ވަނީ ވަރަށް ބޮޑުވެފަ އެވެ.
"މިކަމުގެ ސްކޯޕް އާއި ހުދުވާ މިންވަރުގެ އެސެސްމަންޓެއް ސަރުކާރާއި ރިސޯޓުތަކާ އަދި އަމިއްލަ ފަރުދުން ވެސް ކުރުން ވަރަށް މުހިންމު،" ނިޒާމް ވިދާޅުވި އެވެ.
ބައެއް ޑައިވަރުން ބުނި ގޮތުގައި، މީގެ ކުރިން ހިނގި ގާ ހުދުވުމުގެ ހާދިސާތަކުގައި ގާ ހުދުވެފައި ހުއްޓާ އާންމުކޮށް ފެނިފައި ވަނީ އިރުގެ އަލި ލިބޭ ހިސާބުގައި ހުންނަ މުރަކަތަކުންނެވެ. އެކަމަކު، މިފަހަރު ކަނޑުގެ 20 މީޓަރު އަޑީގައި ހުރި މުރަކަތައް ވެސް ހުދުވަމުން ދާ ކަން ވަނީ ފާހަގަކުރެވިފަ އެވެ.
މާލެއާ އެންމެ ކައިރިން ހުޅުމާލެ ފަރުގެ ގިނަ ގާތައް ވެސް މިހާރު ހުރީ ވަރަށް ބޮޑަށް ހުދުވެފަ އެވެ. އަދި ރާއްޖޭގެ އެކި އަތޮޅުތަކުން ވެސް އެކަން ދަނީ ފާހަގަވަމުންނެވެ.
ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް މި އަހަރު ވެސް ހިނގައިފާނެ ކަމުގެ އިންޒާރު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ވެސް ވަނީ މިދިޔަ މަހު ދީފަ އެވެ.
ރާއްޖެއަށް އެންމެ ހޫނުގަދަވާ ފެބްރުއަރީ - މޭ ދުވަސްވަރު ދިން މި އިންޒާރާ އެކު، އެމްއެމްއާރްއައި އިން ބުނެފައި ވަނީ ގާ ހުދުވާކަން ފާހަގަވެއްޖެ ނަމަ، އީމެއިލް ނުވަތަ އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.
ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކު، އާދަޔާ ހިލާފަށް ދުނިޔެ ހޫނުވުމެވެ.
މި ކަހަލަ ހާދިސާއަކުން ލިބޭ ގެއްލުން ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެބަހުއްޓެވެ. އެމްއެމްއާރްއައި އިން ކުރިން ބުނެފައިވާ ގޮތުގައި، ހާއްސަކޮށް ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގަމުންދިއުމަކީ ގާ ހުދުވުމުގެ ހާދިސާއަކަށް ފަހު ފަރުތައް އަލުން އިއާދަވާން ހުރަސްއަޅައިފާނެ ކަމެކެވެ. އެހެންވެ، އެ ކަހަލަ މަޝްރޫއުތައް ހިންގުމުގައި މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ.
ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަނީ
މިއަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ދިމާވާން ފަށައިފި
ރާއްޖޭގެ މުރަކަ މޫސުމީ ބަދަލަށް ހޭނެނީތަ؟
ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެއްޖެ
މިދިޔަ އަހަރަކީ އެންމެ ހޫނުގަދަ އަހަރު
ސައެންސްވެރިން ކުރި އިންޒާރު ތެދަކަށް ވެއްޖެ
އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް
މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ
ފެނަށް ޖެހުމުގެ ބޮޑު ކާރިސާއެއް ކުރިމަތިވަނީ
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން