22 އޮކްޓޯބަރ 2019
މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ލޮނުގަނޑު ހޫނުވުމުން މުރަކަ މަރުވުން ނުވަތަ "ގާހުދުވުމު"ގެ މައްސަލައަކީ ގައުމީ ފެންވަރުގެ ބޮޑު ހިތާމައެކެވެ. އެކަމަކު ސާވޭއަކަށް ބިނާކުރައްވައި، ސައިންސްވެރިޔަކު ވިދާޅުވަނީ ރާއްޖޭގެ މުރަކަތައް މޫސުމީ ބަދަލުތަކަށް ހޭނެމުން އަންނަ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ލޮނުގަނޑު ހޫނުވުމުން މުރަކަ މަރުވުން ނުވަތަ "ގާހުދުވުމު"ގެ މައްސަލައަކީ ގައުމީ ފެންވަރުގެ ބޮޑު ހިތާމައެކެވެ. އެކަމަކު ސާވޭއަކަށް ބިނާކުރައްވައި، ސައިންސްވެރިޔަކު ވިދާޅުވަނީ ރާއްޖޭގެ މުރަކަތައް މޫސުމީ ބަދަލުތަކަށް ހޭނެމުން އަންނަ ކަމަށެވެ.
ކަނޑުގެ ދިރުންތައް ހިމާޔަތް ކުރަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މެރިން ކޮންޒަވޭޝަން ސޮސައިޓީގެ ޑރ. ޖީން ލޫކް ސޮލާންޑް ވިދާޅުވީ ރާއްޖޭގެ މުރަކަތައް މިހާރު ވަނީ މޫސުމަށް އަންނަ ބަދަލަށް "ނުގުޑާ ގޮތަށް ބަަދަލުވެފައި" ކަމަށެވެ. އެގޮތުން ކުރިން ލިބުނު ގެއްލުންތަކުން ސަލާމަތްވެ، އަލުން ހެދެން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ސޮލާންޑް، 2016، 2017 އަދި 2018 ގައި ރާއްޖޭގެ ފަރުތަކުގެ ސާވޭކުރީ ރާއްޖޭގެ ދެ ޖަމިއްޔާ ކަމަށްވާ ރީފް ޗެކް މޯލްޑިވްސް އާއި ސޭވް ދަ ބީޗްއާ ގުޅިގެންނެވެ.
ފީނުމާ ބެހޭ މައުލޫމާތު ގެނެސްދޭ "ޑައިވާސް ނެޓް" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ 2016 ގައި ރާއްޖޭގެ ފަރުތަކުން ފެނިވަޑައިގަތީ ކަންބޮޑުވާ ފަދަ މަންޒަރެއް ކަމަށެވެ.
"ދުނިޔެ ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ބޮޑެތި ސަރަހައްދުތައް 2016 ގައި މަރުވުމުން އަހަރެމެންގެ ހިތް ހަލާކުވި. އެ ގެއްލުން ފޫބެދޭތަން 2017 އަދި 2019 ގައި ފެނުނީ ވަރަށް ކުޑަކޮށް. [އެހެންވެ] އަހަރެމެން ބެލީ 2019 ގައި ލިބޭނީ އިތުރު ގޯސް ހަބަރުތަކެއް ކަމަށް،" ޑރ. ސޮލާންޑް ވިދާޅުވި އެވެ.
އެކަމަކު "ސިޓިޒަން ސައިންސް" ފީނުމެއްގެ ގޮތުގައި މެދު ރާއްޖެ ސަރަހައްދުގައި މި އަހަރު ކުރިއަށް ގެންދިޔަ ފީނުމަށް ފަހު ޑރ. ސޮލާންޑް ވިދާޅުވީ މުޅިން މަރުވެފައި ވާނެ ކަމަށް ނުވަތަ މަރުވަމުން ދާނެ ކަމަށް ލަފާކުރި ސަރަހައްދުތަކުން ޅަ މުރަކަ (އެއް އަހަރާއި ތިން އަހަރާ ދެމެދުގެ އުމުރުގެ) ވަރުގަދަޔަށް ހެދެމުން އަންނަ ތަން ފެނިވަޑައިގެންނެވި ކަމަށެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި އެއީ މުރަކަތައް ހުދުވުމުގެ މައްސަލައަށް ނުގުޑާ ގޮތަށް އަދި މޫސުމީ ބަދަލުތަކަށް އެ ދިރުންތައް ހޭނުމެވެ.
"[ގާހުދުވުމުން ލިބޭ] ގެއްލުން ފޫބެދޭ ތަން އެއީ ޅަ މުރަކަ ހެދެމުން އަންނަ މަންޒަރު."
އެކަމަކު ޑރ. ސޮލާންޑް ވިދާޅުވީ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތައް އަދިވެސް އެބަ ހުއްޓެވެ. އެގޮތުން ބައެއް ފަރުތަައް އަދިވެސް ދަނީ މަރުވަމުން ކަމަށް ވިދާޅުވި އެވެ. ފިނިހޫނުމިން ކުއްލިއަކަށް މަތިވެއްޖެ ނަމަ ޅަ މުރަކަތައް މަރުވުމުގެ ފުރުސަތު ވެސް އޮތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ފަރުގައި ހަމަޖެހި، ދެން ހުދުނުވާނެ ކަމަށް މިދިޔަ އަހަރު ހީކުރި ބައެއް ޅަ މުރަކަ މިހާރު ވަނީ ހުދުވެފައި. އެކަމަކު ބޮޑެތި މުރަކަ ފެންނަނީ ރަނގަޅު ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ރާއްޖޭގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ހުސައިން ރަޝީދު (ސެންޑީ) ބުނީ މިދިޔަ ފަސް އަހަރު ކުރިމަތިވި ގާހުދުވުމުގެ މައްސަލައަށް ފަހު ރިކަވާ ވަމުން އަންނަނީ ވަކި ތަފާތު ގޮތަކަށް ކަަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ސެންޑީ ވަނީ 1988 އިން ފެށިގެން މިހާތަނަށް ރާއްޖެއަށް ކުރިމަތިވި ގާހުދުވުމުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ފަރުތައް ބަލައި، ތަޖުރިބާކޮށްފައިވާ ޑައިވަރެކެވެ.
"ކޮންމެ ފަހަރަކު ވެސްް ގާހުދުވުމުގެ އިވެންޓްތަކަށް ފަހު މިހެން ރިކަވާ ވާން ފަށާ،" ސެންޑީ ބުންޏެވެ.
އެކަމަކު އެއީ، ޑރ. ސޮލާންޑް ވިދާޅުވި ގޮތަށް، މޫސުމަށް އަންނަ ބަދަލަށް މުރަކަތައް ހޭނެނީ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އޭގެ ސަބަބުތައް ވެސް ދެއްކި އެވެ.
"ރާއްޖޭގައި އަބަދުވެސް ހުރޭ ކޮންމެ ފަހަރަކު ވެސް ސަލާމަތްވާ ސަރަހައްދުތަކެއް،" ސެންޑީ ބުންޏެވެ.
އޭނާ ބުނިގޮތުގައި ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވާ ފަހަރުތަކުގައި އެކަމުން ބައެއް ފަރުތައް ސަލާމަތް ވުުމުގައި ފަރު އޮންނަ ސަރަހައްދު ވެސް ދައުރެއް އަދާކުރާ ކަމަށެވެ. އެގޮތުން ބޮޑަށް އޮއި ދައުރުވާ ސަރަހައްދުތަކާއި އޮއި މަޑު ސަރަހައްދުތަކަށް، ދިރުން އައުމުގައި ތަފާތުވާ ކަމަށް ބުންޏެވެ.
"މިސާލަކަށް ގޮއިދޫ އަތޮޅު. މިއީ އިންޑިއާ ކަނޑުގެ [މާކަނޑުން އަންނަ] އޮއިވަރު އެހާ ބޮޑަށް ނުވަންނަ ގޮތަށް އޮންނަ އަތޮޅެއް. އެހެންވީމާ މިތަނަށް ކުރާ އަސަރު ކުޑަ،" މިސާލެއް ދައްކަމުން ސެންޑީ ބުންޏެވެ.
އެހެން މިސާލެއް ނަގަމުން އޭނާ ބުނީ ބައެއް ބާވަތުގެ މުރަކައަކީ ވަރަށް އަވަހަށް ހެދިބޮޑުވާ ބާވަތްތަކެއް ކަމަށެވެ. އެގޮތުން ދިވެހިން އާއްމުކޮށް މުރަކައޭ މިކިޔާ ބާވަތް (ގޮފިތަކެއް ހެން ހެދޭ ބާވަތް) އަވަހަށް ހެދިބޮޑުވާ އިރު ގާހުދުވުން ހުއްޓޭ އިރަށް އެކި ތަންތަނުން އެ ބާވަތުގެ ޅަ މުރަކަ ފެންނަން ފަށާ ކަމަށް އޭނާ ބުންޏެވެ.
ސެންޑީ ގަބޫލުކުރާ ގޮތުގައި މިދިޔަ ފަސް އަހަރު ގާހުދުމުގެ މައްސަލަ އިތުރަށް ބޮޑުވީ ބިން ހިއްކުމުގެ މަޝްރޫއުތަކާ ހެދި އެވެ.
"ބިން ހިއްކީމާ ސެޑިމެންޓްސް އެޅި، ގާހުދުވުން އަވަސްވޭ. އެހެންވެ ގެއްލުން އިތުރަށް ބޮޑުވޭ،" ސެންޑީ ބުންޏެވެ.
ކުރިއާ ހިލާފަށް ރިސޯޓްތައް ހަދާށާއި ރަށްރަށް ބޮޑުކުރަން ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް މިދިއަ ފަސް އަހަރު ރާއްޖޭގައި ކުރިއަށް ދިޔަ އެވެ.
ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަނީ
މިއީ ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އެއް އަހަރު
މިއަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ދިމާވާން ފަށައިފި
މުރަކަ އާލާ ކުރުމުގެ އާ އުކުޅަކާއެކު އުންމީދު!
މިހާރުގެ ހާލަތު އޮވެގެން ފަރުތައް ނެތިގެން ހިނގައިދާނެ
އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު
މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ
ފުޅަދޫގެ ރީތި މުރަކަ ބަގީޗާ ހުދުވަނީ
ރާއްޖޭގެ ފަރުތައް އިއާދަވާ ކަމުުގެ ނިޝާންތައް ފެނިއްޖެ
ރާއްޖެ އަށް މުހިއްމު، ބައިޑެންގެ ތިމާވެށި ވައުދު