Roadha Mihaaru
އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު

އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު

16 މެއި 2019

ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ ގާ ހުދުވުމުގެ ހާދިސާތަކުގެ ދޭތެރެ ކައިރިވަމުން އައިސް، މި އަހަރު ވެސް އެފަދަ ބޮޑު ހާދިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ވަނީ ލިބިފަ އެވެ. ގާ ހުދުވުމުގެ ހާދިސާއެއް ދިމާވާނެ ކަމަށް ލަފާކޮށް ނެރޭ ފޯކާސްޓްގައި ރާއްޖެ މިހާރު ވަނީ "ވޮޗް" އިން "ވޯނިން" އަށް އަރައިފަ އެވެ. އަދި ކުރިއަށް ހުރި ހަފްތާތަކުގައި، ދެވަނަ އަށް އެންމެ ނުރައްކާ ދަރަޖަ ނުވަތަ "އެލާޓް ލެވެލް 1" އަށް އަރާނެ ކަމަށް ބެލެވެ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ ގާ ހުދުވުމުގެ ހާދިސާތަކުގެ ދޭތެރެ ކައިރިވަމުން އައިސް، މި އަހަރު ވެސް އެފަދަ ބޮޑު ހާދިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ވަނީ ލިބިފަ އެވެ. ގާ ހުދުވުމުގެ ހާދިސާއެއް ދިމާވާނެ ކަމަށް ލަފާކޮށް ނެރޭ ފޯކާސްޓްގައި ރާއްޖެ މިހާރު ވަނީ "ވޮޗް" އިން "ވޯނިން" އަށް އަރައިފަ އެވެ. އަދި ކުރިއަށް ހުރި ހަފްތާތަކުގައި، ދެވަނަ އަށް އެންމެ ނުރައްކާ ދަރަޖަ ނުވަތަ "އެލާޓް ލެވެލް 1" އަށް އަރާނެ ކަމަށް ބެލެވެ އެވެ.

"އެއްގަމު މާހައުލުން މިސާލެއް ނަގަންޏާ، ތޮއްޑޫގައި ބަޔަކު ހައްދާފައި އޮތް ކަރާ ދަނޑެއް ހަލާކުވެގެން ދިޔައީ. ކަނޑުއަޑީގައި ވެސް މި ވަނީ، އެއްގޮތަކުން ބަލާ އިރު، އެކަހަލަ ކަމެއް. އެކަމަކު އޭގެ އަސަރު މީހުންގެ ލޮލަށް ނުފެންނާތީ، އެ އަސަރުގެ ބޮޑުކުޑަމިން ނޭނގޭތީ ކަންބޮޑުނުވަނީ."

މި އަހަރު ގާ ހުދުވެފައިވާ ތަންތަން މިހާރު ވެސް ފެންނަން ފަށައިފައިވާ ކަމަށް ބައެއް ޑައިވަރުން ބުނެ އެވެ.

2016ގައި ގާ ހުދުވި އިރު މީހަކު ކުރި ޓްވީޓެއް

ގާ ހުދުވުމަކީ ހުއްޓުވޭނެ ކަމަކަށް ނުވިޔަސް އެފަދަ ހާދިސާއަކުން ލިބޭ ގެއްލުން ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެބަ ހުއްޓެވެ. މެރިން ރިސާޗު ސެންޓަރު (އެމްއާރުސީ) އިން ބުނާގޮތުގައި ހާއްސަކޮށް ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގަމުންދިޔުމަކީ ގާ ހުދުވުމުގެ ހާދިސާއަކަށް ފަހު ފަރުތައް އަލުން އިއާދަވާން ހުރަސްއަޅައިފާނެ ކަމެކެވެ. އެހެންވެ، މިފަދަ ދަނޑިވަޅުތަކުގައި އެފަދަ މަޝްރޫއުތައް މަޑުޖައްސައިލަން އެ ސެންޓަރުން މި ހަފްތާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

"މުރަކަ ސްޓްރެސް ވެފައި އިންދާ ފަރަށް ވެއްޔާއި ކިސަޑާ އެއްޗެހި އެޅުނީމަ، މުރަކަ ދިރިހުރުމަށް އަސަރު ފޯރާ،" އެމްއާރުސީ ހިންގުމާ ހަވާލުވެ ހުންނެވި އެކުއަޓިކް ޕެތޮލޮޖިސްޓް ޝާފިއާ ނައީމް ވިދާޅުވި އެވެ.

"ގާ ހުދުވުމަކީ ހުއްޓުވޭނެ ކަމެއް ނޫން. އެކަމަކު މި ދުވަސްވަރު ކުރާ، ފަރުތަކަށް އަސަރު ފޯރާ ކަންކަން މަޑުޖައްސާލަން އަޅުގަނޑުމެންނަށް ޕްލޭންކުރެވިދާނެ."

މި ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ ވަކާލާތުކުރިޔަސް ނުކޮށް އޮތް، އެކަމަކު ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅަން ޖެހިފައިވާ ކަމެކެވެ.

"ތީގައި ބަލަން ބޭނުންވަނީ ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީން، [އެމްއާރުސީގެ] ލަފައާ އެއްގޮތަށް އަމަލުކުރޭތޯ."

ރާއްޖެ އަށް އެންމެ ހޫނު ގަދަވާ މާޗް - މޭ ދުވަސްވަރު މި އައި އިންޒާރާ އެކު، އެމްއާރުސީން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998ގައި ފާހަގަކުރެވުނު ފަހުން އެފަދަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. ނުވަދިހަ އަށަކަށް ފަހު ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016ގައި އައި ގާ ހުދުވުމެވެ. އަނެއްކާ މި އަހަރު ވެސް ގާ ހުދުވުމުގެ ހާދިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ލިބުނު އިރު، އެމްއާރުސީން ބުނިގޮތުގައި، މިއީ 2016ގައި ގާ ހުދުވި ފަހުން ކަންބޮޑުވާން ޖެހޭ ފަދަ ލަފާކުރުމެއް އައި ފުރަތަމަ ފަހަރެވެ.

"2016ގައި ބްލީޗިން އެޕިސޯޑެއް އައިސްފައި އޭގެ ފަހުން، އަޅުގަނޑުމެން ކަންބޮޑުވާ ފަދަ ބްލީޗިންއެއް އަންނާނެ ކަމަށް ލަފާ މި ކުރެވެނީ މި އަހަރު،" ޝާފިއާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ 98ގައި [ގާ ހުދުވުން] އައި ގޮތަށް 10 އަހަރު ފަހުން 2008ގައި އައިސްފައި 2016ގައި އައިސްފައި މިހާރު 2019 އަށް މި ލަފާކުރެވެނީ. އެހެންވީމާ ދޭތެރެ ކައިރިވަމުން، ކައިރިވަމުން މި އަންނަނީ. ދުނިޔޭގެ ހޫނުމިން މައްޗަށް ދާ ވަރަކަށް މި ކަހަލަ ކަންކަމުގެ ދޭތެރެ ކައިރިވާނެ."

ކުރިން 1998ގައި ބައެއް ތަންތަނުން 60-100 ޕަސެންޓް މުރަކަ މަރުވި އިރު، އެ ހާދިސާގެ ކުރީގެ ހާލަތަށް ފަރުތައް ރުޖޫއަވީ 10-15 ވަރަކަށް އަހަރުންނެވެ. އަދި 2016ގައި ވެސް އެލްނީނޯއަކާ ގުޅިގެން، އޭޕްރީލް ފަހުކޮޅުން ފެށިގެން މޭ ނިމެންދެން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ވަރަށް މަތީގައި ދެމިހުރެ، ގާ ހުދުވި އެވެ. ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ އެ ފަހަރެވެ. އެ ދިރާސާ އަށް ފަހު އެމްއާރުސީން ނެރުނު ރިޕޯޓު ބުނާގޮތުން 2016ގައި 73 ޕަސެންޓް މުރަކަ ހުދުވި އެވެ.

http://mrc.gov.mv/assets/Uploads/Status-of-coral-bleaching-in-the-Maldives-2016.pdf

2016ގައި ހިނގި ގާ ހުދުވުމުގެ ހާދިސާއާ ބެހޭ ރިޕޯޓު

ހާލަތު ރަނގަޅުވެ، ކުރީ ފަހަރެކޭ އެއްގޮތަށް ފަރުތައް އަލުން އިއާދަވާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ. އެކަމަކު 1998އާ އަޅާބަލާ އިރު ކަންކަން ވަރަށް ބޮޑަށް ބަދަލުވެ، މީހުންގެ އަމަލުތަކުގެ ސަބަބުން ފަރުތަކަށް ކުރާ ބާރު ބޮޑުވެފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ އާބާދީ ބޮޑުވުމާއި ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެން މީހުން ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން ފަރު މަހުގެ ޑިމާންޑް ބޮޑުވުމާއި ފަޅު ކޮނެގެން ހިންގާ ތަރައްގީގެ މަޝްރޫއުތައް އިތުރުވުމާއި މޫދު ތަޣައްޔަރުވުން ހިމެނެ އެވެ.

"ނުވަދިހަ އަށެއްގެ ބްލީޗިން އަށް ފަހު ފަރުތައް ކުރީގެ ހާލަތަށް އިއާދަވީ ވެސް 12-15 އަހަރުން. އެހެންވީމާ އިންސާނުންގެ ފަރާތުން މާ ބޮޑެތި އަސަރުތަކެއް ނުފޯރާ އިރު ވެސް ރިކަވަރީ ވަރަށް ލަސް،" ފަރުތަކާ ބެހޭ ތަޖުރިބާކާރު މާހިރެއް ކަމަށްވާ ހުސެން ޒާހިރު (ހުސެންބެ) ފާހަގަކުރެއްވި އެވެ.

"އަނެއްކާ 2016ގައި މުޅި ރާއްޖޭގައި ގާތްގަނޑަކަށް 70 ޕަސެންޓް ބްލީޗްވީ. އޭގެ ގެއްލުންތައް އެނގޭނީ މިހާރު ކުރަން އެ އުޅޭ ދިރާސާކުރީމާ."

ލަފާ: ހޫނު ދުވަސްވަރު މަޝްރޫއުތައް މަޑުޖައްސައިލުން

އެމްއާރުސީން މި ހަފްތާގައި ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފަރުތަކަށް ބާރު ބޮޑުކޮށްފާނެ ތަރައްގީގެ މަޝްރޫއުތައް މި ދަނޑިވަޅުގައި މަޑުޖައްސައިލަން އިލްތިމާސްކޮށްފަ އެވެ. އެ ސެންޓަރުން ބުނާގޮތުގައި ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި ރިސޯޓުތަކުގެ ގޮނޑުދޮށް ރީތިކުރަން ވެލި ލުމުގެ ހަރަކާތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް، ވަގުތީ ގޮތުން ނަމަވެސް، ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. އަދި އެފަދަ މަޝްރޫއުތަކަކީ ގާ ހުދުވުމަށް ފަހު ފަރުތައް އިއާދަވާ މިންވަރު ލަސްވެ އަދި އެކަމަށް ހުރަސް އެޅިދާނެ ކަންކަމެވެ.

"ދިވެހި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅި ލާމެހިފައި ވީހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބު ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެކެވެ،" އެމްއާރުސީގެ ބަޔާނުގައިވެ އެވެ.

ޝާފިއާ ވިދާޅުވި ގޮތުގައި މޫދާ ގުޅުން ހުރި މަޝްރޫއުތަކުގެ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ފާސްކުރުމުގެ ކުރިން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެމްއާރުސީއާ މަޝްވަރާކުރާ އިރު އެ ސެންޓަރުން އަންނަނީ ގާ ހުދުވުމުގެ މައްސަލައާ ގުޅުވައިގެން ލަފާދެމުންނެވެ.

"އަޅުގަނޑުމެން ލަފާދެމުން މި އަންނަނީ މިހާރުގެ އެލާޓް ލެވެލް ދިޔައިމާ ނޫނިއްޔާ [އަމަލީ މަސައްކަތް] ނުފައްޓަން،" އޭނާ ވިދާޅުވި އެވެ.

"އެއްވެސް ވަރަކަށް މޫދާ ގުޅުން ހުރި ކަމެއް ހިނގާ މަޝްރޫއުއެއް ވެއްޖެއްޔާ އެމްއާރުސީއާ މަޝްވަރާކޮށްފައި އީއައިއޭ ރިޕޯޓުގައި އަޅުގަނޑުމެންގެ ލަފާ ހިމަނާނެ. އެކަން ވަރަށް ރަނގަޅަށް ދަނީ. ދެން، އެ ގޮތަށްތޯ ދަނީ ބަލަން، އީއައިއޭ މޮނިޓަރިން ވަރުގަދަކުރަން ޖެހޭނީ."

އެމްއާރުސީގެ ލަފަޔަކީ މޫދާ ގުޅިފައިވާ ސަރުކާރުގެ މަޝްރޫއުތައް، އަހަރުގެ މި ދުވަސްވަރު އަމަލީ މަސައްކަތެއް ނުކުރާ ގޮތަށް ރޭވުމެވެ.

"ސަރުކާރުގެ މަޝްރޫއުތައް ޕްލޭންކުރާ ދުވަސްކޮޅަކީ އޭޕްރީލް ހިސާބު ކަމަށް ހެދިދާނެ. އޭރުން އަމަލީ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދާނެ މި ދުވަސްކޮޅު. ޕްލޭނިން ނިންމާފައި މަސައްކަތާ ހިސާބަށް ދާއިރު އޮންނާނީ [ފަރުތަކަށް] ސްޓްރެސްވާ ދަނޑިވަޅު ފާއިތުވެފައި،" ޝާފިއާ ވިދާޅުވި އެވެ.

"ސަރުކާރު ތެރެއިން އުސޫލެއްގެ ގޮތުން އެކަމާ ބެހޭ ގޮތުން ޕޮޒިޓިވްކޮށް ވާހަކަދެކެވިފައި ހުރީ. އެކަމަކު އަދިއެއް ބޮޑު މަސައްކަތްތަކެއް އެކަމަކަށް ނުކުރެވޭ."

Mashroou thah kuriah gendhanee gaahudhuvun kudavaa gothah: Shah

Mashroou thah kuriah gendhanee gaahudhuvun kudavaa gothah: Shah

The most trusted news source in the Maldives

Mihaaru

ބިން ހިއްކުމުގެ މަޝްރޫއުތައް އެންމެ ގިނައިން ހިންގާ އެމްްޓީސީސީން، ގާ ހުދުވުމުގެ މައްސަލައާ ބެހޭ ގޮތުން ދެެއްކި ވާހަކަ

ކަނޑައަޅަން ޖެހެނީ ސިޔާސަތެއް

ހުސެން ވިދާޅުވި ގޮތުގައި 2016ގައި ހިނގި ގާ ހުދުވުމުގެ ހާދިސާ އަށް ފަހު އެމްއާރުސީން އެކުލަވާލި ޓާސްކް ފޯހުގައި، ސަރުކާރުން މިކަމަށް ސިޔާސަތެއް ކަނޑައަޅަން އައީ ވަކާލާތުކުރެވެމުންނެވެ. އެކަމަކު އަދިވެސް އެކަން ކޮށްފައި ނުވާ އިރު، އެމްއާރުސީގެ ލަފަޔަކުން އެކަނި ކަމެއް ހާސިލްވެދާނެ ކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ.

"ޓާސްކްފޯސްއެއް ހަދައިގެން އަޅުގަނޑުމެން ދޭ ރެކޮމެންޑޭޝަނެއް ފިޝަރީޒް މިނިސްޓަރަށް ދިޔައިމަ ރައީސް އޮފީހަށް ނުވަތަ ސަރުކާރުގެ އެންވަޔަރްމެންޓަލް ޕޮލިސީ ޑައިރެކްޝަނަކަށް ބޭނުންކުރެވޭ ވަރުގެ އަގެއް ހުރި އެއްޗެއް ކަމަކަށް އަޅުގަނޑުމެންނަކަށް މިހާތަނަކަށް ފެނިފައެއް ނެތް. އެމްއާރުސީ އިން އެއްޗެއް ނެރުނަސް އެމްއާރުސީއަކީ ޕޮލިސީ ހަދާ ތަނެއް ނޫން. އެމްއާރުސީ އަށް ދެވޭނީ ލަފައެއް،" ހުސެން ވިދާޅުވި އެވެ.

"[ޕީޕީއެމް ސަރުކާރުގައި] އެ ގޮތަށް ރިކޮމެންޑްކުރީމާ ޓާސްކް ފޯސްގައި ތިބި މީހުން ވެސް ބުނި [މަޝްރޫއުތަކެއް] ނުހުއްޓާނެއޭ. ތީގައި ބަލަން ބޭނުންވަނީ ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީން، [އެމްއާރުސީގެ] ލަފައާ އެއްގޮތަށް އަމަލުކުރޭތޯ."

މަޝްރޫއުތައް ހިންގާ އިރު، "ލަފައަކާއި އަމަލުކުރަން ޖެހޭ ގަވާއިދަކާ ވެސް ވަރަށް ތަފާތުކަން" ފާހަގަކުރައްވައި ހުސެން ވިދާޅުވީ އެމްއާރުސީގެ ލަފާ އީއައިއޭތަކާ ހަމައަށް ދިޔަޔަސް އެއާ އެއްގޮތަށް ކަން ނުވެދާނެ ކަމަށެވެ.

"ގާނޫނީ ގޮތުން އަމަލުކުރަން ޖެހޭ ކަމަކަށް ނުވަންޏާ ކޮންޓްރަކްޓަރު އެ ގޮތަކަށް ނަހަދާނެ. އެ ވާނީ ހަމައެކަނި ލަފަޔަކަށް،" އޭނާ ވިދާޅުވި އެވެ.

"އަނެއްކާ މި ވާ ގޮތަކީ ބޮޑެތި މަޝްރޫއުތަކުގައި، ހަރަދު ވަރަށް ބޮޑުވޭ. އެހެންވެ، ދުރާލާ ރޭވިފައި ނެތް ކަމަށް ވެއްޖެއްޔާ، އީޕީއޭ އަށް ނުވަތަ އީއައިއޭގައި މި ކަންކަން ފާހަގަކުރެވުނަސް، ހަރަދާ ހެދި އަމަލީ ގޮތުން އެކަން ކުރެވޭނެ ކަހަލަ ގޮތަކަށް މަގުފަހިއެއް ނުވޭ. އެހެންވީމާ ދުރާލާ ކުރަން ޖެހޭ ކަމެއް މިއީ. ޕްލޭނިންގައި މި ކަންކަން ނުހިމެނޭތީ މައްސަލައަކީ."

ހުސެން ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކަށް ވާންވީ ފަރުތަކަށް ބާރު ބޮޑުވާ ދުވަސްވަރު، ބޮޑެތި އަސަރު ފޯރާ ފަދަ މަސައްކަތްތައް ނުކުރުމެވެ. އެއީ ގާ ހުދުވުމުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތަށް ބިނާކޮށް ކުރު މުއްދަތަށް އަދި ފަސޭހަ އިން ބަދަލު ގެނެވޭ ގޮތަށް ތަންފީޒުކުރާ ގަވާއިދަކަށް ހެދިދާނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަބަދުވެސް ވިންޑޯ ޕީރިއަޑެއް ބޭއްވިދާނެ، ދިވެހިރާއްޖޭގެ ޕޮލިސީއަކީ މިއީއޭ، މިސާލަކަށް ފެބްރުއަރީން ފެށިގެން މޭ މަހުގެ ނިޔަލަށް ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކެއް ނުހިންގާނެއޭ،" ހުސެން ވިދާޅުވި އެވެ.

"ކޮންމެވެސް ވަރަކަށް ކަށަވަރުކަމާ އެކީގައި އެބަ އެނގޭ ރާއްޖޭގައި މުރަކަ ބިސް ދޫކުރަނީ ވެސް މާޗް-އޭޕްރީލްގައި ކަން. ބްލީޗް މި ވަނީ ސްޕޯނިން ޕީރިއަޑާ ވެސް ފުށުއަރާ ކަހަލަ ގޮތަކަށް. އެހެންވީމާ އެ ދެ ކަންތަކަށް ވިސްނާފައި މި ކަހަލަ ޕްރޮޖެކްޓްތައް މަޑުޖައްސައިލައިފިއްޔާ ބައިނަލްއަގުވާމީ ގޮތުން ވެސް ރާއްޖެ ވަރަށް ޕޮޒިޓިވްކޮށް ފާހަގަވެގެންދާނެ."

ހުސެން ފާހަގަކުރައްވާ ގޮތުގައި ގާ ހުދުވުމުގެ ސަބަބުން ފަރުތަކަށް ލިބެނީ ކިހާ ވަރެއްގެ ގެއްލުމެއްކަން ނަގައިގަންނަން މީހުންނަށް ނޭނގުނަސް އެއީ ނުހަނު ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.

"އެއްގަމު މާހައުލުން މިސާލެއް ނަގަންޏާ، ތޮއްޑޫގައި ބަޔަކު ހައްދާފައި އޮތް ކަރާ ދަނޑެއް ހަލާކުވެގެން ދިޔައީ. ކަނޑު އަޑީގައި ވެސް މި ވަނީ، އެއްގޮތަކުން ބަލާ އިރު، އެކަހަލަ ކަމެއް. އެކަމަކު އޭގެ އަސަރު މީހުންގެ ލޮލަށް ނުފެންނާތީ، އެ އަސަރުގެ ބޮޑުކުޑަމިން ނޭނގޭތީ ކަންބޮޑުނުވަނީ،" އޭނާ ވިދާޅުވި އެވެ.

"ލޮލަށް ނުފެނުނު ކަމުގައި ވިޔަސް، އެތަކެއް އަކަ ކިލޯމީޓަރުގެ ފަރު ހަލާކުވެއްޖެއްޔާ އޭގެ އިގްތިސޯދީ ގެއްލުން ވަރަށް ބޮޑުވާނެ."