Roadha Mihaaru

ހޫނު މޫސުމާ އެކު އަނެއްކާވެސް ގާ ހުދުވުމުގެ ބިރު

ރާއްޖެއަށް އާންމުކޮށް އެންމެ ހޫނުގަދަ ދުވަސްވަރު ކައިރިވަމުންދާއިރު، މި އަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ވަރަށް ބޮޑުވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ހޫނު މޫސުމާ އެކު އަނެއްކާވެސް ގާ ހުދުވުމުގެ ބިރު
އިފްރާޒް އަލީ
އިފްރާޒް އަލީ

13 މާޗް 2025

ރާއްޖެއަށް އާންމުކޮށް އެންމެ ހޫނުގަދަ ދުވަސްވަރު ކައިރިވަމުންދާއިރު، މި އަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ވަރަށް ބޮޑުވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް"ގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖެ ސަރަހައްދުގެ ކަނޑުގެ ފިނިހޫނުމިން މި ވަގުތު ހުރީ "ވޮޗް" ނުވަތަ ސަމާލުވާންވީ ދަރަޖައިގަ އެވެ. މި ވަގުތު "ވޮޗް" ލެވަލްގައި އޮތީ ދެކުނުގެ އަތޮޅުތަކެވެ.

"ކޮރަލް ރީފް ވޮޗް" އިން ލަފާކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 9-12 ހަފުތާގެ ތެރޭގައި "އެލާޓް ލެވަލް 1" ނުވަތަ ނުރައްކާތެރި ދަރަޖައަށް އަރާނެ އެވެ.

މިދިޔަ އަހަރު ވެސް ރާއްޖޭގައި ގާ ހުދުވުމުގެ ހާދިސާތައް ވަރަށް ގިނައިން ރިޕޯޓްކޮށްފައިވެ އެވެ.

އިރުވައި މޫސުން ފަށައި، ޖެނުއަރީ އިން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެ އަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ. އާންމުކޮށް ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ގާ ހުދުވުމުގެ މައްސަލަ ބޮޑުވެ އެވެ.

ގާ ހުދުވުމަކީ ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ ހާދިސާއެކެވެ. ދުނިޔެ ހޫނުވެ އެކަމުގެ އަސަރު ކަނޑުގެ ލޮނުގަނޑަށް ކުރުމުން، ގާ ހުދުވަނީ ގަލުގައި ނުވަތަ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ، ގަލަށް ދިރުން ގެނެސްދޭ ކުޑަކުޑަ ސޫތްޕެއް ކަމަށްވާ އަލްގީ ޒޫޒަންތަލޭ ގަލުން ނުކުތުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުރަކައަށް ހުދުކަން ގެނުވަ އެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަކުރެވުނު ފަހުން އެ ކަހަލަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމެވެ.

ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ ވެސް އެ ފަހަރެވެ. އެ ދިރާސާ އަށް ފަހު އެމްއެމްއާރްއައި އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވި އެވެ.