Roadha Mihaaru
ގަދަ ހޫނުން ފިހެނީ، މޫސުމީ ނުރައްކާ އޮތީ ކުރިއަށް!

ގަދަ ހޫނުން ފިހެނީ، މޫސުމީ ނުރައްކާ އޮތީ ކުރިއަށް!

01 ޖެނުއަރީ 2025

ދުނިޔެއަށް ދެން އޮތީ މޫސުމީ ގޮތުން ބިރުވެރި ދުވަސްތަކެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދުނިޔެއަށް ދެން އޮތީ މޫސުމީ ގޮތުން ބިރުވެރި ދުވަސްތަކެކެވެ.

މި ނިމުނީ ދުނިޔޭގެ މޫސުމީ ބަދަލުތަކުގެ ތާރީހު ބަދަލުކޮށްލި އަހަރެކެވެ. ބިރުވެރި ހާދިސާތަކެއް ހިނގައިފި އެވެ. އަދި މި ފެށުނު އާ އަހަރު ހާލަތު އިތުރަށް ގޯސްވުން ވެސް އެކަށީގެންވެ އެވެ.

"މި ނިމުނު އަހަރު މޫސުމީ ކަންކަން ރެކޯޑް މިންވަރަކަށް ގޯސްވި، އަދި މި އާ އަހަރުގެ ހާލަތު އިތުރަށް ގޯސްވެދާނެ. އަޅުގަނޑުމެން ކްލީން ޓެކްނޮލޮޖީއަށް އިތުރު އިސްކަމެއް ދީ، ހޫނުވަމުންދާ ދުނިޔެއަށް ހޭނި، މި ކާރިސާއިން ރައްކާތެރިވާން ޖެހޭ،" މިއަދު ފެށުނު އާ އަހަރުގެ ތަހުނިޔާ ފޮނުއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

މުދާ ބަރުކޮށްފައި އޮތް ލޮރީއެއްގެ ފަހަތުގައި އިން މީހަކު، ހޫނުން ސަލާމަތްވުމަށް ކުޑައެއް ނަގައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުދާ ބަރުކޮށްފައި އޮތް ލޮރީއެއްގެ ފަހަތުގައި އިން މީހަކު، ހޫނުން ސަލާމަތްވުމަށް ކުޑައެއް ނަގައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ނިމުނު އަހަރަކީ މިހާތަނަށް ރެކޯޑްކުރެވުނު، ދުނިޔެއަށް އެންމެ ހޫނުގަދަވި އަހަރު ކަމަށް އދ. ގެ މޫސުމާ ބެހޭ އިދާރާ، ޑަބްލިއުއެމްއޯ އިން ވެސް ވަނީ ބުނެފަ އެވެ.

"ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ އަސަރު އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ކުރާތަން ފެނިއްޖެ،" ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ސެލެސްޓީ ސައުލޯ އޭއެފްޕީ އަށް ވިދާޅުވި އެވެ.

"މި އަހަރު [2024 ގައި] އަޅުގަނޑުމެންނަށް ފެނުނު ރެކޯޑް މިންވަރަކަށް ވާރޭވެހި، ފެންބޮޑުވެ، ހިތާމަވެރި އެތައް ހާދިސާއެއް ދުނިޔޭގެ ކޮންމެ ބައްރެއްގައި ވެސް ހިނގިތަން."

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ އޭނާގެ އާ އަހަރުގެ މެސެޖުގައި މި ކަންބޮޑުވުންތައް ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ފާއިތުވި ދިހަ އަހަރަކީ ދުނިޔެއަށް އެންމެ ހޫނުގަދަވި ކަމަށް ރެކޯޑްކުރެވުނު އަހަރުތަކެވެ.

މިއަދު އަޅުގަނޑަށް ރަސްމީކޮށް ބުނެވޭނެ، މިދިޔަ ދަހަރަކީ ފުރާނައަށް ނުރައްކާވާ ވަރަށް ހޫނުގަދަވި ދުވަސްތަކެއް ކަމަށް: ގުޓަރެސް: އދ. ގެ ސެކްރެޓަރީ ޖެނެރަލް

"މިއަދު އަޅުގަނޑަށް ރަސްމީކޮށް ބުނެވޭނެ، މިދިޔަ ދަހަރަކީ ފުރާނައަށް ނުރައްކާވާ ވަރަށް ހޫނުގަދަވި ދުވަސްތަކެއް ކަމަށް. މި ނިމުނު އަހަރު ހިމެނޭ ގޮތަށް، އެންމެ ހޫނުގަދަ 10 އަހަރު ކަމަށް ރެކޯޑުރެވިފައި ވަނީ ވޭތުވެދިޔަ 10 އަހަރު،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ހަލާކަށް ހުށަހެޅިގެން ނުވާނެ. ދެން ވަގުތެއް ނެތް."

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ވީހާ ވެސް ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުމަށް ގައުމުތަކުން އިސްކަންދިނުމުގެ ހާއްސަ އަމާޒެއް މި އާ އަހަރު ކަނޑައެޅުމަށް ގުޓަރެސް ގޮވާލެއްވި އެވެ.

ހޫނުގަދަ ދުވަހެއްގައި މާލޭގެ މަގަކުން އަންހެނަކު އަވިން ސަލާމަތްވުމަށް ކުޑައެއް ނަގައިގެން ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހޫނުގަދަ ދުވަހެއްގައި މާލޭގެ މަގަކުން އަންހެނަކު އަވިން ސަލާމަތްވުމަށް ކުޑައެއް ނަގައިގެން ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖެއަށް ވެސް އެނގުންވި އަހަރެއް

މާ ބޮޑު ދިރާސާތަކެއް ކުރެވިފައި އަދި ނެތަސް މިދިޔަ އަހަރަކީ ރާއްޖެއަށް ވެސް މޫސުމީ ބަދަލުތަކުގެ އެނގުންވި އަހަރެކެވެ. އާދަޔާ ހިލާފު ބައެއް ކަންތައްތައް ފާހަގަކުރެވުނެވެ.

މިދިޔަ އޮގަސްޓް މަހު އެންމެ ހަތަރު ދުވަހުން އެއް މަސްދުވަހުގެ ވާރޭ މާލެއަށް ވެހުނެވެ. ދުނިޔޭގެ ބައެއް ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީއަށް ވެސް މި ވާހަކަ އެރި އެވެ.

އަހަރުގެ އެކި ހިސާބުތަކުގައި ވެހުނު ވާރޭގައި މާލެ އާއި އެކި ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް ފެންވަދެ، އެތައް ގެއްލުމެއް ވި އެވެ. ބައެއް ރަށްރަށުގައި މީގެ ކުރިން ދުވަހަކު ވެސް ނުވާ ވަރަށް ފެންބޮޑުވި އެވެ. އަދި، ބައެއް ރަށްރަށް ވަރަށް ބޮޑަށް އުދައެރުމުގެ ހާދިސާތައް ވެސް ހިނގި އެވެ.

ނިމުނު އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހު މާލެ ސަރަހައްދަށް ހޫނުކަން އިހުސާސް ކުރެވޭ ވަރު ރެކޯޑް އަދަދަކަށް މައްޗަށް ދިޔަ އެވެ. އެއީ 48 ޑިގްރީ ސެލްސިއަސް އަށެވެ. މިފަހަރު ހޫނު މޫސުމުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވަނީ އާދަޔާ ހިލާފަށް ހޫނުކަން އިހުސާސްކުރެވިފަ އެވެ.

މާލޭގެ މަގެއްގައި ފެންބޮޑުވެފައި: ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ބައެއް ގެތަކުން މީހުން ބަދަލުކުރަން ވެސް ޖެހުނު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭގެ މަގެއްގައި ފެންބޮޑުވެފައި: ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ބައެއް ގެތަކުން މީހުން ބަދަލުކުރަން ވެސް ޖެހުނު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު، ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް ވެސް ހިނގި އެވެ. ބައެއް ދިރާސާވެރިން އޭރު ބުނި ގޮތުގައި، އެއީ 2016 ގައި ހިނގި ގާ ހުދުވުމުގެ ބޮޑު ހާދިސާއަށް ފަހު އެންމެ ނުރައްކާވި ފަހަރެވެ. ރާއްޖޭގެ ބައެއް ފަރުތައް ވަރަށް ބޮޑު ހުދުވެފައި ހުރި މަންޒަރު ފެންނަ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އޭރު އާންމުވި އެވެ.

ބިރު، ހަގީގަތަކަށް!

މީގެ ނުވަ އަހަރު ކުރިން 2015 ގައި އެކުލަވާލި ޕެރިސް އެގްރީމެންޓުގެ މައިގަނޑު އަސާސަކީ ދުނިޔޭގެ ސިނާއީ އިންގިލާބުގެ ކުރިން ހުރި ވަރަށް ވުރެ ނުވަތަ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމެވެ.

ނަމަވެސް، މީގެ ކުރިން ދުވަހަކު ވެސް ދުނިޔޭގެ ހޫނުމިން ނުދާހާ މައްޗަށް މިހާރު ވަނީ ގޮސްފަ އެވެ.

ދުނިޔޭގެ ފިނިހޫނުމިން މިހާރު ހުރީ ސިނާއީ އިންގިލާބުގެ ކުރިން ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް މަތިކޮށް ކަމަށް ޑަބްލިއުއެމްއޯގެ މޫސުމީ ރެކޯޑްތަކުން ދައްކަ އެވެ.

ޑަބްލިއުއެމްއޯ އިން މިދިޔަ ނޮވެމްބަރު މަހު ބުނި ގޮތުގައި، މިދިޔަ އަހަރު ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދުނިޔޭގެ ހޫނުމިން ހުރީ 1.54 ޑިގްރީ ސެލްސިއަސްގަ އެވެ. އޭގެ ކުރީ އަހަރު ހުރީ 1.45 ޑިގްރީ ސެލްސިއަސްގަ އެވެ.

މޫސުމީ ރިކޯޑްތަކަށް ބަލައި ދުނިޔޭގެ ހޫނުމިން ހުރި ވަރު ދައްކައިދޭ ޗާޓެއް | އިންފޯގްރެފިކްސް: އޭއެފްޕީ

މޫސުމީ ރިކޯޑްތަކަށް ބަލައި ދުނިޔޭގެ ހޫނުމިން ހުރި ވަރު ދައްކައިދޭ ޗާޓެއް | އިންފޯގްރެފިކްސް: އޭއެފްޕީ

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ސަބަބުން ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފި ނަމަ، ދުނިޔޭގެ މުރަކަ ފަރުތަކުގެ 70-90 ޕަސެންޓު އަދި ދެ ޑިގްރީ އަށް ވުރެ މަތިވެއްޖެ ނަމަ، ފަރުތަކުގެ 99 ޕަސެންޓް ނެތިގެންދާނެ ކަމުގެ އިންޒާރު ސައިންސްވެރިން އައީ ދެމުންނެވެ.

ޕެރިސް އެގްރީމަންޓުގައި ސޮއިކޮށް 2015 ވަނަ އަހަރު 196 ގައުމަކުން އެއްބަސްވީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށެވެ. އަދި ކޮންމެހެން ވެސް ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށެވެ. އެއީ ގައުމުތަކުން ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތައް މަދުކޮށްގެން ދުރު ރާސްތާއަށް ވިސްނައިގެންނެވެ.

ސައިންސްވެރިން އެ އިންޒާރު ދިނީ ދުނިޔޭގެ ހޫނުމިން އެއަށް ވުރެ މަތިވެއްޖެ ނަމަ، ދުނިޔޭގެ ވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމުގެ ބިރު ބޮޑުވުމުންނެވެ. އެކަމަކު، ގައުމުތަކުން އޭރު އެއްބަސްވި އަމާޒު ހާސިލުނުކުރެވި، މިހާރު މި އޮތީ އެ ބިރު ގާތްގަނޑަކަށް ހަގީގަތަކަށް ވެފަ އެވެ.