Roadha Mihaaru
ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރު ބޭނުން

ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރު ބޭނުން: އދ

31 އޯގަސްޓް 2022

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިމަތިވަމުންދާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުން ގެއްލުން ލިބިފައިވާ މީހުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 160 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ. މަޖިލީހުން އިއްޔެ ބުނެފި އެވެ.

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިމަތިވަމުންދާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުން ގެއްލުން ލިބިފައިވާ މީހުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 160 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ. މަޖިލީހުން އިއްޔެ ބުނެފި އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުން ދާ ވިއްސާރައިގައި އެ ގައުމުގެ ތިން ބައިކުޅަ އެއް ބައި މިހާރު އޮތީ ފެނު އަޑީގަ އެވެ. ކޯރުތައް ފުރިގެން ބަންޑުންވެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާ އިރު، ފެންގަނޑުގެ ތެރެއަށް ގެނބިގެން 1350 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިތުރު 50 މިލިއަން މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އިރު، 900000 އަށް ވުރެ ގިނަ ގެރިބަކަރި އާއި ކުކުޅު ފަދަ ތަކެތި ވަނީ މަރުވެފަ އެވެ.

ކޯރުތައް ފުރިގެން ބަންޑުންވެ، ބާރު އޮއިވަރާއެކު ވާދީތަކުން ދެމިގެން އަންނަ ފެންގަނޑު އަވަށްތަކުގެ މަގުތަކުން ތިރިއަށް ފައިބައިގެން ދާއިރު، ވެލިގަނޑު ކެހިގެން ދިއުމުން އެތައް އިމާރާތެއް ވަނީ ފެންގަނޑުގެ ތެރެއަށް ގަނަބައިގެންފަ އެވެ. އަދި ބައެއް ގެތައް ވެއްޓި ހަލާކުވެފައިވެ އެވެ. ކޯރުތައް ހުރަސްކުރުމަށް އަޅާފައިވާ 220 އަށް ވުރެ ގިނަ ބްރިޖު ހަލާކުވެ މިލިއަނަކަށް ވުރެ ގިނަ ގެ ވަނީ ހަލާކުވެފަ އެވެ.

އޮގަސްޓް 31، 2022: ޕާކިސްތާނަށް މިހާރު ކުރަ،މުންދާ ވިއްސާރައިގައި ބަލުޗިސްތާން ޕްރޮވިންސްގެ ޖައްފާރް އަވަށުގައި ފެންބޮޑުވެފައި. --އޭއެފްޕީ

އޮގަސްޓް 31، 2022: ޕާކިސްތާނަށް މިހާރު ކުރަ،މުންދާ ވިއްސާރައިގައި ބަލުޗިސްތާން ޕްރޮވިންސްގެ ޖައްފާރް އަވަށުގައި ފެންބޮޑުވެފައި. --އޭއެފްޕީ

ޕާކިސްތާނު ސަރުކާރުން ބުނާ ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން ދަނޑުބިންތަކުގެ 90 ޕަސެންޓް ވަނީ ހަލާކުވެފަ އެވެ. މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އިގްތިސާދީ ގޮތުން މިހާތަނަށް ލިބުނު ގެއްލުމުގެ މިންވަރު 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މިހާރު ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ގޮވާލައްވައި، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޕާކިސްތާނު އޮތީ ތަކުލީފުތަކަކުން ވަށައިލެވިފައި ކަމަށެވެ. އަދި އެ ގައުމަށް މިހާރު ލިބިފައިވާ ގެއްލުމަށް ބަލާއިރު، މުޅި ދުނިޔޭގެ އެއްބާރުލުން ލިބިގެން ނޫނީ، ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކުރިމަތިވެފައިވާ ފެން ބޮޑުވުމުގެ ހާދިސާއަކީ ދުނިޔެ ހޫނުވުން ހުއްޓުވުމަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ދިން އިޝާރާތެއް ކަމަށެވެ.

"މޫސުމީ ބަދަލުތަކުގެ ސަބަބުން އަހަރެމެންގެ މި ބިން ފަނާވަމުންދާ އިރު، ނިދީގައި ހިނގުން ހުއްޓައިލަމާ ހިނގާ. މިއަދު ފަނާވަމުން އެދަނީ ޕާކިސްތާން. މާދަމާ ތިބާގެ ގައުމަށް ވެސް މި ގޮތް މެދުވެރިވެދާނެ،" އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ދުއިސައްތަ ވިހި މިލިއަން މީހުންގެ މައްޗަށް އެކުލެވޭ ޕާކިސްތާނުގެ އާބާދީގެ 20 ޕަސެންޓަށް ވުރެ ގިނަ މީހުން މިހާރު ހާލުގައި ޖެހިފައިވާ އިރު، އެ ގައުމުގެ މޫސުމާ ބެހޭ އިދާރާތަކުން މިއަދު ވެސް ބުނީ، ކުރިއަށް އޮތް ހަފުތާތަކުގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރަ ހުއްޓޭނީ ކޮން ދުވަހަކުން ކަން ބުނަން ނޭނގޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އޮގަސްޓް 31، 2022: ޕާކިސްތާނަށް މިހާރު ކުރަ،މުންދާ ވިއްސާރައިގައި ހާލުގައި ޖެހިފައިވާ މީހުން ވަގުތީ ގޮތުން ތިބުމަށް ބަލުޗިސްތާން ޕްރޮވިންސްގައި ޖަހާފައިވާ ފޭލިގެތަކެއްގައި ދިރިއުޅޭ ބަޔަކު ކާބޯތަކެތި ހޯދުމަށް ކިޔޫގައި. --އޭއެފްޕީ

އޮގަސްޓް 31، 2022: ޕާކިސްތާނަށް މިހާރު ކުރަ،މުންދާ ވިއްސާރައިގައި ހާލުގައި ޖެހިފައިވާ މީހުން ވަގުތީ ގޮތުން ތިބުމަށް ބަލުޗިސްތާން ޕްރޮވިންސްގައި ޖަހާފައިވާ ފޭލިގެތަކެއްގައި ދިރިއުޅޭ ބަޔަކު ކާބޯތަކެތި ހޯދުމަށް ކިޔޫގައި. --އޭއެފްޕީ

ޕާކިސްތާން ސަރުކާރުން ބުނި ގޮތުގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ޕާކިސްތާނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ އިރު، އެ ގެއްލުންތައް ފޫބެއްދުމުގައި އެހީތެރިވުމަކީ މުޅި ބައިނަލްއަގުވާމީ މުޖްތަމައުގެ ޒިންމާއެކެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވާލް ބުއްޓޫ-ޒަރްދާރީ ވިދާޅުވި ގޮތުގައި ހާލުގައި ޖެހިފައިވާ އެތައް ލައްކަ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން، ވަންނާނެ ހިޔާވަހިކަމެއް ނެތި ހާމަ ތަންތަނުގައި އުޅެމުންދާތާ އެތައް ހަފުތާއެއް ވެއްޖެ އެވެ. ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެމީހުންނަށް ކާބޯތަކެއްޗާއި ސާފު ބޯފެނާއި ސިއްހީ ޚިދުމަތް ވެސް އެކަށީގެންވާ މިންވަރަށް ނުލިބެ އެވެ.

އެހެންކަމުން، ހާލުގައި ޖެހިފައިވާ މީހުންނަށްޓަކައި ފޭލިގެތަކާއި މަދިރި ދަލާއި ކާބޯތަކެތި ވަރަށް އަވަހަށް ބޭނުންވާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.