Roadha Mihaaru
2022: ރެކޯޑް އަދަދަކަށް ގެދޮރު ގެއްލުނު އަހަރެއް

ހަނގުރާމަ އާއި ކާރިސާތަކުގައި ގެދޮރު ގެއްލުނު ވަރު ރެކޯޑް އަދަދަކަށް މައްޗަށް

12 މެއި 2023

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގެ ސަބަބުން، މިދިޔަ އަހަރުގެ ތެރޭގައި ގެދޮރު ގެއްލި އެކި ތަންތަނަށް ވިއްސިވިހާލިވި މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް ހިނގައްޖެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގެ ސަބަބުން، މިދިޔަ އަހަރުގެ ތެރޭގައި ގެދޮރު ގެއްލި އެކި ތަންތަނަށް ވިއްސިވިހާލިވި މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް ހިނގައްޖެ އެވެ.

ޖެނީވާގައި ހުންނަ އިންޓާނަލް ޑިސްޕްލޭސްމެންޓް މޮނިޓަރިން ސެންޓަރު (އައިޑީއެމްސީ)ގެ ފަރާތުން މިއަދު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ހަނގުރާމަތަކާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން، މިދިޔަ އަހަރު ގެދޮރު ދޫކޮށް ވިއްސިވިހާލިވި މީހުންގެ އަދަދަކީ 71.1 މިލިއަނެވެ. މިއީ 2021 ވަނަ އަހަރާ އަޅައި ބަލާއިރު 20 ޕަސެންޓް އިތުރު އަދަދެކެވެ.

މިއީ މިފަދަ ސަބަބުތަކާ ހުރެ ގެދޮރު ދޫކޮށް އަމިއްލަ ގައުމުގެ އެކި ތަންތަނަށް ބަދަލުވެފައިވާ މީހުންގެ އަދަދެވެ. އެފަދަ ސަބަބުތަކާ ހުރެ ގެދޮރާއި އަމިއްލަ ގައުމުވެސް ދޫކޮށް އެހެން ގައުމުތަކަށް ހިޖްރަކޮށްފައިވާ މީހުންނާ އެކު، މި އަދަދު މާ ބޮޑަށް ވެސް އިތުރުވާނެ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެފަދަ ސަބަބުތަކާ ހުރެ އަމިއްލަ ގެދޮރު ދޫކޮށް ގައުމުގެ އެކި ތަންތަނަށް ބަދަލުވާން ޖެހެނީ، އަމިއްލަ ގެދޮރުގައި ދިރިއުޅުމަކީ ރައްކާތެރިކަމަކަށް ނުވުމުންނެވެ. ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ބަދަލުވާ މައިގަނޑު ސަބަބަކީ، ހަނގުރާމަ ނިމޭނެ ވަކި މުއްދަތެއް ނޭނގޭތީ، އެއަށް ވުރެ ރައްކާތެރި އަމާން ތަނެއްގައި ދިރިއުޅުމުގެ ބޭނުގަ އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިދިޔަ އަހަރުގެ ކުރީކޮޅު ފެށި ހަނގުރާމައިގެ ސަބަބުން، މިދިޔަ އަހަރު ނިމުނު އިރު ޔޫކްރޭންގެ 5.9 މިލިއަން މީހުން ވަނީ އަމިއްލަ ގެދޮރު ދޫކޮށް، ގައުމުގެ އެކި ހިސާބުތަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. މިއީ ނިސްބަތުން ބަލާއިރު، ސީރިޔާ ހަނގުރާމައިގެ ތެރޭގައިވެސް، އަމިއްލަ ގައުމުގެ ތެރޭގައި ވިއްސިވިހާލިވި އަދަދަށް ވުރެ މަތީ އަދަދެކެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށް 10 އަހަރު ވެގެން ދިޔަ އިރު، އަމިއްލަ ގެދޮރު ދޫކޮށް އެ ގައުމުގެ އެކި ސަރަހައްދުތަކަށް ވިއްސިވިހާލި މީހުންގެ ޖުމްލަ އަދަދަކީ، 6.8 މިލިއަން މީހުންނެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 680 ހާސް މީހުންނެވެ. ނަމަވެސް ޔޫކްރޭނުގައި އެންމެ 10 މަސް ތެރޭގައި، 5.9 މިލިއަން މީހުން ވަނީ، ގައުމުގެ އެކި ތަންތަނަށް ވިއްސިވިހާލިވެފަ އެވެ.

އައިޑީއެމްސީ ހިންގުމާ ހަވާލުވެ ހުންނެވި ނޯވޭގެ ރެފިއުޖީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޖޭން އީގްލޭންޑް ވިދާޅުވި ގޮތުގައި ހަނގުރާމަތަކާއި ކާރިސާތަކުގެ ސަބަބުން، ގެދޮރު ދޫކޮށް އަމިއްލަ ގައުމުގެ އެކި ތަންތަނަށް ވިއްސިވިހާލިވި މީހުންގެ އަދަދު މިދިޔަ އަހަރު މަތިވެގެން ދިޔައީ ހީކުރިވަރަށް ވުރެ މާ ބޮޑަށެވެ.

މުޅި ދުނިޔެ އަށް ބަލާއިރު، ފެންބޮޑުވުމާއި ކާބޯތަކެއްޗަށް ޖެހުމުގެ ސަބަބުން، އަމިއްލަ ގެދޮރު ދޫކޮށް ގައުމުގެ އެކި ތަންތަނަށް، މިދިޔަ 2022 ގައި ވިއްސިވިހާލިވި މީހުންގެ އަދަދު ވަނީ 8.7 މިލިއަނަށް އަރައިފަ އެވެ. މިއީ 2021 ވަނަ އަހަރާ އަޅައި ބަލާއިރު 45 ޕަސެންޓްގެ އިތުރުވުމެކެވެ.

ހިޖްރަކުރާ މީހުންގެ ކަންތައް ބަލަހައްޓާ، އދ.ގެ އިދާރާ އިން މި ހަފުތާގައި ބުނެފައިވާ ގޮތުގައި މިހާރު ސޫދާނުގައި ފެށިފައިވާ ހަނގުރާމައަށް އެންމެ ތިން ހަފުތާވި އިރު، އެ ގައުމުގެ 700000 އަށް ވުރެ ގިނަ މީހުން އަމިއްލަ ގެދޮރު ދޫކޮށް ގައުމުގެ އެހެން ތަންތަނަށް ވިއްސިވިހާލިވެއްޖެ އެވެ.

އައިޑީއެމްސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން 2022 ވަނަ އަހަރުގެ ތެރޭގައި ގުދުރަތީ ކާރިސާތައް އާދަޔާ ޚިލާފަށް އިތުރުވެ ލިބުނު ގެއްލުންތައް ވެސް ބޮޑުވީ، އޭގެ ދެ އަހަރު ކުރިން ފެށިގެން ކުރިމަތިވެފައިވާ ލާ ނީނާގެ ސަބަބުންނެވެ. ލާ ނީނާގެ ސަބަބުން ޕާކިސްތާން، ނައިޖީރިއާ އަދި ބްރެޒީލްގައި އާދަޔާ ޚިލާފަށް ފެންބޮޑުވެ، އެތައް ބަޔަކު ގެދޮރު ގެއްލިގެން ދިޔަ އެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ލާ ނީނާގެ ސަބަބުން، ސޯމާލިއާ، ކެންޔާ އަދި އިތިއޮޕިޔާ އަށް އާދަޔާ ޚިލާފަށް ހޫނު ގަދަވެ، ދަނޑުބިންތައް ނެތި ދިއުމާ ގުޅިގެން ވެސް އެތައް ބަޔަކު، އަމިއްލަ ގެދޮރު ދޫކޮށް އެއަށް ވުރެ ރައްކާތެރި ތަންތަނަށް ދަތުރުކުރި އެވެ.