Roadha Mihaaru
ބްރެޒިލްގެ އުތުރުގައި ފެންބޮޑުވެ 20 މީހުން މަރުވެއްޖެ

ބްރެޒިލްގެ އުތުރުގައި ފެންބޮޑުވެ 20 މީހުން މަރުވެއްޖެ

28 ޑިސެމްބަރ 2021

ބްރެޒިލްގެ ތާރީޚުގައި ވެސް މިހާތަނަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ނުރައްކާތެރި ހާދިސާގައި، އެ ގައުމުގެ އުތުރު ސަރަހައްދުން މަދުވެގެން 20 މީހަކު މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

ބްރެޒިލްގެ ތާރީޚުގައި ވެސް މިހާތަނަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ނުރައްކާތެރި ހާދިސާގައި، އެ ގައުމުގެ އުތުރު ސަރަހައްދުން މަދުވެގެން 20 މީހަކު މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

ގާތްގަނޑަކަށް 15 މިލިއަން މީހުން ދިރިއުޅޭ ބަހިއާ ސްޓޭޓްގައި ފެންބޮޑުވާން ފެށިތާ ދެ ހަފުތާ ވެގެންދާއިރު، އިއްޔެ އާއި ރޭ ވެސް ވަރަށް ބޯކޮށް ވާރޭ ވެހުނެވެ. އެ ސްޓޭޓްގައި ހަދާފައިވާ ބައެއް ޑޭމްތަކުގެ ބައެއް ތަނބުތައް ބިންދައިގެން ގޮސް ވެއްޓުމާ ގުޅިގެން، މީހުން ދިރިއުޅޭ ސަރަހައްދަށް ކޯރުގެ ފެންގަނޑު ބަންޑުން ދާން ފެށިތާ މިހާރު ދެ ދުވަސްވީ އެވެ.

ބަހިއާ ސްޓޭޓްގެ 72 މުނިސިޕަލްޓީ ސަރަހައްދެއްގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ބައެއް އިމާރާތްތަކުން ނުނުކުމެވި އެތައް ހާސް ބަޔަކު ތިބި އިރު، މީހުން ސަލާމަތްކުރުމާ ބެހޭ އިދާރާގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ، އިމާރާތްތަކުގައި ތިބި މީހުންނަށް ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށްދިނުމަށެވެ.

ނަމަވެސް ބައެއް ހައިވޭތަކުގައި އެއްގަމު އުޅަނދުގެ އިސްކޮޅު ނުކާ ވަރަށް ފެންބޮޑުވެފައި ވާތީ އާއި ބައެއް ބްރިޖްތައް ވެއްޓިފައިވާތީ، އެހީގެ ސާމާނު ގެންދިއުމުގައި ހުރަސްތަކެއް ކުރިމަތިވާ ކަމަށް އެހީދޭ ފަރާތްތަކުން ބުނެ އެވެ. މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ، މިދިޔަ ހަފުތާގައި ދެ ޑޭމް ހަލާކުވި ޖުއްސިއާޕޭ ސިޓީ އާއި އިޓަމްބޭ ސިޓީގައި ދިރިއުޅޭ މީހުންނަށެވެ. އަދި އެ ސަރަހައްދާ ކައިރީގައި އޮންނަ އިޓަބޫނާ ސިޓީގައި ދިރިއުޅޭ މީހުންނަށް ވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެ އެވެ.

ބައެއް ސަރަހައްދުތަކުގައި އިމާރާތްތަކުގެ ފުރަތަމަ ބުރީގެ މެދަކާ ހަމައަށް ފެންގަނޑު އުފުލިފައިވާ އިރު، މީހުން ސަލާމަތްކުރުމުގެ މީހުން ކުދި ޑިންގީއާއި ބޮއްކުރާ ފަދަ ތަކެތީގައި ނުކުމެ، އިމާރާތްތަކުން މީހުން ނެރެނީ، ދެ ވަނަ ބުރީގެ ކުޑަދޮރުތަކުންނެވެ. މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑުގައި އޮއިވަރު ގަދަކަމުން، އިމާރާތްތަކުން ނުކުމެން މަގު ހުރަސްކޮށް، ރައްކާތެރި ތަންތަނަށް ދަތުރުކުރުން ވެސް ވަނީ ވަރަށް ނުރައްކާތެރި ކަމަކަށް ވެފަ އެވެ.

ބަހިއާ ސްޓޭޓްގެ، އަލިފާން ނިއްވާ އިދާރާގެ ތަރުޖަމާނު ބުނި ގޮތުގައި، އެ ސްޓޭޓްގެ ތިން އަވަށަކުން މިހާރު ވަނީ 200 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފަ އެވެ. މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި އޮއިވަރު ގަދަކަމުން، ޖެޓް ސްކީގައި ވެސް އޮޔާ ދެކޮޅަށް ދަތުރުކުރުން އުނދަގޫ ކަމަށް އޭނާ ބުންޏެވެ.

އެންމެ ބޮޑަށް ފެންގަނޑު ބޮޑުވުމުގެ ކުރިން އިމާރާތްތަކުން ނުކުތް މީހުންގެ ތެރެއިން، މިހާތަނަށް 16000 އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަމެއް ނެތި އެބަ ތިއްބެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި، އެ އިދާރާ އިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ކޯރުތައް ފުރިގެން ބަންޑުންވާ ވަގުތު، ހަލާކުވެދާނެ ކަމުގެ ނުރައްކާ ބޮޑު ކަމަށް ބެލެވޭ އިތުރު 10 ޑޭމަކާ ކައިރި ސަރަހައްދުތަކުން މީހުން ދުރަށް ގެންދިއުމަށެވެ.

އަލިފާން ނިއްވާ އިދާރާގެ މުވައްޒަފުންގެ އިތުރުން ސިފައިންނާއި ފުލުހުން ވެސް މިހާރު ވަނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ނެރެފަ އެވެ. ވެރިރަށް ސެލްވަޑޯގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމަކީ އާންމު ކަމަކަށް ވިޔަސް، މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މިހާތަނަށް ވާރޭ ވެހުނު މިންވަރު، އެހެން އަހަރުތަކާ އަޅައި ބަލާއިރު ހަ ގުނަ އިތުރުވެއްޖެ އެވެ.