Roadha Mihaaru
ޑެނިއަލް ތޫފާނުގައި ލީބިޔާއިން 2000 މީހުން މަރު

ޑެނިއަލް ތޫފާނުގައި ލީބިޔާއިން 2000 މީހުން މަރުވެއްޖެ

12 ސެޕްޓެމްބަރ 2023

މެޑިޓެރޭނިއަން ކަނޑުގައި އުފެދުނު ބާރު ގަދަ ތޫފާން ޑެނިއަލް، ލީބިޔާ އަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމާ ގުޅިގެން، 2000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އެ ގައުމުން ބުނެފި އެވެ.

މެޑިޓެރޭނިއަން ކަނޑުގައި އުފެދުނު ބާރު ގަދަ ތޫފާން ޑެނިއަލް، ލީބިޔާ އަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމާ ގުޅިގެން، 2000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ލީބިޔާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސަރުކާރުގެ ބޮޑުވަޒީރު އުސާމާ ހަމަދް ވިދާޅުވި ގޮތުގައި ތޫފާން ޑެނިއަލްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެ ގައުމުގެ އިރުމަތީ ސަރަހައްދުގެ ބަނދަރު ސަހަރެއް ކަމަށްވާ ދަރްނާ އަށެވެ. އެ ސަހަރުން އެކަނި ވެސް 2000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބެލެވޭ އިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓްކުރި މީހުންގެ އަދަދު މިހާރު ވަނީ 6000 އަށް ކައިރިވެފަ އެވެ.

ދަރްނާ އަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ، އެ ސަހަރުގެ ތެރެއިން މެޑްޓްރޭނިއަން ކަނޑަށް ދެމިފައި އޮންނަ ދެ ކޯރެއްގައި ހަދާފައިވާ ދުވަސްވީ ދެ ޑޭމެއް ހަލާކުވެ އެ ދެ ޑޭމް ހުރި ސަރަހައްދަށް ކޯރުގެ ފެންގަނޑު ބަންޑުން ވުމުގެ ސަބަބުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކޯރު ބަންޑުންވުމުގެ ސަބަބުން، ބޮޑު ސަރަހައްދެއްގައި ވަނީ 10 ފޫޓަށް ވުރެ މައްޗަށް ފެންގަނޑު ބޮޑުވެފަ އެވެ.

ދަރްނާގައި ބޮޑުވި ފެންގަނޑު ބާރު އޮޔާއެކު މެޑްޓެރޭނިއަން ކަނޑުގެ ތެރެއަށް ފައިބައިގެން ދިޔަ އިރު، ގެއްލިފައިވާ އެންމެންނަކީ ވެސް އެ ފެންގަނޑާއެކު ކަނޑުގެ ތެރެއަށް އޮޔާ ގޮސްފައިވާ މީހުން ކަމަށް ބެލެވެ އެވެ.

ދަރްނާ ސަހަރަކީ ވަށައިގެން ފަރުބަދަތައް ހިމެނޭ ވާދީއެއްގެ ތެރޭގައި އޮންނަ ސަހަރަކަށް ވުމާއެކު، ކޯރު ބަންޑުންވުމުގެ ސަބަބުން ބޮޑުވި ފެންގަނޑު، މެޑްޓެރޭނިއަން ކަނޑުގެ ތެރެއަށް ފައިބައިގެން ގޮސް ހުސްވަންދެން، ގިނަ ވަގުތުތަކެއް ވަންދެން އެ ސަހަރުގެ ތެރޭގައި ހިފެހެއްޓިފައި އޮތެވެ. ބާރު އޮޔާއެކު ފެންގަނޑު ދަތުރު ކުރަމުން ދިއުމުގެ ސަބަބުން އެ ސަހަރުގެ ވަރަށް ގިނަ ގެތައް ވެއްޓި، އެތައް ހާސް އެއްގަމު އުޅަނދެއް ވެސް ވަނީ އޮޔާއެކު ކަނޑުގެ ތެރެއަށް ގޮސްފަ އެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ދެ ޑޭމް ހަލާކުވެ ކޯރުގެ ފެންގަނޑު ބަންޑުންވުމުގެ ސަބަބުން ދަރްނާ ސަހަރުގެ ތެރެއަށް 30 މިލިއަން ކޮޑި މީޓަރުގެ ފެން އެޅިފައިވާނެ އެވެ. ކޯރު ބަންޑުންވެ ދަރްނާ ސަހަރުގައި ފެން ބޮޑުވެގެން ދިޔައީ ދަންވަރު މީހުން ނިދާފައި ތިބި ވަގުތު ކަމަށްވާތީ، އެ ހާދިސާ އިން ސަލާމަތްވާން މަސައްކަތް ކުރުމަށް އެކަށޭނަ ވަގުތެއް ވެސް ގިނަ މީހުންނަށް ނުލިބޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޑެނިއަލް ތޫފާންގެ ސަބަބުން ފެން ބޮޑުވެފައިވާ ސަރަހައްދުން ކަރަންޓާއި އިންޓަނެޓްގެ ޚިދުމަތް ކެނޑިފައިވާތީ، އެ ސަރަހައްދުގެ އާންމު ހާލަތު މިހާރު ހުރި ގޮތް ސާފު ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ގިނަ އަދަދެއްގެ ގެދޮރު ހަލާކުވެފައިވާތީ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދާޚިލީ ހަނގުރާމައިގެ ސަބަބުން ގައުމު ދެ ބައިވެ އިރުމަތީގައި ވަކި ސަރުކާރެއް އަދި ހުޅަނގު ސަރަހައްދުގައި ވަކި ސަރުކާރެއް އޮތް އިރު، ކުރިމަތިވާ މިފަދަ ގުދުރަތީ ކާރިސާތަކުގައި ހާލުގައި ޖެހޭ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ނެތެވެ.