Roadha Mihaaru
ބިޕަރްޖޯއީގެ ބާރު ދަށްވެ، އާންމުން ގެދޮރުތަކަށް

ބިޕަރްޖޯއީގެ ބާރު ދަށްވެ، އާންމުން ގެދޮރުތަކަށް

18 ޖޫން 2023

ގުޖްރާތު (ޖޫން 18) - މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އާއި ޕާކިސްތާނަށް އެރި، ބާރުގަދަ ތޫފާން ބިޕަރްޖޯއީ (އާފާތް)ގެ ބާރު ދަށްވެ، އާދައިގެ ކޮޅިގަނޑަކަށް ބަދަލުވެ ވައި ވެސް މަޑުވުމާ ގުޅިގެން، އެ ތޫފާނުން ރައްކާތެރިވުމަށް އެހެން ސަރަހައްދުތަކަށް ގޮސް ތިބި އާންމުން އެނބުރި އެމީހުންގެ ގެދޮރަށް އަންނަން ފަށައިފި އެވެ.

ގުޖްރާތު (ޖޫން 18) - މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އާއި ޕާކިސްތާނަށް އެރި، ބާރުގަދަ ތޫފާން ބިޕަރްޖޯއީ (އާފާތް)ގެ ބާރު ދަށްވެ، އާދައިގެ ކޮޅިގަނޑަކަށް ބަދަލުވެ ވައި ވެސް މަޑުވުމާ ގުޅިގެން، އެ ތޫފާނުން ރައްކާތެރިވުމަށް އެހެން ސަރަހައްދުތަކަށް ގޮސް ތިބި އާންމުން އެނބުރި އެމީހުންގެ ގެދޮރަށް އަންނަން ފަށައިފި އެވެ.

އިންޑިއާ އިން ބުނި ގޮތުގައި ތޫފާން ދަތުރުކުރާނެ ކަމަށް ބެލެވޭ މަގުގައި، އަރަބި ކަނޑުގެ އައްސޭރިފަށާ ކައިރީގައި ހުރި، އިންޑިއާގެ އަވަށްތަކުން ލައްކައަކަށް ވުރެ ގިނަ މީހުން، ރައްކާތެރި ވަގުތީ ހިޔާތަކަށް ބަދަލުކުރި އެވެ. އަދި ތޫފާންގެ ބާރު ދަށްވުމާ އެކު، ވަގުތީ ހިޔާތަކުގައި ތިބި މީހުން އިއްޔެ މެންދުރުން ފެށިގެން އެމީހުންގެ ގެދޮރަށް ބަދަލުވާން ފަށައިފި އެވެ.

ގުޖަރާތުގެ ސަރަހައްދީ ސަރުކާރުން ބުނި ގޮތުގައި ތޫފާން އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް އަލުން ގުޅައިދީފަ އެވެ. ނަމަވެސް 1500 އެއްހާ އަވަށަށް އަދިވެސް ކަރަންޓު ނުލިބޭ ކަމަށް ސަރުކާރުން ބުނެ އެވެ.

އިންޑިއާގެ ގުޖަރާތަށް ތޫފާން އެރުމާ ގުޅިގެން، ތޫފާންގެ ބާރު ވަޔާއެކު އެ ސަރަހައްދުތަކުން ގިނަ އަދަދެއްގެ ގަސްތައް މުލުން ލުހިގެން ދިޔަ އެވެ. އަދި އަވަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ޖަހާފައި ހުރި ގިނަ އަދަދެއްގެ ހޮޅިދަނޑިތައް ވެސް ވެއްޓުމާ ގުޅިގެން ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.

އޭގެ އިތުރުން ތޫފާން އެރި ބައެއް ސަރަހައްދުތަކުގެ ބޯފެނުގެ ނިޒާމަށް ވެސް ގެއްލުން ލިބި، ބައެއް ސަރަހައްދުތަކުން ފެނުގެ ޚިދުމަތް ކެނޑުނެވެ. އަދި ބައެއް ގެތަކަށް ވެސް ގެއްލުން ލިބުނެވެ. ނަމަވެސް ދިރިނުއުޅެވޭ ވަރަށް އެއްވެސް ގެއަކަށް ގެއްލުން ނުލިބޭ ކަމަށް ސަރުކާރުން ބުނެ އެވެ.

އެ ސަރަހައްދުގެ އާންމުން ބުނި ގޮތުގައި ތޫފާން އަރާނެކަމަށް މޫސުމާ ބެހޭ އިދާރާތަކުން އިންޒާރުކުރުމާ ގުޅިގެން، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުން ރައްޔިތުންނަށް ލިބުނު ގެއްލުން ވަރަށް ކުޑަ އެވެ.

އާންމުން އެނބުރި ގެތަކަށް ބަދަލުވަމުން އަންނަ އިރު، ގެއްލުން ލިބުނު އަވަށްތަކުގެ ކަރަންޓާއި ފެނުގެ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން މަގުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް، މަގުތަކަށް އެޅިފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ބުރާސްފަތި ދުވަހު މެންދުރު ފަހު، ގުޖަރާތުގެ އައްސޭރިފަށަށް ބިޕަރްޖޯއީ އެރި އިރު، ވައި ޖެހެމުން ދިޔައީ ގަޑިއަކު 85 ކިލޯމީޓަރު (53 މޭލު) ބާރުމިނުގަ އެވެ. އަދި ބައެއް ވަގުތުތަކުގައި ގަޑިއަކު 105 ކިލޯމީޓަރު (65 މޭލު) ބާރުމިނުގައި ވައި ޖެހުނެވެ.

އަދި އިއްޔެ މެންދުރު ފަހު ތޫފާންގެ ބާރު ދަށްވެ އާދައިގެ ކޮޅިގަނޑަކަށް ބަދަލުވި ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ. އަދި ތޫފާން އެރި ސަރަހައްދަށް މިއަދު މޫސުން ރަނގަޅު ކަމަށާއި، މި ތޫފާންގައި އެއްވެސް މީހެއްގެ ފުރާނަ ނުގެއްލޭ ކަމަށް ވެސް ގުޖަރާތު ސަރުކާރުން ބުންޏެވެ.