Roadha Mihaaru
މާލޭގެ 11 ގެއަކުން 54 މީހަކު ވަގުތީ ތަންތަނަށް!

ވިއްސާރައިގެ ކާރިސާ: މާލޭގެ 11 ގެއަކުން 54 މީހަކު ވަގުތީ ތަންތަންނަށް!

01 ޖެނުއަރީ 2024

އިއްޔެ ރެއިން ފެށިގެން މާލެ އަށް ވެހެމުން ދިޔަ ބޯ ވާރެއާ ގުޅިގެން ލިބުނު ގެއްލުންތަކުގައި 11 ގެ އަކުން 54 މީހަކު ވަގުތީ ތަންތަނަށް ބަދަލު ކޮށްފައިވާ ކަމަށް އެމްއެންޑީއެމްއޭ އިން ރޭ ބުނެފި އެވެ.

އިއްޔެ ރެއިން ފެށިގެން މާލެ އަށް ވެހެމުން ދިޔަ ބޯ ވާރެއާ ގުޅިގެން ލިބުނު ގެއްލުންތަކުގައި 11 ގެ އަކުން 54 މީހަކު ވަގުތީ ތަންތަނަށް ބަދަލު ކޮށްފައިވާ ކަމަށް އެމްއެންޑީއެމްއޭ އިން ރޭ ބުނެފި އެވެ.

ވިއްސާރައިގެ ގެއްލުންތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި މީޑިއާ ބްރީފިންގައި އެ އިދާރާގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، ހާލުގައި ޖެހުނު 54 މީހުން ރައްކާތެރި ތަންތަަނަށް ބަދަލުކުރުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ.

އެ މީހުންނަށް އެހީތެރިކަން ދެނީ އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. އެ ތިން ދުވަހަށް އެ މީހުންގެ ކެއުންބުއިމުގެ ހުރިހާ ކަމަކާއި ގެސްޓް ހައުސްތަކުގައި ބޭތިއްބުމުގެ ހުރިހާ ހަރަދެއް ކުރާނީ އެމްޑީއެމްއޭ އިން ކަމަށް ހިސާން ވިދާޅުވި އެވެ.

"އަދި މި މުއްދަތު އިތުރު ކުރަންޖެހޭ ހާލަތެއް އަދިވެސް އޮތް ކަމުގައިވާ ނަމަ ކެއުންބުއިމުގެ އިންތިޒާމާއި ހުރުމުގެ އިންތިޒާމު އަޅުގަނޑުމެން އިތުރު ކުރުމުގެ މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓެއް މިހާރު ވެސް ވަނީ ހަދައިފަ އެވެ. އެކަމަކު، ކުރިއަށް އޮތް 2-3 ދުވަހުގެ ތެރޭގައި ތަފުސީލީ އެސެސްމަންޓެއް ހެދުމަށް ފާހަގަވާ 140 ގެ އަށް ޓީމުތައް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެސެސްމަންޓްގައި ބަލާނީ ހިސާން ވިދާޅުވި ގޮތުގައި ހިފައިގެންގުޅޭ ސާމާނުތަކަށް ލިބިފައިވާ ގެއްލުމާއި އިމާރާތަށް ވެފައިވާ ގެއްލުމެވެ.

މާލެ އަށް އިއްޔެ ވެހުނު ބޯ ވާރޭގައި ފިހާރައަކަށް ވަދެފައިވާ ފެންތައް ހިންދުމުގެ މަސައްކަތް މީހަކު ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މާލެ އަށް އިއްޔެ ވެހުނު ބޯ ވާރޭގައި ފިހާރައަކަށް ވަދެފައިވާ ފެންތައް ހިންދުމުގެ މަސައްކަތް މީހަކު ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭނާ ވިދާޅުވީ، އެސެސްމަންޓް ހެދުމަށް ފަހު މާލީ ގޮތުން ދޭން ޖެހޭ އެހީތެރިކަން ސަރުކާރުން ދޭނެ ކަމަށެވެ. ހިސާން ވިދާޅުވީ، ގެއްލުންތަކުން އަރައިގަނެ، ކުރީގެ ދިރިއުޅުމަށް އެ އާއިލާތަކަށް ރުޖޫއަ ވެވެންދެން އެމްޑީއެމްއޭ އެ މީހުންނާ އެކު ތިބޭނެ ކަމަށެވެ.

"ފެންބޮޑުވުމުގެ ހާލަތާ ގުޅިގެން އެންމެ ބޮޑަށް ގެއްލުން މި ލިބުނީ ހިފައި ގެންގުޅޭ ތަކެއްޗަށް. ކައްކައި ކެވޭނެ ގޮތްތަކަށް ބުރޫ އެރުމުގެ ސަބަބުން ދަތިތައް ކުރިމަތިވި،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ އިތުރުން އެހެން ފަސް ރަށަކުން ރިޕޯޓު ލިބުނު ކަމަށެވެ. އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި، އެ ރަށްރަށުގެ ކައުންސިލްތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން ދޭން ޖެހޭ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ހިސާން ދެއްވި އެވެ.

ކާރިސާގެ ބައެއް ތަފުސީލު:

- ކ. ގުރައިދޫގެ 20 ގެއަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވި. (އެ 20 ގޭގެ ތެރެއިން ތިން ގެއެއްގެ މީހުން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނު)

- ކ. ހުރާގެ 20 ގެއެއްގައި ފެންބޮޑުވި.

- ކ. ހިންމަފުއްޓާއި ބ. ގޮއިދޫގެ ބައެއް ގެތަކަށް ވެސް ފެން ވަދެފައިވޭ.

- ލ. ފޮނަދޫގެ 11 ގެއެއްގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހި.

- ފ. ނިލަންދޫގެ ދެ ގެއްގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހި.

- ލ. ގަމުގެ އެއް ގެއަކަށް ފެން ވަން.

ހިސާން ވިދާޅުވީ، އެ ރަށްރަށުގެ އިތުރުން ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވީ މާލެ އަށް ކަމަށެވެ. އެކިއެކި ގެއްލުންތައް ލިބިގެން މާލޭގެ 140 ގެއަކުން ރިޕޯޓް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ގޭގެ އަށް ފެން ވަންނަ ކަމުގެ ރިޕޯޓު ލިބުމުން އެންޑީއެމްއޭ އިން ފުރަތަމަ މަސައްކަތްކުރީ ފެން ނުވަންނާނެ ގޮތްތައް ހަމަޖައްސައިދިނުމަށެވެ. ރެޑް ކްރެސެންޑާއި ފުލުހުންނާއި އެމްއެންޑީއެފާއި މާލެ އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ފަޔަރާއި މާލެ ސިޓީ ކައުންސިލް އަދި އެޗްޕީއޭ ގުޅިގެން މަސައްކަތްތައް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކިއެކި ކުންފުނިތަކުގެ އެހީތެރިކަން ވެސް ލިބުނު ކަމަށް ވިދާޅުވި އެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިއްޔެގެ އިރުއޮއްސުނު ވަގުތު ވަނީ ވަޑައިގެން އެ ތަންތަނާއި މީހުންގެ ހާލަތު ބައްލަވާލައްވައިފަ އެވެ.