Roadha Mihaaru
މާލެއަށްކުރި ވިއްސާރަ: ގެއްލުން މިލިއަނަކަށް ވުރެ މަތި

މާލެ އަށް ކުރި ވިއްސާރައިގައި ގެތަކަށް މިލިއަނަކަށް ވުރެ ބޮޑު ގެއްލުމެއް!

14 ޖެނުއަރީ 2024

މިދިޔަ ހުކުރު ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެ، ގެތަކަށް ލިބުނު ގެއްލުމުގެ އަގު މިލިއަނަކަށް ވުރެ ބޮޑު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ ހުކުރު ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެ، ގެތަކަށް ލިބުނު ގެއްލުމުގެ އަގު މިލިއަނަކަށް ވުރެ ބޮޑު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ޒަރޫރީ ބޭނުމަށް ހިފައި ގެންގުޅޭ ތަކެއްޗާއި ސްޓްރަކްޗަރަލް ގެއްލުންތަކުގެ އަގު 1.1 މިލިއަނެއްހާ ރުފިޔާ އަށް އަރަ އެވެ.

އޭގެ ތެރެއިން އެސެސްމެންޓް ހެދި ގެތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން އެހީގެ ގޮތުގައި 711،541ރ. ދޭން ނިންމާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އެ އަދަދުން އެންމެ ބޮޑު ހަރަދެއް ދޭން ނިންމީ ސްޓްރަކްޗަރަލް ގެއްލުމަށެވެ. އެއީ 611،466ރ. އެވެ. ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް ލައްކައެއްހާ ރުފިޔާ އަރަ އެވެ.

ޑިޒާސްޓާ އިން ބުނި ގޮތުގައި އެންމެ ބޮޑަށް ސްޓްރަކްޗަރަލް ގެއްލުން ލިބުނު ގެތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ހިއްސާކުރުމަށް ވަނީ ނިންމައިފަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ހުކުރު ދުވަހުގެ ވިއްސާރައާ ގުޅިގެން ދިވެހި ރެޑްކްރެސެންޓްގެ ހޮޓްލައިނަށް 494 ކޯލު ލިބުނު ކަމަށާއި ފެން ވަދެ އެކި ވަރުގެ ގެއްލުން ލިބިގެން ރިޕޯޓްކުރީ 227 ގެއަކުން ކަމަށެވެ. އޭގެ ތެރެއިން 193 ތަނެއްގެ ހާލަތު ބަލައި އެހީ ފޯރުކޮށްދިން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެ ދުވަހު ވަނީ ސިފައިންނާއި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް އަދި ޕަބްލިކް ވޯކާސްގެ އެހީތެރިކަމާ އެކު 152 ތަނެއްގައި 1،018 ވެލި ބަސްތާ ޖަހައިފަ އެވެ. އޭގެ ތެރޭގައި ފެން ވަދެގެން ރިޕޯޓްކުރި ފިހާރަތަކާއި ސްކޫލުތައް އަދި ގުދަންތައް ވެސް ހިމެނެ އެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު 18 ގެއެއްގެ 110 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ކެއުންބުއިން ވެސް ހަމަޖައްސައިި ދިން ކަމަށް ޑިޒާސްޓާ އިން ބުންޏެވެ. އެކަމަކު އެ މީހުން މިހާރު ވަނީ ކުރިން ދިރިއުޅެމުން ދިޔަ ގޭގެއަށް ބަދަލުވެފަ އެވެ.

"މި ފަރާތްތަތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ، ކައްކައި ކައި ބޮއެ ހެދުމަށާއި ނިދައި ފާހަނާ ކުރެވޭނެ ގޮތެއް ނެތުމާއި ވަގުތީ ގޮތުން ވެސް އެތަނުގައި ދިރިއުޅެވޭނެ ހާލަތު ނެތުމުގެ ސަބަބުން މި ފަރާތްތައް އެއްކޮށް އާންމު ހާލަތަކަށް ގެނެވެންދެން،" ޑިޒާސްޓާގެ ބަޔާނުގައި ވެ އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި ގޭގެ އަށް ލިބިފައިވާ ގެއްލުން އެހާ ބޮޑުވީ، ކައިރި ކައިރީގައި ފެންބޮޑުވުމުގެ ދެ ކާދިސާ ހިނގާފައިވާތީ ކަމަށް ބެލެވެ އެވެ. މިދިޔަ މަހުގެ 31 ގައި ވެސް މާލެ އަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، ބައެއް ގެތަކަށް ގެއްލުން ލިިބުނެވެ. އެ އޮތޯރިޓީން ބުނީ ހުކުރު ދުވަހުގެ ވިއްސާރައިގައި ވެސް އޭރު ގެއްލުން ލިބުނު 20 ގެއަކަށް ގެއްލުން ވެގެން އަލުން އެސެސްމަންޓް ހެދި ކަމަށެވެ.