Roadha Mihaaru
ޕާކިސްތާނުގައި ފެންގަނޑު ހިނދޭއިރު ކޮލެރާ ފެތުރެނީ

ޕާކިސްތާނުގައި ބޮޑުވި ފެންގަނޑު ހިނދޭއިރު ކޮލެރާ ފެތުރެނީ

26 ސެޕްޓެމްބަރ 2022

މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނަށް ކުރިމަތިވި ގެއްލުމާއި ލިބުނު ހިތްދަތިކަން ވަކިން ބޮޑުވަނީ، ހާލުގައި ޖެހިފައި ތިބި މީހުންގެ މެދުގައި ބޭރަށް ހިންގުމައި ހޮޑުލުމައި ހުމާއި ޑެންގޫގެ އިތުރުން ކޮލެރާ ވެސް ފެތުރެމުން ދާތީ އެވެ.

މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނަށް ކުރިމަތިވި ގެއްލުމާއި ލިބުނު ހިތްދަތިކަން ވަކިން ބޮޑުވަނީ، ހާލުގައި ޖެހިފައި ތިބި މީހުންގެ މެދުގައި ބޭރަށް ހިންގުމައި ހޮޑުލުމައި ހުމާއި ޑެންގޫގެ އިތުރުން ކޮލެރާ ވެސް ފެތުރެމުން ދާތީ އެވެ.

ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ބޮޑުވި ފެންގަނޑު މިހާރު ވަނީ ހިނދެން ފަށައިފަ އެވެ. ނަމަވެސް ހާދިސާގައި ގެދޮރު ހަލާކުވި އެތައް ހާސް ބަޔަކު މިހާރު ވެސް ދިރިއުޅެން ޖެހިފައިވަނީ، ސްކޫލްތަކާއި މައިދާންތަކުގައި ސަރުކާރުން ތައްޔާރުކޮށްދިން ވަގުތީ ހިޔާތަކުގަ އާއި، ހުސް ބިންތަކުގައި އެމީހުން އަމިއްލަ އަށް ހެދި ވަގުތީ ފޭލިގެތަކުގަ އެވެ.

މުޅި ސަރަހައްދުގައި ފެން ބޮޑުވެފައި އޮތުމުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ، ބޯން ބޭނުންކުރާ ފެން ވެސް، ނަޖިހާއި ކިސަޑާ އެކުވެ ތަޣައްޔަރުވެފައި ވުމެވެ. ނުސާފު ފެން ބޯން މަޖުބޫރުވުމުގެ ސަބަބުން، ގިނަ އަދަދެއްގެ ކުޑަކުދިންނަށް ވަނީ ހޮޑުލެވުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންގެ ފުރާނަ ގެއްލެމުން ދަނީ ކޮލެރާ އާއި ޑެންގޫގެ ސަބަބުންނެވެ.

ހާލުގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ކުރުމަށް ސިންދު ޕްރޮވިންސްގައި ހަދާފައި ހުރި ވަގުތީ ސިއްހީ މަރުކަޒުގައި އެކަނިވެސް، ކޮލެރާ ޖެހިގެން ކޮންމެ ދުވަހަކު މަދުވެގެން 10 ކުދިން މަރުވެ އެވެ. އެ މަރުކަޒުގައި މިހާރު ވެސް ގިނަ އަދަދެއްގެ ކުޑަކުދިން އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ބައެއް ކުދިން ތިބީ، ބޭރަށް ހިންގައި ހޮޑުލުމުގެ ސަބަބުން، ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށްވެ އެވެ.

ވަގުތީ ފޭލިގެތަކުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި، އެމީހުންނަށް ވަގުތީ ހިޔާވަހިކަމެއް ސަރުކާރުން ހަމަޖައްސައިދިފައި ވިޔަސް، އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ލިބޭނެ ގޮތެއް ނެތުމުން، ގިނަ އަދަދެއްގެ ކުޑަކުދިން މިހާރު ތިބީ ކާޑުބަލި ޖެހިފަ އެވެ. ބައިނަލްއަގުވާމީ މުޖްތަމައުން އެކަށީގެންވާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްނުދޭ ނަމަ، ބަނޑަށް ޖެހިގެން އެތައް ހާސް ބަޔަކު މަރުވުމުގެ ބިރު އެބަ އޮތް ކަމަށް، އެހީދޭ ބައެއް ޖަމިއްޔާތަކުން ވެސް އަންނަނީ ބުނަމުންނެވެ.

ޕާކިސްތާނަށް މިފަހަރު ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، އެ ގައުމުގެ އެކި ޕްރޮވިންސްތަކުން، ގާތްގަނޑަކަށް 44000 އަކަ މޭލުގެ ބޮޑު ސަރަހައްދެއް ވަނީ ފެނު އަޑީގަ އެވެ. ސިންދު ޕްރޮވިންސްގެ ފަސް ބައިކުޅަ އެއްބައި، ޕަންޖާބުގެ ހަ ޕަސެންޓް އަދި ބަލޮޗިސްތާނުގެ ތިން ޕަސެންޓް މިހާރު ވެސް އޮތީ ފެނު އަޑީގަ އެވެ.

ހޫނު މޫސުމުގެ ތެރޭގައި އެ ގައުމުގެ އުތުރު ފަރުބަދަތަކުން ގަނޑުފެންތައް ވިރިގެން ފޭބި ދުވަސްވަރާ ދިމާކޮށް، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ކުރިމަތިވި ފެން ބޮޑުވުމުގެ ހާދިސާގައި ގާތްގަނޑަކަށް 1600 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ތިން ބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އޭގެ އިތުރުން އެ ގައުމުގެ 33 މިލިއަން މީހުން ތިބީ ހާލުގައި ޖެހިފަ އެވެ. ފެން ބޮޑުވުމުގެ ހާދިސާގައި އެތައް ހާސް ގެދޮރެއް ހަލާކުވެ ދަނޑުބިންތައް ވަނީ ސުންނާފަތިވެފަ އެވެ.