Roadha Mihaaru

އިތުރު ހިދުމަތްތަކާއެކު އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕް ރީލޯންޗްކޮށްފި

އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އިތުރު ހިދުމަތްތަކެއް ލިބޭ ގޮތަށް އެ އެޕް އަޕްގްރޭޑުކޮށް ރީލޯންޗުކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕް ރީލޯންޗުކޮށްފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

20 ޖުލައި 2025

އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އިތުރު ހިދުމަތްތަކެއް ލިބޭ ގޮތަށް އެ އެޕް އަޕްގްރޭޑުކޮށް ރީލޯންޗުކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އަޕްގްރޭޑް ކޮށްފައިވާ އެޕް ލޯންޗުކޮށް ދެއްވީ އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން ވިދާޅުވީ އާ ހިދުމަތްތަކަކާ އެކު ކުންފުނީގެ އެޕް އަލުން ލޯންޗު ކުރުމަކީ ޒަމާނީ ޓެކްނޮލަޖީގެ އެހީގައި ތިމާވެއްޓާއި ގުޅޭ ގޮތަކަށް އެ ކުންފުނީގެ ހިދުމަތްތައް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އެ އެޕްލިކޭޝަނަށް ގެނައި ބަދަލަކީ "މޯލްޑިވްސް 2.0"ގެ ދަށުން ކުންފުނިން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގުރާމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބައެއް ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަލަށް ގެނައި ބަދަލުތަކާއި އެކު ކަސްޓަމަރުންނަށް ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބި، މިިހާރަށް ވުރެ އަވަހަށް އަދި ފުރިހަމައަށް ހިދުމަތްތައް ލިބޭނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕަށް ގެނައި އަޕްގްރޭޑާ އެކު ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ހޯދުމަށް އެދި އެޕް މެދުވެރިކޮށް މިހާރު ހުށައެޅޭނެ އެވެ. އަދި ކަސްޓަމަރުން ރިކުއެސްޓު ކުރި ހިދުމަތުގެ އެޕްލިކޭޝަންގެ އަޕްޑޭޓު ބެލުމުގެ އިތުރުން އެ ހިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ވެސް ދެއްކޭނެ އެވެ. އަދި އެޕްގައި އަލަށް ހިމަނާފައިވާ މަލްޓިޕޭ ފީޗާއާއެކު އެކި ހިދުމަތްތަކަށް އެއްފަހަރާ ފައިސާ ވެސް ދެއްކޭނެ އެވެ.

އެޕަށް ގެނައި ބަދަލާ އެކު އެޕް މެދުވެރިކޮށް މީޓަރުގެ ރީޑިން އާއި ފޮޓޯއެއް އެޕަށް އަޕްލޯޑްކޮށްގެން މަހުގެ ކޮންމެ ހިސާބެއްގައި ވެސް ބިލް ހެދުމަށް އެދެވޭނެ އެވެ. އަދި ސްމާޓް މީޓަރު ބޭނުންކުރާ ކަސްޓަމަރުންނަށް ފެންބޭނުން ކުރެވޭ މިންވަރު މޮނިޓާކޮށް ކޮންމެ ދުވަހަކު ވެސް ބިލަށް އަރާ އަދަދުތައް ބެލޭނެ އެވެ. އޭގެ އިތުރުން ސްމާޓް މީޓަރުތަކުން އެވަގުތަކަށް ބިލަށް އަރާފައިވާ މިންވަރު ވެސް ދެނެގަނެވޭނެ އެވެ. އަދި ސްމާޓް މީޓަރުތަކުން ކޮންމެ މަހަކު ވެސް ބިލަށް އަރާނެ މިންވަރު ލަފާކޮށް ދެނެގަތުމުގެ އިތުރުން އެއް އަހަރު ދުވަހުގެ އެކައުންޓް ސްޓޭޓުމަންޓް ވެސް އެޕް މެދުވެރިކޮށް ބެލޭނެ އެވެ.

އެ އެޕަށް ލޮގިން ކުރެވޭނީ އީފާސް މެދުވެރިކޮށެވެ. އަދި އީފާސް މެދުވެރިކޮށް ލޮގިން ކުރުމުން އެ ފަރާތެއްގެ ނަމުގައިވާ ހުރިހާ މީޓަރެއް ފެންނަން ހުންނާނެ އެވެ.

އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕް ގޫގުލް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ. އަދި އެޕް ބޭނުން ކުރުމަށް ބޭނުންވާ އެހީތެރިކަން އެ ކުންފުނީގެ ވެބްސައިޓާއި އެ ކުންފުނީގެ ހޮޓްލައިން 105 އިން ލިބޭނެ އެވެ.