Roadha Mihaaru
ހުރިހާ ކަމެއް ހުއްޓުމަކަށް: ވަރުގަދަ އިންޒާރެއް!

ހުރިހާ ކަމެއް ހުއްޓުމަކަށް: ވަރުގަދަ އިންޒާރެއް!

05 މާޗް 2017

"ކުރިން ވެސް މި އިންޒާރު ލިބުނު. ފިޔަވަޅެއް އެޅުނީއެއް ނޫން. މިއަދު މިދިޔައީ ކަރަންޓާއި ފެން އެއްކޮށް. އިންޓަނެޓެއް ނުލިބޭ. ފޯނެއް ނުކުރެވޭ. މިއީ ގައުމެއް އޮންނަން ޖެހޭ ހާލަތެއް ނޫން،" މިއީ، މިއަދު އާންމުން އެންމެ ބޮޑަށް ފާޅު ކުރި ޝުއޫރެވެ.

"ކުރިން ވެސް މި އިންޒާރު ލިބުނު. ފިޔަވަޅެއް އެޅުނީއެއް ނޫން. މިއަދު މިދިޔައީ ކަރަންޓާއި ފެން އެއްކޮށް. އިންޓަނެޓެއް ނުލިބޭ. ފޯނެއް ނުކުރެވޭ. މިއީ ގައުމެއް އޮންނަން ޖެހޭ ހާލަތެއް ނޫން،" މިއީ، މިއަދު އާންމުން އެންމެ ބޮޑަށް ފާޅު ކުރި ޝުއޫރެވެ.

އާންމުންގެ ފާޑުކިޔުންތައް ސޯޝަލް މީޑިއާގައި އޮއްސާލިއިރު، މާލޭގެ މަގުތަކުގައި ވެސް ގެތަކުގައި ވެސް ދެކެވެމުން ދިޔައީ އެ ވާހަކަ އެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށް ކަރަންޓާއި ފެން ކެނޑުމާ އެކު، އާންމުން ތަފާތު ބަހުސްތައް ކުރަމުން ދިޔަ އެވެ. ސުވާލަކީ މި އެވެ! މިއީ ރަނގަޅުކުރަން ވެއްޖެ ކަމެއް ނޫން ހެއްޔެވެ؟

"އަސާސީ ހުރިހާ ހިދުމަތަކަށް ބުރޫ އަރައިގެން މިދިޔައީ އެއްފަހަރާ. މިއީ ގަބޫލުކުރަން ދަތިކަމެއް،" އެކަކު ބުންޏެވެ. "އެއް ފަހަރު މި އިންޒާރު ލިބިއްޖެ. މިފަހަރު މި އިންޒާރު މި ލިބުނީ އެއަށް ވުރެ ބޮޑުކޮށް."

މުޅި މާލެ އިން މިއަދު މެންދުރު ފަހު ކަރަންޓާއި ފެން ކެނޑި އާންމުން ހާސްކަމުގެ ތެރެއަށް ވެއްޓުނީ ހަމަ ކުއްލިއަކަށެވެ. މުޅި މާލެ އިން ފެނާއި ކަރަންޓު ނެތި ދެ ގަޑިއިރު ވަރު ހޭދަވި އެވެ. ހަމަ އެ ވަގުތު އިންޓަނެޓާއި ފޯނުގެ ގުޅުމަށް ވެސް ބުރޫ އެރި އެވެ.

ގޮވި ޓްރާންސްފޯމަރު ހުރި ތަން ފުލުހުން ބަލަހައްޓަނީ

ގޮވި ޓްރާންސްފޯމަރު ހުރި ތަން ފުލުހުން ބަލަހައްޓަނީ

މިއަދު މެންދުރު ފަހު 1:15 ހާއިރު ކަރަންޓާއި ފެން ކެނޑުމާ އެކު އޮފީސްތަކުން މީހުން މަގުތަކަށް ނުކުމެ، ވާނުވާ ނޭނގިގެން އުޅުނު މަންޒަރު ފެނުނެވެ. ބައެއް މީހުން ސްޓެލްކޯ ދޮށަށް ގޮސް މައުލޫމާތު ސާފުކުރަމުން ދިޔަ އެވެ. އަދި ބައެއް ފިހާރަތަކަށް މީހުން ގޮސް ފެން ގަންނަމުން ދިޔަ އެވެ. އެންމެން ވެސް ހީކޮށްގެން ތިބީ މި މައްސަލަ އެހާ އަވަހަށް ހައްލުނުވާނެ ކަމަށެވެ.

"ވާނުވާ ނޭނގިފައި މި ހުރީ. ކުރިން ވެސް ހަމަ މި ތަޖުރިބާ ކޮށްފައި ވާތީ ވަރަށް ކަންބޮޑުވެފައި މިހުރީ،" ދެ އަހަރު ކުރިން މާލޭގައި ފެން ކެނޑި، ފެނާ ނުލައި ހަފުތާއެއް ހޭދަކުރި ހަނދާންތަކާ އެކު، ސްޓެލްްކޯ ކުރިމަތީގައި އަންހެނަކު ބުންޏެވެ.

އެކަމަކު މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގައި، ވީ އެންމެ އަވަހަކަށް ކަރަންޓާއި ފެން ދެވޭތޯ ކަމާ ބެހޭ ފަރާތްތަކުން އައީ މަސައްކަތް ކުރަމުންނެވެ. މައްސަލަ ދިމާވި އެމްޑަބްލިޔުއެސްސީގެ ޓްރާންސްފޯމަރު ހުރި ސަރަހައްދަށް ފުލުހުންނާއި ސިފައިން ދިޔަ އެވެ. އަދި އެ ސަރަހައްދު ވަގުތުން ބަންދުކޮށްލި އެވެ.

"ކިހިނެއް ވެގެން މި އުޅެނީ،" ވާނުވާ ނޭނގި ތިބި އާންމުން އެމްޑަބްލިޔުއެސްސީ ސަރަހައްދުގައި ތިބި ބައެއް ނޫސްވެރިންނާ ސުވާލުތައް ކުރަމުން ދިޔަ އެވެ.

ބައެއް ފިހާރަތައް ބަންދުކޮށްލި އެވެ. އަދި ސްކޫލުތައް ވެސް ބަންދުކޮށް މެންދުރު ފަހުގެ ސެޝަން މެދުކަނޑާލި އެވެ. ފެނާއި ކަރަންޓް އެއްފަހަރާ ދިއުމަކީ ދިވެހިން މީގެ ކުރިން ތަޖުރިބާކޮށްފައިވާ ކަމަކަށް ނުވާތީ އެކަންވީ ބައެއް މީހުންގެ ވަރަށް ބޮޑު ހާސް ކަމަކަށެވެ. އަދި ޚާއްސަކޮށް ހަމަ އެވަގުތު ފޯނުތަކަށް ނުގުޅި، އިންޓަނެޓް ބޭނުންކުރުމުގައި މައްސަލަތައް ކުރިމަތިވުން ވެގެން ދިޔައީ އާންމުންގެ ކަންބޮޑުވުން އިތުރުވި ކަމަކަށެވެ.

ފެނާއި ކަރަންޓް ކެނޑުމާ ގުޅިގެން ބައެއް މީހުން މަގުމަތީގައި

ފެނާއި ކަރަންޓް ކެނޑުމާ ގުޅިގެން ބައެއް މީހުން މަގުމަތީގައި

މާލެ އިން ފެނުގެ ހިދުމަތް ކެނޑި، ވަރަށް ބޮޑު ވޭނެއްގައި ރައްޔިތުން އުޅުނުތާ ދެ އަހަރުވީ އިރު، ފެނުގެ ބެކަޕް ސިސްޓަމެއް ގާއިމް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި އެކަމެއް އަދި ނުކުރެ އެވެ. ފެނުގެ ހާދިސާ އަށް ފަހު އެ ކުންފުންޏަށް ކަރަންޓް ދެނީ ސްޓެލްކޯ އިންނެވެ.

ކަރަންޓާއި ފެނުގެ މައްސަލަ މިއަދު އަވަހަށް ހައްލުވުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. އެހެން ނަމަވެސް، މިއީ ހިތްހަމަޖައްސާލައިގެން ތިބެވެން އޮތް ކަމެއް ނޫނެވެ. މި ނޫން ހައްލެއް މި ކަމަށް އެބަ ބޭނުންވާ ކަން އާންމުންް އެކި ޕްލެޓްފޯމްތަކުގައި ފާޅުކުރި ޝުއޫރުތަކުން އެނގެ އެވެ. އިރު އޮއްސުމުގެ ކުރިން މައްސަލަ ހައްލުވީތީ ހަމަ ނަސީބެވެ. އެހެން ނޫން ނަމަ، އާންމުންގެ ކެތްތެރިކަން މި ފަހަރު ކޮޅުންލީސްކަން ކަށަވަރެވެ.