Roadha Mihaaru
ރަށްރަށުގެ ކަރަންޓާއި ފެން މާލެއެކޭ އެއް އަގަކަށް

ރަށްރަށުގެ ކަރަންޓާއި ފެން މާލެއެކޭ އެއް އަގަކަށް ބަދަލުކޮށްފި

23 ޖެނުއަރީ 2018

ރަށްރަށުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ނަގާ އަގު، މާލެއެކޭ އެއް އަގަކަށް ސަރުކާރުން ބަދަލުކޮށްފި އެވެ.

ރަށްރަށުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ނަގާ އަގު، މާލެއެކޭ އެއް އަގަކަށް ސަރުކާރުން ބަދަލުކޮށްފި އެވެ.

އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އިއުލާން ކުރެއްވި ގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ސުން ޔުނިޓުން ފެށިގެން 400 ޔުނިޓުތަކާ ދެމެދުގެ ބޭންޑުތަކުން ރަށްރަށުގެ ކަރަންޓުގެ އަގު ވަނީ މާލެއާ އެއްވަރަށް ބަދަލުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މާޗް މަހުގެ އެކަކުން ފެށިގެން ކަމަށެވެ.

ރަށްރަށުގެ ކަރަންޓުގެ އަގު މާލެއަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މިދިޔަ ދުވަސްތަކެއްގައި ނަގަމުންދާތީ، ގިނަ ބަޔަކު އައީ ޝަކުވާ ކުރަމުންނެެވެ. އެހެންވެ، މިއީ ދިވެހި ތާރީޚުގައި ވެސް ރަށްރަށުގެ ކަރަންޓުގެ އަގު މާލެއެކޭ އެއް އަގަކަށް ބަދަލުކުރި ފުރަތަމަ ފަހަރުކަން މިނިސްޓަރު ތޯރިގް ފާހަގަ ކުރެއްވި އެވެ.

"މި ސަރުކާރު އައިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތީ އެކި ޓެރިފް. މާލެ ސަރަހައްދަށް ވަކި އަގެއް، އަތޮޅު ތެރޭގައި އެކި ހިސާބުތަކަށް އެކި އަގުތައް. މިކަމަކީ ރައްޔިތުންނަށް ވަރަށް އުނދަގޫ އަދި ރައްޔިތުންނަށް ވަރަށް ކަންބޮޑުވެފައި އޮތް ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން ސަރުކާރުން މަސައްކަތްކުރަމުން އައީ މި ފަރަގު ކުޑަކުރެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވި ގޮތުގައި، ކަރަންޓުގެ އަގު ހެޔޮކުރުމުގެ ގޮތުން 2016 ވަނަ އަހަރު އަތޮޅުތެރޭގެ ހުރިހާ އަތޮޅެއްގައި ހުރިހާ ރަށެއްގެ އެއް އަގަކަށް މި ސަރުކާރުން ހަމަޖެއްސި އެވެ. އަދި އެއާއެކު މާލެ ސަރަހައްދުގެ ކަރަންޓުގެ އަގުތައް ވަކި ރޭޓަކަށް ހަމަޖެއްސިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާލެއާއި އަތޮޅުތަކުގައި ކަރަންޓާއި ފެނުގެ އަގު އެއްވަރަކަށް ނެގުމަށް ނިންމުމާ ގުޅިގެން އެނާޖީ މިނިސްޓަރު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މާލެއާއި އަތޮޅުތަކުގައި ކަރަންޓާއި ފެނުގެ އަގު އެއްވަރަކަށް ނެގުމަށް ނިންމުމާ ގުޅިގެން އެނާޖީ މިނިސްޓަރު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"އެ ހިސާބުން އަޅުގަނޑުމެންނަށް ގްރޭޓާ މާލޭ އޭރިއާ އަށް ޓެރިފެއް ހަމަޖެއްސުނު. އަދި އެހެން ހުރިހާ ކަންކޮޅުތަކެއް އެއް އަގަކަށް އަޅުގަނޑުމެން ބަދަލު ކުރިން. މިއީ ވެސް ވަރަށް ބުރަ މަސައްކަތުން އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2016 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ބަދަލު ގެނައުމަށް ފަހު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ކަރަންޓުގެ އަގު އެއްގޮތް ކުރެވޭނެ ގޮތްތައް ބެލި ކަމަށެވެ.

"މިއީ ވަރަށް ބުރަ މަސައްކަތެއް. އޭގެ އިތުރަށް އަޅުގަނޑުމެން މި އަގުތައް ހާމަނައިޒް ކުރަން [އެއްގޮތް ކުރަން] ކުރި މަސައްކަތުގެ ތެރޭގައި އިންޖީނުގެތައް އެފިޝިއަންޓް ކުރުމާއި އިޔާދަކުރަނިވި ހަކަތަ މީގެ ތެރޭގައި ގެންގުޅުމާއި އަދި ކަރަންޓް ހިންގުމަށް ދާ ހަރަދުތައް ކުޑަކުރުމާއި އަދި ވެސް ސަރުކާރުން މިކަހަލަ އިތުރު މަސައްކަތްތަކެއް ކުރިން،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނާއެކު ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މާލެ އާއި އަތޮޅުތަކުގެ އަގުތައް އެއްގޮތް ކުރެވުމުން އަތޮޅު ތެރޭގެ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓަށް ކަރަންޓުގެ އަގު ހެޔޮވާނެ ކަމަށެވެ. އެގޮތުން 400 ޔުނިޓް ބޭނުންކުރާ ގެތަކުން 400ރ. ކުޑަވެގެންދާނެ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

މާލެ އަތޮޅު ތެރޭގެ ކަރަންޓްގެ އަގު އެއްގޮތްކުރުމުން އައި ބަދަލު

- 0 ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމަޔަށް ދެން ނަގާނީ 1.50ރ.

- 101 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމަޔަށް ނަގާނީ 1.70ރ.

-201 ޔުނިޓުން 300 ޔުނިޓާ ހަމަޔަށް ނަގާނީ 2.15ރ.

301 ޔުނިޓުން 400 ޔުނިޓާ ހަމަޔަށް ނަގާނީ 2.50ރ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ކަރަންޓުގެ އަގު ހެޔޮކުރަން ކަމަށެވެ.

ކަރަންޓުގެ އަގުގެ އިތުރުން ފެނުގެ އަގުތައް ވެސް މާލެއާ އެއް ރޭޓަކަށް ހަމަޖެއްސުމަށްފަހު އެކަން ވެސް މިއަދު ވަނީ އިއުލާންކުރައްވައިފަ އެވެ.

ތޯރިގު ވިދާޅުވީ އަތޮޅުތެރޭގެ ގެތަކަށް ދޫކުރާ ފެނަށް މިމަހުން ފެށިގެން އަގު ނަގާނީ މާލެއާ އެއް ރޭޓެއްގައި ކަމަށެވެ. އަދި އެއީ ވެސް ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ގެނައި ބަދަލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަތޮޅުތެރޭގައި ފެނު އަގަށް ގެނައި ބަދަލު

- ސުން ލީޓަރުން ފެށިގެން 100 ލީޓަރާ ހަމައަށް މީގެ ކުރިން ނަގަމުން އައީ 65ރ. މީގެ ފަހުން ނަގާނީ 22ރ.

- 101 ލީޓަރުން ފެށިގެން 200 ލީޓަރާ ހަމަޔަށް ނަގަމުން އައީ 75ރ. މީގެ ފަހުން ނަގާނީ 70ރ.

- 200 ލީޓަރުން މައްޗަށް ނަގަމުން އައީ 100ރ. ދެން ނަގާނީ 95ރ.

ތޯރިގު ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގެ ފެނުގެ އަގުތައް އެއްގޮތްކުރުމަކީ ވެސް ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ. އަދި މާލެއަށް ވުރެ ބޮޑު އަގުގައި ފެން ވިއްކާތީ ވަރަށް ގިނަ ބަޔަކު އެކަމާ ޝަކުވާކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފެނުގެ އަގު މިހާރު މިވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އެއް އަގަކަށް ހަމަޖައްސާފައި. މިއީ މީގެ ކުރިން ރާއްޖޭގައި ނުކުރެވޭ ކަންތައްތަކެއް. އެއްވެސް ދައުރެއްގައި ނެތް ފެނުގެ އަގު އެއްވަރުވެފައެއް ހުރިހާ ކަންކޮޅުތަކެއްގައި. ކަރަންޓުގެ އަގު މިހާރު މިއާދެވުނު ހިސާބަށް ވެސް މީގެ ކުރިން ނެތް އާދެވިފައި،" ތޯރިގު ވިދާޅުވި އެވެ.