Roadha Mihaaru
ޗައިނާ އިން ރާއްޖެ އަށް 35 ޖަނަރޭޓަރު ހަދިޔާކޮށްފި

ޗައިނާ އިން ރާއްޖެ އަށް 35 ޖަނަރޭޓަރު ހަދިޔާކޮށްފި

06 ސެޕްޓެމްބަރ 2018

ޗައިނާ ސަރުކާރުން ރާއްޖެ އަށް 35 ޖަނަރޭޓަރު މި ރޭ ހަދިޔާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާ ސަރުކާރުން ރާއްޖެ އަށް 35 ޖަނަރޭޓަރު މި ރޭ ހަދިޔާކޮށްފި އެވެ.

ޖަނަރޭޓަރުތައް ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަފުލާގަ އެވެ.

ހަވާއެރުވުމާއެކު ބޭއްވި ހަފުލާގައި ވާހަކަދައްކަަވަމުން އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ޗައިނާ އިން ދިން ޖަނަރޭޓަރުތައް ފޮނުވަން ނިންމާފައިވަނީ އެކި ރަށްރަށަށް ކަމަށެވެ. އެ ޖަނަރޭޓަރުތައް ލިބުމުން، ރަށްރަށުގައި ފެނަކަ އިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަނަރޭޓަރުތަކަކީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރުގެ ކަރަންޓު ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ބޮޑު އެހީއެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބ. ފެހެންދޫގައި ފެނަކަ އިން ހިންގާ އިންޖީނުގެ. އިތުރު ޖަނަރޭޓަރުތައް ލިބުމުން މިފަދަ އިންޖީނުގެތަކުގެ ބަދަލުގައި ރަނގަޅު ފެންވަރުގެ އިންޖީނުގެ ހަދާނެ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ބ. ފެހެންދޫގައި ފެނަކަ އިން ހިންގާ އިންޖީނުގެ. އިތުރު ޖަނަރޭޓަރުތައް ލިބުމުން މިފަދަ އިންޖީނުގެތަކުގެ ބަދަލުގައި ރަނގަޅު ފެންވަރުގެ އިންޖީނުގެ ހަދާނެ. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އޭނާ ވިދާޅުވީ ކަރަންޓު ފޯރުކޮށްދިނުމަށް މީގެ ކުރީ ސަރުކާރުން ޔުޓިލިޓީ ކުންފުންޏެއް އުފެއްދި ކަމަށެވެ. ނަމަވެސް އެ ކުންފުނި އުފައްދައިގެން މަސައްކަތްތައް ދިޔައީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ސޯލާ ޕެނަލްތައް ބެހެއްޓިފައިވަނީ ވަރަށް މަދު ތަންތަނުގައި ކަމަށެވެ. ނަމަވެސް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސޯލާ ޕެނަލް ބެހެއްޓި ތަންތަން އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރަށްރަށުގައި ޒަމާނީ ފެންވަރުގެ އިތުރު އިންޖީނުގެތައް އަޅައި، ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުކުރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.