Roadha Mihaaru
20 ރަށެއްގެ ނަރުދަމާ އެއްބަސްވުން ބާތިލު:އޭސީސީ

20 ރަށެއްގެ ނަރުދަމާ އަޅަން ލަންކާ ބަޔަކަށް ދިން މަޝްރޫއު އޭސީސީން ހުއްޓުވައިފި

17 ޑިސެމްބަރ 2018

ވިހި ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމް ކުރަން ކުރީގެ ސަރުކާރުން ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ސަރުކާރަށް އަންގައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވިހި ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމް ކުރަން ކުރީގެ ސަރުކާރުން ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ސަރުކާރަށް އަންގައިފި އެވެ.

އޭސީސީން މިއަދު ބުނީ ލަންކާގެ ހޭކާބް ޕަބްލިކް ލިމިޓެޑާ މި އަހަރު ކުރީކޮޅު ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރަން އެންގީ މިހާރު އޮތް ގޮތަށް މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ދައުލަތަށް ނުހަނު ބޮޑު ގެއްލުމެއް ވާނެތީ ކަމަށެވެ.

މި އަހަރުގެ ޖުލައިމަހު ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ދޮޅު އަހަރުގެ ތެރޭގައި ނަރުދަމާ ގާއިމުކުރަން ހަމަޖެއްސި ރަށްތަކަކީ ހއ. މާރަންދޫ، ހއ. ވަށަފަރު، ހދ. ފިނޭ، ހދ. ވައިކަރަދޫ، ށ. ފޯކައިދޫ، ނ. މާފަރު، ނ. ޅޮހި، ރ. ކިނޮޅަސް، ބ. ކަމަދޫ، ބ. މާޅޮސް، ބ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ކ. ގުޅި، އއ. ފެރިދޫ، ވ. ކެޔޮދޫ، އދ. ދިގުރަށް، ތ. ހިރިލަންދޫ، ގއ. ދެއްވަދޫ އަދި ގދ. ހޯނޑެއްދޫ އެވެ.

މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރަން އޭސީސީން ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް އެންގީ ޖުމްލަ 12 މައްސަލައެއް ފާހަގަކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ފާހަގަކޮށްފައިވާ ކަންތައްތައް އެގޮތަށް ކޮށްފއި ވަނީ ވަކި ފަރާތަކުން ނުވަތަ ފަރާތްތަކަކުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމަށާއި ހޯދައިދިނުމުގެ ނިޔަތުގައި ވަކި ފަރާތަކާ ހަވާލުކުރަން ކަމަށް ބެލެވޭ ކަމަށެވެ.

ހޭކާބް ކުންފުންޏާ މަޝްރޫއު ހަވާލުކޮށްފައިވާ އަގަކީ 40 ރަށެއްގެ ނަރުދަމާ ގާއިމްކުރެވޭނެ އަގު ކަން ވެސް އޭސީސީން ފާހަގަކޮށްފައި ވެ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަނުގެ ނަމުގައި ލޯނެއް ނަގައިގެން ހިންގާ ގޮތަށް ކަމަށް ވާއިރު އެއީ ފެނަކަ ކޯޕަރޭޝަން ބަނގުރޫޓް ވާފަދަ މުއާމަލާތެއް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

"މި މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ އަގުގެ ވަކިވަކި ރަށްރަށަށް ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގުތަކާއި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތްކަމަށް ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ދިވެހިރާއްޖޭގައި ކޮށްފައިވާ އަދި ކުރަމުންދާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުތަކުގެ އަގުތަކާ އަޅާކިޔާއިރު 20 ރަށުގެ ނަރުދަމާގެ މަޝްރޫޢުގެ ވަކިވަކި ރަށްރަށަށް ހުށަހަޅާފައިވާ އަގުތަކަކީ އާދަޔާ ޚިލާފަށް ބޮޑު އަގުތަކެއްކަން ފާހަގަކުރެވޭ،" އޭސީސީން މިއަދު އާއްމު ކުރި ބަޔާނުގައި ބުނެފައި ވެ އެވެ.

ހޭކާބް ކުންފުންޏަށް ވިހި ރަށުގައި ނަރުދަމާ އެޅުމުގެ މަސަައްކަތް ހަވާލުކުރީ 53 މިލިއަން ޑޮލަރަށެެވެ. އެއީ ގާތްގަނޑަކަށް 866 މިލިއަން ދިވެހި ރުފިޔާ އެވެ.