Roadha Mihaaru
ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރަން ފަށައިފި

ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރުން އިފުތިތާހުކޮށްފި

27 އޯގަސްޓް 2024

ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ފެނަކައިން ދ. ކުޑަހުވަދޫގައި ފެށި ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓު ނިންމައި މިރޭ އިފުތިތާހުކޮށްފި އެވެ.

ފާތިމަތު އަޖްފާން ދ. ކުޑަހުވަދޫން ފާތިމަތު އަޖްފާން

ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ފެނަކައިން ދ. ކުޑަހުވަދޫގައި ފެށި ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓު ނިންމައި މިރޭ އިފުތިތާހުކޮށްފި އެވެ.

ޗައިނާގެ ޑޮންގް ފަންކް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ މީޓަރުތައް ހަރުކޮށް، ޕައިލެޓް ޕްރޮގްރާމް ފެށީ ކުޑަހުވަދޫގަ އެވެ. މިއީ ރާއްޖޭގެ ރަށެއްގެ ހުރިހާ ގެތަކެއްގައި ސްމާޓް މީޓަރު ހަރުކޮށް، ކަރަންޓު ދޫކުރަން ފެށި ފުރަތަމަ ރަށެވެ.

ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކޮށް، ނިންމައި މި ރަށުގެ ރައްޔިތުންނަށް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މީޓަރު ބޭނުންކުރުމަށް ހާއްސަ އެޕެއް ވެސް ތައާރަފް ކޮށްފަ އެވެ.

އެ ރަސްމިއްޔާތެއްގައި އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ގެތަކެއްގައި އަދި ވިޔަފާރިކުރާ ތަންތަނެއްގައި ސްމާޓް މީޓަރު ހަރުކުރާނެ ކަމަށެވެ.

ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި ތިމާޥެއްޓާ ބެހޭ މިނިސްޓަރު ތޯރިގު ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި ތިމާޥެއްޓާ ބެހޭ މިނިސްޓަރު ތޯރިގު ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

"ސްމާޓް މީޓަރުން އެ ދުވަހެއްގައި ކަރަންޓު ބޭނުން ކުރެވުނު މިންވަރު އެނގިގެން ދާނެ. އަދި ކުރިއަށް އޮތް ތަނުގައި ގަޑިއިރަކު ބޭނުން ކުރަނީ ކިހާ ކަރަންޓެއްކަން ވެސް އެނގިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ފެނަކަ އިން މި ޕްރޮޖެކްޓް ކުރިއަށް ގެންދުއުމަށް ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. ފެނަކަ އިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޝިތު ވިދާޅުވީ ކުޑަހުވަދޫގައި ހަރުކުރި މީޓަރުތަކަކީ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ މީޓަރުތައް ކަމަށެވެ. ސްމާޓް މީޓަރާ އެކު، ކޮންމެ ދުވަހަކު ވެސް ކަރަންޓް ހޭދަކުރާ އަދަދު ބަލައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޑަހުވަދޫގެ ހުރިހާ ގެ ތަކެއްގައި ފެނަކައިން ސްމާޓް މީޓަރު ހަރުކޮށް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އާއި އެންވާރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވަނީ.-- ފޮޓޯ: މިހާރު

ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ވެސް ގެތަކުގެ ކަރަންޓު ބިލު ބޮޑު ކަމުގެ ޝަކުވާތައް ކުރެ އެވެ. ފެނަކައިން ބުނިގޮތުގައި، ސްމާޓް މީޓަރުތަކުގެ ސަބަބުން ކަރަންޓު ބިލު ވަރަށް ބޮޑަށް ކުޑަވާނެ އެވެ.