Roadha Mihaaru
އައްޑުއަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނެރޭޓަރެއް

އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް!

27 މާޗް 2024

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަކި ގަޑިތަކެއްގައި ކަރަންޓު ކަނޑަންޖެހޭ މައްސަލަ ހައްލު ކުރެވެން އޮތީ 1.6 މެގަވޮޓްގެ ޖަނަރޭޓަރެއް ގަނެގެން ކަމަށާއި އެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަކި ގަޑިތަކެއްގައި ކަރަންޓު ކަނޑަންޖެހޭ މައްސަލަ ހައްލު ކުރެވެން އޮތީ 1.6 މެގަވޮޓްގެ ޖަނަރޭޓަރެއް ގަނެގެން ކަމަށާއި އެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް މިހާރު ވެސް 17 ޖަނަރޭޓަރު ބަހައްޓާފައިވާ ކަމަށާއި އެކަމަކު ލޯޑު ބޮޑުވާތީ އިތުރު 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް ބޭނުންވާ ކަމަށެވެ. އެހެންވެ، އެ ޖަނަރޭޓަރު ގަތުމުގެ ކަންކަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ގުޅިފައިވާ ރަށްރަށުގެ ހުރިހާ ގެތަކަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ މި ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް ދަނީ އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެއީ ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފެއް ކަމަށެވެ.

"ރޯދަ މަހު ކޮންމެ ދުވަހަކު ހަވީރު ދަޅައިގައި ކަރަންޓު ކެނޑުމަކީ އެއީ އެހާ ފަސޭހަ ކަމެއް ނޫން. ގަޑި، ދެ ގަޑިއިރު އެބަވޭ ކަރަންޓު ނުލިބި،" ނިޒާރު ވިދާޅުވި އެވެ.

"ކަރަންޓު ކެނޑޭއިރަށް ފެން އެބަ ކެނޑޭ. ދޭތި އެއްކޮށް މި ދަނީ. ކަރަންޓު އެގޮތަށް ކަނޑާތީ ފެނުގެ ރިޒާވް ވެސް، 24 ގަޑިއިރަށް ބޭނުންވާ ފެނެއް މިހާރު ނުބެހެއްޓޭ."

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ކުރާ ކަންކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން މުއާޒް ވިދާޅުވީ އައްޑުއަށް ބޭނުންވާ 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް ގަތުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ޖަނަރޭޓަރު ވަރަށް އަވަހަށް ލިބޭނެ ކަމަށާއި އެ ލިބުމުން އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރާ ވާހަކަ ދައްކައިގެން މި ދަނީ އެކަން ކުރުމުގެ މަސައްކަތް ކުރަމުން. އޭރުން އައްޑޫ ކަރަންޓު މައްސަލައަށް ހައްލު ލިބިގެންދާނެ،" މުއާޒް ވިދާޅުވި އެވެ.

ހިތަދޫ މަގެއް.-- ފޮޓޯ: މިހާރު

ހިތަދޫ މަގެއް.-- ފޮޓޯ: މިހާރު

ދެ މިލިއަން ރުފިޔާގެ ޖަނަރޭޓަރުތަކެއް ހަލާކުވާން ދޫކޮށްލާފައި!

އައްޑޫގައި މިހާރު 17 ޖަނަރޭޓަރު ބޭނުންކޮށްގެން ކަރަންޓު ދޫކުރަމުން އައި ނަމަވެސް އޭގެ ތެރެއިން ބައެއް ޖަނަރޭޓަރު ބޭނުންކުރަނީ މަރާމާރު ކޮށްގެން ކަމަށް މުއާޒު ވިދާޅުވި އެވެ. ދެން ހުރީ ވަރަށް ގިނަ ދުވަސް ވެފައިވާ ޖަނަރޭޓަރުތަކެއް ކަމަށް މުއާޒު ވިދާޅުވި އެވެ.

މިހާރު ދިމާވެގެން އުޅޭ ކަރަންޓުގެ މައްސަލަ ޖެހުނީ އައްޑު އަށް ގެންދިޔަ ދެ މެގަވޮޓްގެ ދެ ޖެންސެޓު ބޭނުން ނުކޮށް ގިނަދުވަސް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ މެގަވޮޓްގެ ދެ ޖެންސެޓު ކުރިން ހުންނަނީ ބޭނުން ނުކޮށް. އަވީގައި ބަހައްޓާފައި ހުރީ. އަޅުގަނޑުމެން އައިސް އެ މެއިންޓަނެންސް ކޮށްގެން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރިން. ނަމަވެސް އެ ދޭތި އޮޕަރޭޝަނަށް ގެނެވޭ ގޮތެއް ނުވި، ތަންތަނުން ލީކުވާތީ ލޯޑެއް ނުނަގާ،" މުއާޒު ވިދާޅުވި އެވެ.

"އެ ދޭތި ހަލާކުވީމާ މިހެން މި ވީ. އެހެންވެ ރޯދަމަހު ކަރަންޓު ކަނޑަން ޖެހުނީ."

ފެނަކަ އެމްޑީ މުއާޒު.--

ފެނަކަ އެމްޑީ މުއާޒު.--

އެއީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގެ ޖަނަރޭޓަރުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަނަރޭޓަރުތައް ގެނައުން ލަސްވާ ސަބަބެއް ކަމަށް މުއާޒް ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހި ހުރުމުންނެވެ. އެކަމަކު، މިހާރު އެ ފައިސާ ހަމަޖެހިފައިވާ ކަމަށާއި ގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާ ބޮޑެތި އެއްޗެހި ވީމާ މިއީ މެނުފެކްޗާ ކޮށްފައި ހުންނަ އެއްޗެއް ނޫން. އެކަމަކު އެ ޕްރޮސެސް އެބަދޭ ވަރަށް ބާރަށް ކުރިއަށް ހަމަ. އެ ގެނެވިގެން މިކަމަށް ހައްލެއް ވާނީ،" މުއާޒް ވިދާޅުވި އެވެ.

ޖަނަރޭޓަރުތައް ގެނައުމުގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން އެއް މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މުއާޒު ވިދާޅުވި އެވެ.