އައްޑޫގައި ފެނަކައިން ހިންގި ޕްރޮޖެކްޓުތަކަށް މުވައްޒަފުން ނެގީ ހަމައެކަނި އައިޑީކާޑަށް ބަލައިގެން ކަމަށް ޖެނުއަރީ 2020 އިން މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް ކުރި އޮޓިޓުން ހާމަވެއްޖެ އެވެ.
11 މެއި 2025
އައްޑޫގައި ފެނަކައިން ހިންގި ޕްރޮޖެކްޓުތަކަށް މުވައްޒަފުން ނެގީ ހަމައެކަނި އައިޑީކާޑަށް ބަލައިގެން ކަމަށް ޖެނުއަރީ 2020 އިން މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް ކުރި އޮޓިޓުން ހާމަވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އާންމުކުރި އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ފެނަކަ އައްޑޫ ބްރާންޗު ހިންގުމާއި މުވައްޒަފުން ނެގުން ފަދަ މައްސަލަތައް ހިމެނެ އެވެ.
އޮޑިޓު ރިޕޯޓުގައި ބުނީ ފެނަކައިން އައްޑޫގައި ހިންގި ހަތަރު ޕްރޮޖެކްޓަކަށް އެސިސްޓެންޓް މެނޭޖަރަކާއި 8 ސުޕަވައިޒަރުންނާއި ހަތް އެޑްމިނިސްޓްރޭޓިވް އޮފިސަރުން ހިމެނޭގޮތަށް 85 މީހުން ނެގި ކަމަށެވެ. ހަތަރު ޕްރޮޖެކްޓުގެ މަސައްކަތުގައި ޑިސެމްބަރު 31، 2023 ގެ ނިޔަލަށް 158 މުވައްޒަފުން ވަޒީފާއިން ވަކިވިއިރު، 273 މުވައްޒަފުން އިތުރަށް ނަގާފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް އެ މަސައްކަތްތަކަށް މުވައްޒަފުން ނަގާފައިވަނީ ހުސްވާ މަގާމުތަކަށް ނޫން ކަމާއި އެއީ ޕްރޮޖެކްޓުތަކަށް އިތުރުވެފައިވާ މުވައްޒަފުންކަން ފާހަގަކޮށްފައިވެ އެވެ.
ކުންފުނީގެ އެއްވެސް ބްރާންޗަކަށް މުވައްޒަފަކު ބޭނުންވާ ނަމަ އެކަން ލިޔުމުން ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅަންޖެހެ އެވެ. ކުންފުނީގެ މަސައްކަތެއް ކުރަން މެނޭޖިން ޑިރެކްޓަރުގެ ހުއްދައާ އެކު، ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގިދާނެ އެވެ.
ނަމަވެސް، ހަތަރު ޕްރޮޖެކްޓަކަށް މުވައްޒަފުން ނަގާފައިވަނީ ގަވާއިދުތަކާއި އެސްއޯޕީތަކާ ހިލާފަށް، އައިޑީކާޑު ފޮނުވައިގެން ކަމަށް ބުންޏެވެ.
"އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތަކަށް މުވައްޒަފުން ނެގުމުގައި ޕްރޮޖެކްޓު އޮފީސްތަކުން މުވައްޒަފުން ނެގުމަށް ބަލައިގަނެފައިވަނީ ހަމައެކަނި ނަގަން ބޭނުންވާ މީހުންގެ އައިޑީކާޑުތައް ކަމަށާއި ކޮންޓްރެކްޓު އުސޫލުން މި ފަރާތްތަކުގެ ޗިޓު ފޮނުވައި ދެއްވުމަށް އެދި ފެކްސް މެސެޖުތައް ޕްރޮޖެކްޓު ޑިޕާޓްމަންޓުތަކުން ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ފޮނުވާފައިވާކަން ފާހަގަކުރަމެވެ،" ރިޕޯޓުގައި ބުންޏެވެ.
މަހުން މަހަށް މުވައްޒަފުން އިތުރުވެފައިވާއިރު، އެ މުވައްޒަފުން ނެގުމަށް މެނޭޖިން ޑިރެކްޓަރުގެ ހުއްދަ ހޯދާފައިވާކަން ލިޔެކިޔުންތަކުން ފެންނަން ނެތުމުން އެއީ އެންމެ އިސްވެރިޔާގެ ހުއްދައާ އެކު ނެގި މުވައްޒަފުން ކަމެއް ކަށަވަރު ނުވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުންޏެވެ.
"މުވައްޒަފުން ނަގަން ބޭނުންވެއްޖެ ހާލަތްތަކުގައި މުވައްޒަފުން ނަގަނީ އެ ތަނެއްގެ ސީނިއާ މުވައްޒަފުން ފޮނުވާ އައިޑީކާޑުތައް އެޓޭޗުކުރުމަށް ފަހު، ޗިޓު ހޯދުމަށް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް އީ-މެއިލް މެދުވެރިކޮށް އެދިގެން ކަމަށް ޕްރޮޖެކްޓު އޮފީސްތަކުން އޮޑިޓަރުންނަށް މައުލޫމާތު ދިނެވެ." އޮޑިޓު އޮފީހުން ބުންޏެވެ.
އޮޑިޓުގައި ބުނީ މުވައްޒަފުން ނެގުމުގައި އެ މީހުންނަށް އިންޓަވިއު ކޮށްފައި ނުވަތަ މައުލޫމާތު ޗެކު ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތަށް ގާބިލް ނޫން މީހުން ނެގުމުގެ ފުރުސަތު އޮތް ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައި ވެ އެވެ.
"އެހެންކަމުން ވަޒީފާގެ ކުރިއެރުން ދިނުމާއި ވަގުތީ މުވައްޒަފުން ދާއިމީކޮށްފައިވަނީ ކުންފުނީގެ އުސޫލާ ހިލާފަށް ކަމަށާއި މިކަމަކީ ވަކި ފަރާތަކަށް ފައިދާވާގޮތަށް ކޮށްފައިވާ ކަމެއްކަމުގައި ބެލެވެ އެވެ."--- އޮޑިޓު ރިޕޯޓް
ކޮންޓްރެކްޓު އަދި ވަގުތީ މުވައްޒަފުން ނެގުމުގައި ހަރުދަނާ އުސޫލެއް ގާއިމްކޮށްފައިނުވާ ކަމަށާއި މިހާރު ނަގާފައިވާ މުވައްޒަފުންނަކީ އެ މަސައްކަތަށް އެންމެ އެކަށީގެންވާ މުވައްޒަފުން ކަން ކަށަވަރު ނުވާ ކަމަށް ވެސް ބުންޏެވެ.
ފެނަކައިގެ ގަވައިދު އޮންނަ ގޮތުން މުވައްޒަފުންނަށް ކުރިއެރުން ދޭނީ ވަޒީފާ އަދާކުރާތާ ނުވަތަ އެންމެ ފަހުން ކުރިއެރުން ލިބުނުތާ 2-4 އަހަރުވެފައިވާ މުވައްޒަފުންގެ ތެރެއިން މެނޭޖިން ޑިރެކްޓަރު ބޭނުންވެއްޖެ ނަމަ ދެ އަހަރުގެ އެޕްރައިޒަލްގެ ޖުމްލަ 170 ޕޮއިންޓް ހަމަވާ މުވައްޒަފުންނާއި ހަތަރު އަހަރުގެ އެޕްރައިޒަލްގެ ޖުމްލަ 300 ހަމަވާ މުވައްޒަފުންނަށެވެ.
އަދި ހުރިހާ މުވައްޒަފުން ވެސް ދާއިމީ ކުރެވޭނީ ތިން މަސް ދުވަހު ކުރި މަސައްކަތަށް ބެލުމަށްފަހު ކަމަށް ވެސް ބުންޏެވެ.
އެކަމަކު، އޮޑިޓު ރިޕޯޓުގައި ބުނީ ޕްރޮޖެކްޓުތަކަށް ނެގި މުވައްޒަފުންގެ ތެރެއިން 22 މީހަކަށް ވަޒީފާގެ ކުރިއެރުން ދީފައިވާ ކަމަށެވެ. އަދި ސެންޓްރަލް ޕަވަ ހައުސް އާއި ހިތަދޫ އާ އޮފީސް އިމާރާތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ތިން މުވައްޒަފުން ދާއިމީ ކޮށްފައި ވަނީ އެ މީހުން ކުރި ހިދުމަތަށް އިވެލުއޭޓުކޮށްފައިކަން ލިޔުމުން އެނގެން ނެތް ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.
"ޕްރޮޖެކްޓު އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މުވައްޒަފުން ދާއިމީކޮށް ބައެއް މުވައްޒަފުންގެ މަގާމު ބަދަލުވެފައިވާއިރު ޕްރޮޖެކްޓު އޮފީހަށް ލިބެނީ ހަމައެކަނި ވަޒީފާ ބަދަލުވި ކަމުގެ ޗިޓުކަމާއި މިކަމާ ގުޅޭ އިތުރު ލިޔެކިޔުމެއް އޮފީހަށް ނުލިބޭ ކަމަށެވެ. އެހެންކަމުން ވަޒީފާގެ ކުރިއެރުން ދިނުމާއި ވަގުތީ މުވައްޒަފުން ދާއިމީކޮށްފައިވަނީ ކުންފުނީގެ އުސޫލާ ހިލާފަށް ކަމަށާއި މިކަމަކީ ވަކި ފަރާތަކަށް ފައިދާވާގޮތަށް ކޮށްފައިވާ ކަމެއްކަމުގައި ބެލެވެ އެވެ." އޮޑިޓު ރިޕޯޓުގައިވެ އެވެ.
އޮޑިޓު އޮފީހުން ވަނީ މުވައްޒަފުން ދާއިމީކޮށް އަދި މުވައްޒަފުންގެ ކުރިއެރުން ދީފައިވާތީ އެކަންތައް ހިނގާފައިވާ ގޮތް އިތުރަށް ބަލައި ތަހުގީގުކުރަން އޭސީސީއަށް ފޮނުވަން ލަފާދީފަ އެވެ.
އައްޑޫ ފެނަކައިގެ މަޝްރޫއުތައް ހިންގީ ގެއްލުންވާ ގޮތަށް
ފެނަކައިން ތެޔޮ ގަތުމުގައި ވެސް ބޮޑެތި ކޮރަޕްޝަންތަކެއް
ފެނަކައިގެ ޑޮލަރު މުއާމަލާތުން ދައުލަތަށް ގެއްލުން!
ފެނަކަ: ހިޔާނާތުން ހުލިކުރިއިރު ތިބީ ބަލަހައްޓައިގެން!
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!