Roadha Mihaaru
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!

ކެއުންބުއިމަށް ހޭދަކުރި 17 މިލިއަންގެ ތެރެއިން 9 މިލިއަނާ މެދު ސުވާލު އުފައްދައިފި!

15 ސެޕްޓެމްބަރ 2020

ކޮވިޑް-19ގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (ދަރުބާރުގެ) އާއި ބައެއް ފެސިލިޓީތަކުގެ ކެއުންބުއިމަށް މިދިޔަ ޖެނުއަރީން މިދިޔަ ޖޫންގެ ނިޔަލަށް 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އޭގެ ތެރެއިން ނުވަ މިލިއަން ރުފިޔާ އަށް ވީ ގޮތަކާ މެދު އޮޑިޓަ ޖެނެރަލް ސުވާލު އުފައްދަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (ދަރުބާރުގެ) އާއި ބައެއް ފެސިލިޓީތަކުގެ ކެއުންބުއިމަށް މިދިޔަ ޖެނުއަރީން މިދިޔަ ޖޫންގެ ނިޔަލަށް 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އޭގެ ތެރެއިން ނުވަ މިލިއަން ރުފިޔާ އަށް ވީ ގޮތަކާ މެދު އޮޑިޓަ ޖެނެރަލް ސުވާލު އުފައްދަވައިފި އެވެ.

ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޚަރަދުތައް އޮޑިޓްކޮށް މިއަދު އާއްމުކުރި ރިޕޯޓުގައިވާ ގޮތުގައި، ކެއުމުގެ ޚިދުމަތަށް ދައްކާފައިވާ ފައިސާގެ ތެރެއިން ނުވަ މިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ ހަގީގަތުގައި ވެސް ލިބުނު ޚިދުމަތަކަށް ކަމެއް ޔަގީން ނުކުރެވެ އެވެ. މިއީ، ފައިސާ ޚަރަދުކުރަން ހުއްދަ ދޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވުން ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ، ކެއުންބުއިމުގެ ޚަރަދުތަކަށް ފައިސާ ދައްކަން ޖެހޭ ލިއުންތައް އެކަށީގެންވާ ގޮތެއްގައި ތައްޔާރުކޮށް ބަލަހައްޓާފައި ނުވާތީ މާލީ ޒިންމާދާރުވެރިޔާ އާއި ފައިސާ ހަރަދުކުރަން ހުއްދަ ދީފައިވާ ފަރާތްތަކުގެ މައްސަލަ ފިނޭންސް މިނިސްޓްރީން ބެލުމަށެވެ.

ކެއުންބުއިމަށް 17 މިލިއަން ހަރަދުކުރި ގޮތުގެ ތަފްސީލް:

- ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) 5.9 މިލިއަން ރުފިޔާ

- އއ. ވެލިދޫ: 5 މިލިއަން ރުފިޔާ

- ގުޅީފަޅު ކޮވިޑް ސެންޓަރު: 2.3 މިލިއަން ރުފިޔާ

- ހުޅުލޭ އައިލެންޑް ހޮޓެލް: 1.4 މިލިއަން ރުފިޔާ

- އެސްޓީއޯ ހިޔާ 1.3 މިލިއަން ރުފިޔާ

- ހުޅުމާލެ ކޮވިޑް-19ގެ ޑިސްޓްރިބިއުޝަން ސެންޓަރު: 840،745ރ.

- ހުޅުމާލެ ފަރުކޮޅު ކޮވިޑް ސެންޓަރު 186،985ރ.

- އޯޑަރު ކުރެވުނު ގޮތް ލިޔެކިޔުމުން ބަލަހައްޓާފައި ނުވާ ޚަރަދު: 9.8 މިލިއަން ރުފިޔާ

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދަރުބާރުގެ އާއި ބައެއް އައިސޮލޭޝަން ފެސިލިޓީތަކާއި ބިދޭސީން ވަގުތީ ގޮތުން ބައިތިއްބާ ފެސިލިޓީތަކަށް ކެއުންބުއިން އެންޑީއެމްއޭ އިން ފޯރުކޮށްދިނީ އެކި ފަރާތްތަކާ ހަވާލުކޮށްގެންނެވެ. އެ ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައިވާ ގޮތުން ފައިސާ ދައްކަން ޖެހޭނީ ކޮންމެ ދުވަހެއްގެ ކެއުމަށް، އެ ވަގުތަކު އޯޑަރުކުރާ މީހުންގެ އަދަދަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ރޭޓަށް ކަމަށް އޮޑިޓުގައިވެ އެވެ.

ކޮންމެ ދުވަހަކު ވެސް އެ ފެސިލިޓީއަކުން ކެއުން ހަމަޖައްސައިދޭން ޖެހޭ މީހުންގެ އަދަދު ސަޕްލަޔަރަށް އަންގަން ޖެހެ އެވެ. ސަޕްލަޔަރަށް ފައިސާ ދެއްކީ ރަނގަޅަށްތޯ ނުވަތަ ކެއުމަށް އޯޑަރުކުރި މީހުންގެ އަދަދުންތޯ ޔަގީން ކުރެވޭނީ ކޮންމެ އިރަކު ވެސް ލިޔެކިޔުން ބަލަހައްޓާފައިވާ ނަމަ ކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

"ނަމަވެސް، އއ. ވެލިދޫގައި ހިންގާ ކޮވިޑް-19ގެ ކަރަންޓީން ސެންޓަރާއި ގުޅިފަޅުގައި ހިންގާ ކޮވިޑް-19ގެ ކަރަންޓީން ސެންޓަރު ފިޔަވައި ދެން ހުރި ފެސިލިޓީތަކުގެ ކެއުމުގެ ހިދުމަތަށް އެދި އޯޑަރުކުރީ ކިތައް މީހުންނަށް ކަން އެނގޭނެ ގޮތަކަށް ލިޔެކިޔުން ބަލަހައްޓައިފައެއް ނުވެ އެވެ،" ރިޕޯޓުގައިވެ އެވެ.

އޮޑިޓުގައި ބުނެފައިވާ ގޮތުގައި ފެސިލިޓީތަކަށް މީހުން ގެންދާ ތާރީޚު އެނގުނަސް އެ މީހުން ދޫކުރާ ތާރީޚު އެނގޭނެ ގޮތަށް ލިޔެކިޔުން ފުރިހަމައަށް ބަލަހައްޓާފައި ނެތުމުން ބިލްކޮށްފައި ވަނީ އެ ދުވަހަކު ފެސިލިޓީއެއްގައި ތިބި މީހުންގެ އަދަދަށް ކަން ވެސް ކަށަވަރު ކުރެވޭނެ ގޮތެއް ނެތެވެ.

"މީގެ އިތުރުން ކެއުމުގެ ކޮންމެ ވަގުތަކަށް ބިލް ކޮށްފައިވާ އަދަދުތަކުގައި ތަފާތުތައް ހުރުމުން އޯޑަރުކުރި އަދަދާއި އޮކިއުޕެންސީ މައުލޫމާތު ފުރިިހަމަ އަށް ލިޔެކިޔުމުން ބެލެހެއްޓުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަން ފާހަގަކުރަމެވެ،" އޮޑިޓުގައިވެ އެވެ.

ކެއުންބުއިމަށް ހޭދަކުރި ގޮތުގެ އިތުރުން ވެސް އެންޑީއެމްގެ އޮޑިޓުން ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތި ކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ކޮންޓްރޯލް ކޮށްފައިވާ ކާބޯތަކެތި ބޮޑު އަގުގައި ގަތުމާއި ގެސްޓު ހައުސްތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު ކަށަވަރު ނުކޮށް ބިލްތަކަށް ފައިސާ ދައްކާފައިވުމާއި ގެސްޓު ހައުސްތަކާ އެކު އެއްބަސްވުން ނަހަދައި ފައިސާ ހޭދަކުރުމާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތީގެ ސްޓޮކް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމާއި އޯޑަރުކުރި ތަކެތި ލިބުނު ކަން ކަށަވަރުނުކޮށް ތަކެތި ލިބުނު ކަމަށް ސިސްޓަމްގައި ރެކޯޑް ކުރުން ފަދަ ކަންތައް ހިމެނެ އެވެ.