Roadha Mihaaru
ހިދުމަތުގެ ބަދަލަށް ރަށްރަށް ނުދޭން އަންގައިފި

ޚިދުމަތް ދޭން ޝަރުތުކޮށް، ރިސޯޓު ހިންގަން ރަށްރަށް ދޫނުކުރަން އޮޑިޓަ ޖެނެރަލް އަންގައިފި

23 ޖުލައި 2020

އެކިއެކި ޚިދުމަތް ދޭން ޝަރުތުކޮށް، ކުންފުނިތަކާ ސަރުކާރުން ކަންކަން ހަވާލު ކުރާއިރު، އެ ޚިދުމަތުގެ އަގު ކުޑަކުރުމުގެ ބޭނުމުގައި ރިސޯޓު ހިންގަން ރަށްރަށް ދިނުން ހުއްޓާލުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ އަންގަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެކިއެކި ޚިދުމަތް ދޭން ޝަރުތުކޮށް، ކުންފުނިތަކާ ސަރުކާރުން ކަންކަން ހަވާލު ކުރާއިރު، އެ ޚިދުމަތުގެ އަގު ކުޑަކުރުމުގެ ބޭނުމުގައި ރިސޯޓު ހިންގަން ރަށްރަށް ދިނުން ހުއްޓާލުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ އަންގަވައިފި އެވެ.

ދީބާޖާ އިންވެސްޓްމެންޓަށް ބަދަލު ނުދޭން އަންގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރެނު ރިޕޯޓުގައި ބުނީ، ދަތުރުފަތުރުގެ ޚިދުމަތް ފަދަ އާއްމު ޚިދުމަތްތަކަށް ކްރޮސް ސަބްސިޑީޒްގެ ގޮތުގައި ޓޫރިސްޓު ރިސޯޓު ފަދަ ތަންތަން ތަރައްގީކޮށް، ހިންގުމަށް ދޫކުރާ ފަޅު ރަށްރަށް ހޯދުމަށް ފަހު، ޚިދުމަތްތައް ފޯރުކޮށްދިނުމާ ހަވާލުވާ ކުންފުނިން އެ ޚިދުމަތްތައް ހުއްޓާލުމުން އާއްމު ރައްޔިތުންނަށް އޭގެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެހެންވެ، އާއްމު ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅުވައިގެން ޓޫރިސްޓް ރިސޯޓާއި ހޮޓާ ފަދަ ތަންތަން ތަރައްގީކޮށް، ހިންގުމަށް ފަޅާއި ރަށްރަށް ދޫނުކުރުމަށް އޮޑިޓަ ޖެނެރަލް އެންގެވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ފެރީގެ ހިދުމަތް ދޭން އެކި ކުންފުނިތަކާ ހަވާލުކުރީ، އޭގެ ބަދަލުގައި ރިސޯޓުތައް ހަދަން ރަށްރަށާއި ގެސްޓު ހައުސްތަކަށް ބިންތައް ދޫކުރާ ގޮތަށެވެ. ބައެއް ކުންފުނިތަކުން ވަނީ އޭރު ލިބުނު ރަށްރަށުގައި މަތީފަންތީގެ ރިސޯޓުތައް ވެސް ހަދައިފަ އެވެ. އެކަމަކު ފެރީގެ ހިދުމަތެއް ނުދެ އެވެ. މީގެ އިތުރުން މާލޭގައި ފާޚާނާބަރި ހަދާ މީހުންނަށް ކެފޭ/ރެސްޓޯރަންޓު ހިންގާނެ ބިން ވެސް ނަޝީދުގެ ސަރުކާރުން ދޫކުރި އެވެ.

ނަޝީދުގެ ވެރިކަމަށް ފަހު، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ދީބާޖާގެ އެއްބަސްވުން ބާތިލް ކުރީ އެއާ އެއްގޮތަށް ފެރީގެ ޚިދުމަތް ނުދޭތީ އެވެ. ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް އިއްޔެ ވަނީ އަންގަވައިފަ އެވެ.

އެ ރިޕޯޓުގައި ބުނީ ދީބާޖާއާ އެކު، ފެބްރުއަރީ 1، 2010 ގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން، ޓްރާންސްޕޯޓް މިނިސްޓްރީން މެއި 30، 2013 ގައި ބާތިލް ކޮށްފައި ވަނީ ދީބާޖާ އިން އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށް ނުދޭތީ ކަމަށެވެ.

ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް މީހުން ދިރިނޫޅޭ ރަށަކުން 15 ހެކްޓަރުގެ ބިން ދީބާޖާ އަށް ދިނުމަށް ހަމަޖައްސާފައިވީ ނަމަވެސް މެއި 5، 2010 ގައި ސޮއިކުރި ލީސް އެގްރިމެންޓްގެ ދަށުން ދީބާޖާ އަށް ރ. ކުޑަކުރަތު ދޫކޮށްފައިވަނީ އެ ރަށުގެ މުޅި ބިމާއި ފަޅު ހިމެނޭ ގޮތަށް 37.6 ހެކްޓަރުގެ ބިން ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. ރިސޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގެ ދަށުން ދީބާޖާ އަށް ދިނުމަށް ކަނޑައެޅި ސައިޒަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ދޫކޮށްފައިވާތީ، މިއީ އެއްބަސްވުމުގައި ނުހިމެނޭ އިތުރު މަންފާތަކެއް ކަމަށް ތުހުމަތުކޮށް، އެ ކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ބެލެވޭތީ މި މައްސަލަ ތަހުގީގު ކުރުމަށް ވެސް އޮޑިޓާ ޖެނެރަލް ހަސަން ވަނީ އަންގަވައިފަ އެވެ.