އައްޑޫގެ ފެނަކަ ބްރާންޗުން މަޝްރޫއުތައް ހިންގީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް ކަމަށާއި އަދި ކަރަންޓާއި ފެން ބިލްތަކުން ވެސް 77 މިލިއަން ރުފިޔާ ނުލިބި އެބައޮތް ކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
11 މެއި 2025
އައްޑޫގެ ފެނަކަ ބްރާންޗުން މަޝްރޫއުތައް ހިންގީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް ކަމަށާއި އަދި ކަރަންޓާއި ފެން ބިލްތަކުން ވެސް 77 މިލިއަން ރުފިޔާ ނުލިބި އެބައޮތް ކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
އެ ކުންފުނިން ޖެނުއަރީ، 2020 އިން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހިންގާފައިވާ މަޝްރޫއުތަކާއި މަސައްކަތްތަކާ ގުޅޭ އޮޑިޓެއް ހަދައިދިނުމަށް އެދުނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެއާއެކު ހާއްސަ އޮޑިޓު ނިންމައި އޮޑިޓު އޮފީހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ރިޕޯޓު އާއްމު ކުރިއިރު، ފެނަކައިގެ އައްޑޫ ބްރާންޗާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.
އެ ރިޕޯޓުގައި ބުނީ ފެނަކައިން 2021 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަތަރު ޕްރޮޖެކްޓެއް އިންހައުސްކޮށް ކުރިއަށް ގެންދިޔަ ކަމަށެވެ. އެ ޕްރޮޖެކްޓުތަކަށް މިދިޔަ އަހަރު ނިމުނުއިރު 117 މިލިއަން ރުފިޔާ ހަރަދު ކުރިއަސް، އެކަންކަން އެއްކޮށް ނިންމަން އިތުރަށް 68 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ބުންޏެވެ. އެހެންވެ، އެ މަޝްރޫއުތައް ބޭނުން ހިފޭނެ ހާލަތަކަށް ގެންނަން ޖުމްލަ 185 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އޮޑިޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
އޮޑިޓު އޮފީހުން ބުނީ އައްޑޫ ސެންޓްރަލް އިންޖީނުގެ އާ އިމާރާތާއި ހިތަދޫ އޮފީހުގެ އާ އިމާރާތާއި މަރަދޫ ފޭދޫ އޮފީހުގެ އާ އިމާރާތް އަދި ހުޅުމީދޫ އޮފީހުގެ އާ އިމާރާތާއި އިންޖީނުގޭގެ އާ އިމާރާތް އަޅަން، މީގެ ކުރިން އެހެން ފަރާތްތަކާ ހަވާލުކޮށްގެން ހިންގާފައިވަނީ ހަތަރު މަޝްރޫއަށް ޖުމްލަ 109 މިލިއަން ރުފިޔާއަށް ކަމަށެވެ. ނަމަވެސް
އިން-ހައުސްކޮށް އެ މަޝްރޫއުތައް ގެންދިއުމުން ފެނަކައަށް 70 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.
ރިޕޯޓުގައި ބުނީ ކުންފުނީގެ އެކައުންޓުން މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޕެޓީ ކޭޝްއިން ފައިސާ ހަރަދު ކުރުމުގައި ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296ރ. ގެ ތަކެތި ގަނެފައިވާ ކަމަށެވެ. އަދި ޑޮކިއުމަންޓް ފޯޖުކޮށްގެން 130،220ރ. ގެ ޕެޓީ ކޭޝް ނަގާފައިވާތީ، އެ ޕްރޮޖެކްޓުތަކަށް ޕެޓީ ކޭޝްއިން ހަރަދުކޮށްފައިވާ 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ހިދުމަތާއި ތަކެތި ލިބިގެން ހަރަދުކޮށްފައިވަނީ ކިހާ ފައިސާއެއްކަން ކަށަވަރުނުވާ ކަމަށް ބުންޏެވެ.
ޕެޓީ ކޭޝްއިން ފައިސާ ހަރަދުކުރުމުގައި ހަރުދަނާ ކޮންޓްރޯލެއް ގާއިމްވެފައި ނެތުމުން 36،494ރ. ގެ ބިލްތަކަށް ދެ ފަހަރަށް ފައިސާ ދައްކާފައިވާ ކަމަށް ވެސް އޮޑިޓު އޮފީހުން ބުންޏެވެ.
އެކަންކަމުގެ އިތުރުން ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީއާ ހިލާފަށް ތިން ފަރާތަކުން ކޯޓޭޝަން ނުހޯދައި އަދި ކުންފުނީގެ އިސް މުވައްޒަފަކާ އާއިލީ ގުޅުން އޮތް ވިޔަފާރިއަކުން 1،516،182ރ. ގެ ތަކެތި ހޯދާފައިވުމާއި އެ ތަކެތި ހޯދަން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުގައި ހުއްދަ ދިނުމަށް އެ މުވައްޒަފު ސޮއިކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
އެކަންކަމުގެ އިތުރުން ހިތަދޫގައި ސެންޓްރަލް އިންޖީނުގެ އަޅަން އެހެން ރަށްރަށުން ގެންދިޔަ މުވައްޒަފުން ތިބުމަށް 10 ގެއެއް ކުއްޔަށް ނެގި ކަމަށެވެ. އޭގެ ތެރެއިން ހަ ގެއަކީ އެހެން އަވަށްތަކުން ކުއްޔަށް ނެގި ތަންތަން ކަމަށާއި އަދި އެ އަވަށްތަކުން މުވައްޒަފުން އުފުލަން 232،584ރ. އަށް ބަހެއް ކުއްޔަށް ނަގާފައިވާ ކަމަށް ބުންޏެވެ. އެހެންވެ، ކުންފުނީގެ ހަރަދުތައް ބޮޑުވެގެން ދިޔަ ކަމަށް ބުންޏެވެ.
އެ ގެތައް ކުއްޔަށް ނަގަން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް، އެ ގެ ތަކުގައި ތިބި މުވައްޒަފުންގެ ތަފްސީލުތައް ބަލަހައްޓާފައިނުވާ ކަމަށް އޮޑިޓު އޮފީހުން ފާހަގަކުރެ އެވެ.
- އާމްދަނީގެ ގޮތުގައި މަރަދޫފޭދޫ ބްރާންޗަށް އޮގަސްޓް 25، 2024 އިން ސެޕްޓެމްބަރު 16، 2024 އަށް 409،450ރ. ލިބިފައިވޭ. އޭގެ ތެރެއިން އެކައުންޓަށް ޖަމާކޮށްފައިވަނީ 92،410ރ. އެ ފައިސާ މަދުވުމުން އެ މުވައްޒަފަށް އެންގުމުން ވަނީ ބާކީ 317،040ރ. މިދިޔަ ސެޕްޓެމްބަރު 29 ގައި ދައްކާފައި.
- ފެނާއި ނަރުދަމާ އަދި ސެންޓްރަލް ޕަވަ ހައުސް ޕްރޮޖެކްޓަށް އިއުލާންކުރުމަކާ ނުލައި، ކޯޓޭޝަން ހޯދައިގެން ފަސް އެކްސްކަވޭޓަރާއި ހަތަރު ޕިކަޕު އަދި ބައުޒަރެއް އެއް މަހަށް ކުއްޔަށް ނަގައި، ގިނަ މަސްތަކެއް ވަންދެން އެއްބަސްވުން އާކުރި. ވެހިކަލް ހޯދުމުގައި ދިގު މުއްދަތަކަށް ފައިދާ ވަނީ ކޮން ގޮތަކަށްތޯ ނުބަލައި ވެހިކަލްތައް ކުއްޔަށް ނެގުމުން 15.9 މިލިއަން ރުފިޔާގެ ޕާޗޭސް އޯޑަރު ތައްޔާރުކޮށް ހިދުމަތް ހޯދާފައިވޭ. އެއީ 10 ވެހިކަލް ގަތުމަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ 4.3 މިލިއަން ރުފިޔާއަށް ވުރެ 11.6 މިލިއަން ރުފިޔާގެ އިތުރުވުމެއް.
ފެނަކައިން އިން-ހައުސްކޮށް ހަތަރު ޕްރޮޖެކްޓު ހިންގަން 85 މުވައްޒަފުން ނެގި އެވެ. ނަމަވެސް، ޑިސެމްބަރު 31، 2023 ގެ ނިޔަލަށް އެ މަސައްކަތްތައް ކުރަން އިތުރަށް 273 މުވައްޒަފުން ނެގި އެވެ. ކުންފުނީގެ މުވައްޒަފުންގެ ގަވައިދާއި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށް އެ ޕްރޮޖެކްޓުތަކަށް މުވައްޒަފުން ނަގައި އަދި ބައެއް މުވައްޒަފުންނަށް ކުރިއެރުން ދީ އަނެއް ބައި މުވައްޒަފުން ދާއިމީ ކޮށްފައިވުން.
ކަރަންޓާއި ފެނުގެ ހިދުމަތް ހޯދުމަށްފަހު ކުންފުންޏަށް 77.9 މިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް ހިމެނެ އެވެ.
އައްޑޫ ފެނަކައަށް މީހުން ނެގީ އައިޑީކާޑަށް ބަލައިގެން!
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!
ފެނަކައިން ތެޔޮ ގަތުމުގައި ވެސް ބޮޑެތި ކޮރަޕްޝަންތަކެއް
ފެނަކައިގެ ޑޮލަރު މުއާމަލާތުން ދައުލަތަށް ގެއްލުން!
ފެނަކައިގެ ބޮޑެތި ކޮރަޕްޝަން އޮޑިޓުން ފަޅާއަރުވާލައިފި
ފެނަަކައިގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކުރަނީ
ޕޮލްކޯ ފްލެޓް މަޝްރޫއުގެ މައްސަލަ އޭސީސީއަށް
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
ފެނަކައިގެ އޮފީހަކުން ފައިސާތަކެއް ގެއްލުނު މައްސަލައެއް
ފޭކް ސްޓޭޓްމަންޓް ފޮނުވުމުގެ ފަހަތުގައި ދެމަފިރިން!