Roadha Mihaaru

ފެނަކައިގެ ހަތަރު އަހަރުގެ އޮޑިޓް: ޕްރޮޖެކްޓްތައް ލަސްވެ، މުސާރަ އާއި އިނާޔަތަށް އިތުރަށް 247 މިލިއަން ދިން

ފެނަކައިން 50 ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސް، މުވައްޒަފުންނަށް އިތުރަށް 247 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

މަޝްރޫއު ނުނިމި މުވައްޒަފުންނަށް އިތުރު 247 މިލިއަން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 މެއި 2025

ފެނަކައިން 50 ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސް، މުވައްޒަފުންނަށް އިތުރަށް 247 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

ފެނަކައަށް މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަނާއި މުސާރަ އާއި އިނާޔަތްތައް ދިނުމާ ގުޅޭގޮތުން ހަދާފައިވާ ހާއްސަ އޮޑިޓުގައި ވަނީ 2021-2024 ގެ ނިޔަލަށް ފާހަގަ ކުރެވުނު ގިނަ މައްސަލަތަކެއް ހިމަނައިފަ އެވެ.

އޮޑިޓު ރިޕޯޓުގައި ބުނީ ފެނަކައިން ރަށްރަށުގައި އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް ފެށި ޕްރޮޖެކްޓްތަކުގެ މަސައްކަތް ނުނިމި ގިނަ ދުވަސްވުމުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް އިތުރަށް ހަރަދު ހިނގާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހައެއްކަ މަހުން ނިންމޭނެ ކަމަށް ލަފާކޮށްފައިވާ ތަންތަނުގެ މަސައްކަތް ދިގުލައިގެން ގޮސް މަސައްކަތް ނުނިމި ގާތްގަނޑަކަށް ތިން އަހަރުވާން ގާތްވެފައި އެބަ ހުއްޓެވެ. އެހެންވެ އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 241 މިލިއަން ރުފިޔާ އާއި އިނާޔަތްތަކުގެ ގޮތުގައި 6.4 މިލިއަން ރުފިޔާ ދޭންޖެހެ އެވެ.

އޭގެ އިތުރުން އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ރަށްރަށުގައި ވެސް މުސާރަ އާއި އިނާޔަތްތަކަށް 13.5 މިލިއަން ރުފިޔާ ފެނަކައިން ހޭދަކޮށްފައިވެ އެވެ.

ފެނަކައިގެ މުވައްޒަފުންގެ އަދަދު:

2021 - 4368 މުވައްޒަފުން

2022 - 6332 މުވައްޒަފުން

2023 - 6672 މުވައްޒަފުން

2024 - 6609 މުވައްޒަފުން

އޮޑިޓުގައި ބުނީ ފެނަކައިގައި 2020 ގެ ނިޔަލަށް ވަޒީފާ އަދާކުރަމުން ދިޔައީ 3523 މީހުން ނަމަވެސް އޭގެ ފަހުން އަހަރުން އަހަރަށް މުވައްޒަފުންގެ އަދަދު ދިޔައީ އިތުރުވަމުން ކަމަށެވެ. އެގޮތުން 2021 އިން 2024 ގެ ނިޔަލަށް 7228 މީހަކު އެތަނަށް ވަޒީފާއަށް ވައްދާފައިވާ ކަމަށާއި އޭގެ ތެރޭގައި ދާއިމީ މުވައްޒަފުންގެ އަދަދަކީ 4،557 ކަމަށެވެ. ބާކީ 2،671 މުވައްޒަފުން ވައްދާފައިވަނީ ވަގުތީ ވަޒީފާތަކަށް ކަމަށެވެ.

އޮޑިޓުގައި ބުނިގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނީގެ ވަޒީފާތަކުގައި ތިބި މީހުންގެ ތެރެއިން 6،317 މީހުންނަކީ ދާއިމީ މުވައްޒަފުންނެެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނީ ފެނަކައިގެ ދާއިމީ މުވައްޒަފުންގެ އަދަދު އިތުރުވެފައި ވަނީ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވެފައިވާ މިންވަރަށް ބަލައިގެން ނޫން ކަމަށެވެ. އަދި ކަރަންޓާއި ފެނާއި ނަރުދަމާގެ ކަނެކްޝަންތަކުގެ އަދަދު އިތުރުވެފައިވާ މިންވަރަށް ވުރެ ގާތްގަނޑަކަށް 32 ޕަސެންޓް މުވައްޒަފުންގެ އަދަދު އިތުރު ކަމަށެވެ.

އޭގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީ އާއި ތެލާއި އިންޖީނުތަކުގެ ސްޕެއާ ޕާޓްސް ގަތުމަށް ކުރަންޖެހޭ ހަރަދަށް ބަލާއިރު އެކަށީގެންވާ ވަރަށް ވުރެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ކުރާ ހޭދަ ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށް ހުރަސް އެޅިގެންދާ ކަމަށް އޮޑިޓުގައި ބުންޏެވެ.

މުވައްޒަފުންގެ މުސާރައާ އިނާޔަތްތަކަށް ހޭދަވި ހަރަދު:

2021 - 438 މިލިއަން ރުފިޔާ

2022 - 754 މިލިއަން ރުފިޔާ

2023 - 895 މިލިއަން ރުފިޔާ

2024 - 890 މިލިއަން ރުފިޔާ

އެ ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އެ ކުންފުންޏަށް ލިބުނު އާމްދަނީގެ 38 ވަރަަކަށް ޕަސެންޓް ހޭދަކުރީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އަދި 2023 ގައި އެ އަދަދު 39 ޕަސެންޓުގައި ހުރިިއިރު މިދިޔަ އަހަރު ވަނީ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އާމްދަނީގެ 36 ޕަސެންޓް ހޭދަކޮށްފަ އެވެ.

އޮޑިޓުގައި ބުނީ ރާއްޖޭގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދޭ އެހެން ކުންފުނިތަކުގެ އާމްދަނީގެ ނިސްބަތުން މުވައްޒަފުންނާއި އިނާޔަތްތަކަށް ހޭދަކުރަނީ 12-20 ޕަސެންޓާ ދެމެދުގެ އަދަދެއް ކަމަށެވެ.

އެ މުއްދަތުގައި އާންމުކޮށް އިއުލާނު ނުކޮށް ފެނަކައިން ދާއިމީ މަގާމުތަކަށް 2،480 މުވައްޒަފުން ވެސް ނަގާފައިވެ އެވެ. އޮޑިޓުގައި ބުނީ ފެނަކައިގެ ގަވައިދުގައިވާ ގޮތުން އާންމުކޮށް އިއުލާނު ނުކޮށް ވެސް މުވައްޒަފުން ނެގޭތީ އޭގެ ސަބަބުން ކުންފުނީގެ މެނޭޖްމަންޓުގައި ތިބޭ ފަރާތްތަކުގެ އަމިއްލަ މަސްލަހަތާ އެއްގޮތަށް ނާޖާއިޒު ބޭނުންކޮށްގެން މުވައްޒަފުން ނެގުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެހެންވެ، ކުންފުނި ހިންގުން ހަރުދަނާ ކުރުމަށް އާންމުކޮށް އިއުލާނުކޮށްގެން މުވައްޒަފުން ނެގޭނެ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޮޑިޓުގައި ފާހަގަކުރެ އެވެ.

އިތުރު މައްސަލަތައް:

- އިންތިހާބުތައް އޮންނަ ދުވަސްވަރު ފެނަކައަށް އިތުރު މުވައްޒަފުން ވައްދަމުން ގެންދޭ.

- ވަގުތީ ވަޒީފާތަކުގައި ތިބޭ މުވައްޒަފުންގެ އަދަދު މަދުކުރި ނަމަވެސް ދާއިމީ ވަޒީފާތަކަށް އިތުރު މުވައްޒަފުން ނަގާފައިވާކަން.

- ވަގުތީ ވަޒީފާތަކުން ވަކިކުރި 297 މީހަކަށް ދާއިމީ ވަޒީފާ ދިނުން.

- ރަށްރަށުގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އެހެން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް ވުރެ ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންގެ އަދަދު އެވްރެޖްކޮށް އިތުރުކަން.

- ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެމްޑަބްލިއުއެސްސީގެ ބްރާންޗުތަކުގައި ތިބޭ މުވައްޒަފުންގެ އަދަދަށް ވުރެ ފެނަަކައިގެ މުވައްޒަފުންގެ އަދަދު އެވްރެެޖްކޮށް 11 މުވައްޒަފުން އިތުރުކަން. ސްޓެލްކޯގެ މުވައްޒަފުންނަށް ވުރެ 4 މުވައްޒަފުން އިތުރުކަން.

- އެއްވަރެއްގައި އޮޕަރޭޝަން ހިންގާ އެކި ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާ ދިނުމަށް އެކި ރަށްރަށުގައި ތިބޭ ފެނަކައިގެ މުވައްޒަފުންގެ އަދަދުގެ ތަފާތުކަން ބޮޑުކަން.

- ކުންފުނީގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ ވަކިވަކި މަގާމުތަކަށް މުވައްޒަފުން ނަގަންޖެހޭ މިންވަރަށް ވުރެ އިތުރަށް ބައެއް ބްރާންޗުތަކުން ވަޒީފާ ދީފައިވޭ.

- ކުންފުނީގެ ބައެެއް މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް މަގާމުގެ ކުރިއެރުން ދޭކަން.

- ވަޒީފާގެ އިންޓަވިއު ކުރިއަށް ނުގެންގޮސް މަގާމުތަކަށް މުވައްޒަފުން ނެގުން.

- އިން ހައުސް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ގޮތަށް ހަމަޖެއްސި ދާއިމީ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ހާއްސަ އެލަވަންސްގެ ގޮތުގައި 19.5 މިލިއަން ރުފިޔާ ދީފައިވޭ.

- އިން ހައުސް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ގޮތަށް ހަމަޖެއްސި ވަގުތީ މުވައްޒަފުންނަށް 229،711ރ. ދީފައިވޭ.

ގިނަ މައްސަލަތަކެއް އެ އޮޑިޓުގައި ފާހަގަކުރެވިފައިވާތީ އޮޑިޓު އޮފީހުން ވަނީ ކުންފުންޏަށް އިތުރަށް މުވައްޒަފުން ބޭނުންވާކަން ކަށަވަރުކޮށްފައި ނޫން ގޮތަކަށް މުވައްޒަފުން ނުނަގަން އަންގައިފަ އެވެ. އަދި އާންމުކޮށް އިއުލާނު ނުކޮށް މުވައްޒަފުން ނުނެގުމަށާއި ގަވާއިދާ ހިލާފަށް މަގާމުގެ ކުރިއެރުން ދިން ފަރާތްތަކުގެ މައްސަލަ ބެލުމަށް ވެސް އަންގާފައިވެ އެވެ.