Roadha Mihaaru
ފޭކް ސްޓޭޓްމަންޓް ފޮނުވުމުގެ ފަހަތުގައި ދެމަފިރިން!

އޮޑިޓަށް ދޮގު މައުލޫމާތު ދިނުމާއި އޮޅުވާލުމުގެ ފަހަތުގައި ދެމަފިރިން، ކައުންސިލް މެމްބަރުންނަކަށް ނޭނގޭ!

28 އޯގަސްޓް 2024

އދ. ދިއްދޫ ކައުންސިލްގެ ފަރާތުން އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދިނުމާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކޮށްފައިވަނީ އެތަނުގެ ސެކެޓްރީ ޖެނެރަލާއި އޭނާގެ ފިރިމީހާ ކަމަށާއި އެކަން ކުރީ ކައުންސިލް މެމްބަރުންނަށް ވެސް އޮޅުވާލައިގެން ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ދިއްދޫ ކައުންސިލްގެ ފަރާތުން އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދިނުމާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކޮށްފައިވަނީ އެތަނުގެ ސެކެޓްރީ ޖެނެރަލާއި އޭނާގެ ފިރިމީހާ ކަމަށާއި އެކަން ކުރީ ކައުންސިލް މެމްބަރުންނަށް ވެސް އޮޅުވާލައިގެން ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

އޮޑިޓް އޮފީހުން ދާދިފަހުން އާންމުކުރި ދިއްދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން އެނގުނު ގޮތުގައި އެ ރަށު ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓް ވަނީ ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ބަދަލުކޮށް، އޮޑިޓަރުންނަށް އޮޅުވާލަން މަސައްކަތްކޮށްފަ އެވެ. އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން އޮޑިޓާ ޖެނެރަލް މިހާރު ވަނީ އަންގަވައިފަ އެވެ. އަދި ސެކެޓްރީ ޖެނެރަލް ބެހެއްޓުމަށް ކައުންސިލުން ގެއެއް ކުއްޔަށް ހިފުމުގައި ހުރި މައްސަލަތަކެއް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ދިއްދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި އެކަން ކޮށްފައިވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި އދ. މަހިބަދޫ މީހަކާއި ފ. ނިލަންދޫއަށް ނިސްބަތްވާ އޭނާގެ ފިރިމީހާ އެވެ. އަދި ފިރިމީހާ ހުރީ ކައުންސިލްގެ އައިޓީ ކޮންސަލްޓެންޓްގެ މަގާމުގައި ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ކައުންސިލުގައި މާލީ ހިސާބުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ނެތިގެން ސެކެޓްރީ ޖެނެރަލެއް ހޯދުމަށް އެތައް ފަހަރަކު އިއުލާން ކޮށްގެން ވެސް އެ މަގާމަށް ކުރިމަތިލާނެ މީހަކު ނުވި ކަމަށާއި މަހިބަދޫ މީހަކު އެ މަގާމަށް އެއްބަސްވީ ދިއްދޫގައި ހުރުމުގެ ހަރަދު ކައުންސިލުން ހަމަޖައްސައިދޭ މަތިން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު އޭނާ އެ މަގާމަށް ހަމަޖައްސަން ނިންމީ ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންވެ، ފެބްރުއަރީ، 2022 ގައި އެސްޖީގެ މަގާމަށް ހޮވި އެ މީހާ އެރަށުގައި ބެހެއްޓުމަށް ކައުންސިލްގެ ބޭނުންތަކަށް ގެއެއް ކުއްޔަށް ހިފުމުގައި މައްސަލައެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާ ދިނުމުން މަހަކު 4،500ރ. ކައުންސިލުން ދޭ ގޮތަށް ދިއްދޫ އިން ގެއެއް ކުއްޔަށް ހިފީ ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެސްޖީ އަމިއްލައަށް އެ ގެއަށް ދައްކަން ޖެހޭ 1،000ރ. އާ އެކު، މަހަކު ޖުމްލަ 5،500ރ. ދައްކަން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކައުންސިލްގެ ބަޔާނުގައިވަނީ އެސްޖީގެ ލަފާގެ މަތިން އެ ކައުންސިލް ހިންގުން ހަރުދަނާކުރުމަށް އިތުރު މުވައްޒަފުން ނަގައި، މާލީ ހިސާބުތަކާއި މުދަލާއި ފައިސާ ރައްކާތެރިކުރަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި އޭނާގެ ލަފާގެ މަތިން އައިޓީ ކޮންސަލްޓަންޓާއި އަދި ފައިނޭންސް ކޮންސަލްޓަންޓަކަށް ވަކިވަކިން މީހުން ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާން ކުރުމުން ވެސް ކުރިމަތިލާނެ މީހަކު ނުވުމުން އައިޓީ ކޮންސަލްޓެންޓްގެ މަގާމަށް އެސްޖީގެ ފިރިމީހާ ނަގަން ކައުންސިލުން ނިންމި ކަމަށް އެ ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނިގޮތުގައި ފައިނޭންސް ކޮންސަލްޓަންޓަކަށް އޭނާ ހަމަޖައްސަން ކައުންސިލުން ނިންމާފައި ނުވިޔަސް، އޭނާއާ އެ މަސައްކަތް ހަވާލުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދީފައިވާ ޖަވާބަކަށް ބިނާކޮށް އެސްޖީގެ ލަފާގެ މަތިންނެވެ.

"އައިޓީ ކޮންލަސްޓަންޓްގެ މަގާމަށް އިސްވެ ދެންނެވުނު ފަރާތް ނެގުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ލަފަޔަކަށް އެދި ސިޓީ ފޮނުވާފައި ވާނެ އެވެ. ޖަވާބުގައި އެ ބޭފުޅުން ވިދާޅުވެފައި ވަނީ އައިޓީ ކޮންސަލްޓަންޓުގެ މަގާމަށް ނެގުމުގައި އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް އެސްޖީގެ ލަފާ ދެއްވާފައި ވަނީ ކޮންސަލްޓަންޓްގެ މަގާމަށް ނެގުމުގައި އޭސީސީން ދީފައިވާ ހުއްދައަށް ބަލައި، ފައިނޭންސްގެ މަސައްކަތް ކުރުމަށް އެކަކާއި ހަވާލު ކުރުމަށެވެ،" ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

ކައުންސިލުން ބުނިގޮތުގައި އެ ދެ މަގާމަށް ފިރިމީހާ ހަމަޖެއްސީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެންތޯ ކައުންސިލްގެ މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް، އެ ހުއްދަތައް ލިބިފައިވާ ކަމަށް އެސްޖީ އޭރު ޖަވާބު ދީފައިވެ އެވެ. އަދި އެ ހުއްދަތައް ހޯދާފައި ނެތްކަން ކައުންސިލަށް އެނގުނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ދާދިފަހުން އާންމުކުރި އެ ކައުންސިލްގެ އޮޑިޓް ރިޕޯޓުން ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ކައުންސިލްގެ ބަޔާނުގައިވާ ގޮތުން އެ މައްސަލަ ފެންމަތިވުމުން ކައުންސިލުގެ ހުރިހާ މުވައްޒަފުންގެ ހާޒިރުގައި ބޭއްވި ބައްދަލުވުމެއްގައި އެސްޖީ ވަނީ އެކަމަށް އެއްބަސްވެފަ އެވެ. އަދި އޭނާގެ ފިރިމީހާއާ އެކު ވަޒީފާގެ އެއްބަސްވުމެއް ހެދިޔަސް އޭގައި އޭނާ ސޮއިކޮށްފައި ނުވާ ކަމަށް ވެސް އެއްބަސްވި އެވެ.

"މި މައުލޫމާތު ކައުންސިލަށް ލިބުނު ހިސާބުން ފެށިގެން އެސްޖީ މީގެ ކުރިން މި ކައުންސިލަށް ދީފައިވަނީ ދޮގު މައުލޫމާތުކަން ސާބިތުވި އެވެ،" ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

ކައުންސިލުން ބުނި ގޮތުގައި އޮޑިޓުން ބެލިބެލުމުގައި މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުގެ ގެ ނިޔަލަށް ކައުންސިލްގެ އެކައުންޓުން އެސްޖީގެ ފިރިމީހާގެ އަމިއްލަ އެކައުންޓަށް، ސަރުކާރުގެ އިމާރާތްތަކުގެ ކަރަންޓު ބިލު ދެއްކުމަށާއި ކައުންސިލަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް އެކި ފަހަރު މަތިން 138،517.99ރ. ފޮނުވައިފަ އެވެ.

އެނގިފައިވާ ގޮތުގައި އޮޑިޓް އޮފީހަށް އެކަން ފަޅާއެރުމުން އެސްޖީ ވަނީ އިސްތިއުފާ ދިނުމަށްފަހު އެ ރަށުން ފުރައިފަ އެވެ. އަދި އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ މަގާމުގައި ހުރި އޭނާގެ ފިރިމީހާ ވެސް މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.