Roadha Mihaaru

ފައިސާގެ މުއާމަލާތްތައް ކުރުމުގައި ތިނަދޫ ސިޓީ ކައުންސިލުން ބޮޑެތި ގޯސްތަކެއް!

ގދ. ތިނަދޫ ސިޓީ ކައުންސިލް އިދާރާ އިން ފައިސާގެ މުއާމަލާތް ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އޮޑިޓަ ޖެނެރަލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ތިނަދޫ ކައުންސިލުން ފައިސާ ގެންގުޅުމުގައި ގޯސްތަކެއް!

ގދ. ތިނަދޫ ސިޓީ ކައުންސިލް އިދާރާ އިން ފައިސާގެ މުއާމަލާތް ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އޮޑިޓަ ޖެނެރަލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ މިދިޔަ އަންގާރަ ދުވަހު ނެރުއްވި އޮޑިޓް ރިޕޯޓުން މައިގަނޑު ގޮތެއްގައި ފާހަގަވަނީ ތިނަދޫ ސިޓީ ކައުންސިލުން ފައިސާ ގެންގުޅުމުގައި އަމަލު ކޮށްފައިވާ ދޯހަޅި ކަމާއި ބައެއް ކަންކަމާ ގުޅޭ ހިސާބުތައް ސައްހަ ނޫން ކަމެވެ.

19 ބިމަކުން ލިބެންޖެހޭ ފައިސާގެ ހިސާބު ދިމަލެއް ނުވޭ

އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން ތިނަދޫ ސިޓީ ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ރަޖިސްޓަރީގައި ހިމަނާފައިވާ ބިންތަކުގެ ތެރެއިން 19 ބިމަކުން ޑިސެމްބަރު 2023 ގެ ނިޔަލަށް ލިބެން ޖެހޭ ފައިސާގެ އަދަދު ދިމަލެއް ނުވެ އެވެ. އޮޑިޓަރުންގެ ހިސާބުތައް ދައްކާ ގޮތުން އެ 19 ބިމުގެ ފައިސާގެ ގޮތުގައި ތިން މިލިއަން ރުފިޔާ ކައުންސިލަށް ލިބެން ޖެހެ އެވެ. އެކަމަކު ކައުންސިލް އިދާރާގެ ރަޖިސްޓަރީން ދައްކާ ގޮތުން އެ މުއްދަތުގައި އެ 19 ބިމުން ލިބެން ޖެހެނީ ދެ މިލިއަން ރުފިޔާ އެވެ.

"މިއީ އޮޑިޓަރުންގެ ހިސާބުތަކުން ދައްކާ އަދަދަށް ވުރެ 832،012ރ. މަދު އަދަދެއް ކަން ފާހަގަކުރަމެވެ. މީގެ އިތުރުން ކައުންސިލްގެ އިދާރާ އިން ތައްޔާރު ކޮށްފައިވާ ލިބެންޖެހޭ ފައިސާގެ ރަޖިސްޓަރީގައި އެކި ފަރާތްތަކުން ލިބެންޖެހޭ 459،991ރ. ހިމަނާފައި ނުވާތީ ލިބެންޖެހޭ ފައިސާގެ ގޮތުގައި ކައުންސިލްގެ އިދާރާ އިން ތައްޔާރު ކޮށްފައިވާ ރަޖިސްޓަރީގައި ހިމަނާފައިވާ އަދަދަކީ ސައްހަ އަދަދެއް ނޫން ކަން ފާހަގަކުރަމެވެ،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ތިނަދޫ ސިޓީ ކައުންސިލް އިދާރާ އަށް ހަތް މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ކައުންސިލް އިދާރާގެ ރަޖިސްޓަރީން ދައްކަ އެވެ. އެކަމަކު، ޖުލައި 30، 2024 ނިޔަލަށް ވެސް އެ ފައިސާގެ ހިސާބުތައް ކައުންސިލުން އޮޑިޓަރުންނާ ހިއްސާ ކޮށްފައި ނުވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރަސްމީ ދަތުރުތަކަށް އިތުރަށް ފައިސާ ދޫކޮށްފައިވޭ

އޮޑިޓް ރިޕޯޓުން ފާހަގަވާ އަނެއް ކަމަކީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ދަތުރުތަކުގެ އެލަވަންސް ދޫކޮށްފައިވާ ކަމެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އެއާޕޯޓުތައް އޮންނަ ރަށްތަކާއި އަދި ލޯކަލް ޓޫރިޒަމް ތައާރަފު ކޮށްފައިވާ ރަށްރަށަށް ކުރާ ދަތުރުތަކުގައި ހުރުމަށް ފައިސާ ދެނީ ދުވާލަކަށް 500ރ. ގެ ރޭޓުންނެވެ. އެކަމަކު، ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ކ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރުމުގައި ހުރުމުގެ ހަރަދަކަށް ރެއަކާއި ދުވާލަކަށް 700ރ. އަދި އއ. އަތޮޅުގެ ދަތުރަށް ރެއަކާއި ދުވާލަކަށް 1،500ރ. ގެ ރޭޓުން ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. އެ ފައިސާ ހޭދަކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކަމަށް ބުންޏެވެ.

އެހެންވެ، އެ ދަތުރުތަކުގައި ހުރުމުގެ ހަރަދުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓަށް ވުރެ އިތުރަށް 49،800ރ. އިތުރަށް ދޫކޮށްފައިވެ އެވެ. އަދި ކ. އަތޮޅާއި އއ. އަތޮޅަށް ކުރި ދަތުރުގައި ކައުންސިލް އިދާރާ އިން ބައިވެރިވި ދެ މީހެއްގެ ހުރުމުގެ ހަރަދަށް އިތުރަށް 1،000ރ. ދީފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ. އެ ދަތުރުތަކުގެ ކެއުމުގެ ހަރަދަށް ވެސް އިތުރަށް 5،120ރ. އިތުރަށް ދިން ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

"މީގެ އިތުރުން މި ދަތުރުތަކާ ގުޅިގެން އެހެން ހަރަދުތަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 59،300ރ. ގެ ހަރަދުތަކުގެ ބިލް ހުށަހަޅާފައި ނުވުމުގެ ސަބަބުން މި ހަރަދުތަކަކީ ހަގީގަތުގައި ވެސް ހިނގާފައިވާ ހަރަދުތަކެއް ކަން ކަށަވަރު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ،" އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބަޔާން ކޮށްފައި ވެ އެވެ.

ޕަބްލިކް އެކައުންޓަށް ފައިސާ ޖަމައެއް ނުކުރޭ

އޮޑިޓަ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ އަށް 2023 ވަނަ އަހަރުގެ ނިޔަލަށް ލިބިފައިވާ 175،859ރ. ފެބްރުއަރީ 2024 ގެ ނިޔަލަށް ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށެވެ.

ތިނަދޫ ސިޓީ ކައުންސިލުން ޕަބްލިކް އެކައުންޓަށް ޖަމާނުކޮށް ހުރީ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން މަސްވެރިކަމުގެ ލައިސަންސް ފީ އާއި މުދަލުގެ ޒަކާތުގެ ފައިސާ އަދި އައިޑީ ކާޑު ފީ އެވެ.

ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަންނަ ފައިސާއަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ޕަބްލިކް އެކައުންޓަށް ޖަމާކުރަން ޖެހޭ އެއްޗެކެވެ.

ބިޑް ކޮމިޓީ އާއި ބިޑް އިވެލުއޭޝަން ކޮމިޓީގެ މެމްބަރުންނަށް އެލަވަންސް ދިނީ ގަވާއިދާ ހިލާފަށް

ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ އެލަވަންސެއް ދެވޭނީ ސިވިލް ސާވިސް ގާނޫނުގެ ދަށުން އެ އެލަވަންސެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން އެ މުއައްސަސާއަކަށް އެކަން އެންގުމުންނެވެ.

ނަމަވެސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ނަމަ އޭޕްރީލް 4، 2022 އިން ފެށިގެން ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ބިޑް ކޮމިޓީގެ މެމްބަރުންނަށް 148،750ރ. ދީފައި ވަނީ އެ އުސޫލާ ހިލާފަށެވެ. އެއީ ބިޑް ކޮމިޓީން އިވެލުއޭޓްކޮށް ފައިނަލް ކުރާ ކޮންމެ މައްސަލައަކަށް 250ރ. ދޭ ގޮތަށެވެ.

އޮޑިޓަ ޖެނެރަލް އެންގެވީ ސިވިލް ސާވިސް ކޮމިޝަންގެ ހުއްދަ ނެތި އެ ފައިސާ ދޫކޮށްފައި ވާތީ ފައިސާ އަނބުރާ ހޯދުމަށެވެ.

އިލެކްޓްރޯނިކް ޒަރީއާއިން ބަލައިގަންނަ ފައިސާގެ ރަސީދެއް ނެތް، ރިޕޯޓުތައް ސައްހައެއް ނޫން

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އޮޑިޓް ސާމްޕަލްގެ ގޮތުގައި ބެލި 24 މިލިއަން ރުފިޔާގެ 19 މުއާމަލާތަކަށް ރަސީދު ތައްޔާރެއް ނުކުރެ އެވެ. އޭގެ ނަތީޖާއަކީ ވިޔަ ޕޯޓަލްގައި އެ މުއާމަލާތުގެ ރެކޯޑުތައް ނެތުމެވެ.

ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބުނާ ގޮތުން ޗެކުން ނުވަތަ އެކައުންޓް ކްރެޑިޓްކޮށް ނުވަތަ ޑެބިޓްކޮށް ނުވަތަ ކްރެޑިޓް ކާޑުން ދައްކާ ފައިސާ ބަލައިގަންނަން ވާނީ ރަސީދު ހަދައިގެންނެވެ. އޭގެ ހިސާބުތައް ގަވާއިދު ބަލަހައްޓަން ޖެހެ އެވެ.

"މިހެން ވުމުގެ ސަބަބުން ވިޔަ މޮޑިއުލް ނަގާ އާމްދަނީ ރިޕޯޓުތަކުގައި މި އަދަދުތައް ހިމެނިފައި ނުވުމުން ރިޕޯޓުތައް ސައްހަ ނުވާނެ ކަން ފާހަގަކުރަމެވެ،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ފައިސާއާ ގުޅޭ މުއާމަލާތުތަކާއި ދޫކޮށްފައިވާ ބައެއް ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ރަނގަޅަށް ނުބެލެހެއްޓުމާއި ބައެއް ބިންތަކަށް ލިބެން ޖެހޭ ފައިސާ ގަވާއިދު ނުހޯދުމާއި ކައުންސިލް އިދާރާ އިން އެހީ ދިނުމުގެ އުސޫލެއް ފާސްނުކޮށް އަމިއްލަ ޖަމިއްޔާ އަކަށް 2023 ގައި އެއްލައްކާ އެއްހާސް ރުފިޔާ ދިނުން ވެސް މައްސަލައެއްގެ ގޮތުގައި އޮޑިޓަ ޖެނެރަލް ފާހަގަ ކުރެއްވި އެވެ.

ތިނަދޫ ސިޓީ ކައުންސިލް ބޮޑު މައްސަގަނޑެއްގެ ތެރޭގައި

ތަފާތު އެކި މައްސަލަތަކުގެ ތެރޭގައި ތިނަދޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން އުޅުއްވާތާ އެތައް ދުވަހެއް ވި ފަހުން އެ ސިޓީގެ މޭޔަރު ސައުދު އަލީ އަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ މަހުގެ 25 ގައި ނިންމި އެވެ.

އެލްޖީއޭ އިން އެ ގޮތަށް ނިންމީ އެ އިދާރާ އިން ހެދި އިންކުއަރީއަކަށް ފަހު އެވެ. އެ ފިޔަވަޅު އެޅި މައިގަނޑު ސަބަބެއް ކަމަށް އެލްޖީއޭ އިން ބުނެފައި ވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށް ވާއިރު އެ ޒިންމާ އަދާނުކުރައްވާތީ ކަމަށެވެ.

އެލްޖީއޭގެ އިންކުއަރީ ރިޕޯޓުގައި ވެސް ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ 19 މައްސަލައެއް ފާހަގަކޮށްފައި ވެ އެވެ. އެއީ:

އެލްޖީއޭގެ ރިޕޯޓުގައި ވަނީ 19 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. އެއީ:

- ކައުންސިލަށް އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ.

- ތިނަދޫން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5000ރ. ގެ ފީއެއް ނަގާ މައްސަލަ.

- ރަށްވެހިކަން ބަދަލުކުރުމަށް ފީ ނެގުން ހުއްޓާލަން އެލްޖީއޭ އިން އެންގުމުން އެއަށް އަމަލުނުކުރުން.

- އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ.

- އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް އަމަލުނުކުރުން.

- ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދިނުން.

- އޭސީސީން ތިނަދޫ ކައުންސިލުން ތަހުގީގަށް ދިއުމުން އެއްބާރުލުން ނުދިނުން.

- ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލަން ޕޯސްޓުކުރާ މައްސަލަ.

- ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރުން.

- ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަ.