Roadha Mihaaru
ދިއްދޫ ކައުންސިލުން އޮޑިޓަރުންނަށް ފޭކް ސްޓޭޓްމަންޓެއް

އދ. ދިއްދޫ ކައުންސިލުން އޮޑިޓަރުންނަށް ދިނީ ފޯޖުކޮށްފައި އޮތް ބޭންކް ސްޓޭޓްމަންޓެއް

26 އޯގަސްޓް 2024

އދ. ދިއްދޫ ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ފޯޖުކޮށްގެން އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ދިއްދޫ ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ފޯޖުކޮށްގެން އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން މިއަދު އާންމުކުރި ދިއްދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން އެނގުނު ގޮތުގައި، އެ ރަށު ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ މަގާމުގައި ހުރި މުވައްޒަފު ވަނީ ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ބަދަލުކޮށް، އޮޑިޓަރުންނަށް އޮޅުވާލަން މަސައްކަތްކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކައުންސިލްގެ ތިޖޫރީގައި އޮގަސްޓް 3، 2022 ގައި ހުރި ފައިސާގެ ތެރެއިން 5،500ރ. އައިޓީ އެންޑް ފައިނޭންޝަލް ކޮންލަސްޓަންޓާ ހަވާލުކޮށްފައި ވިޔަސް، އެ ފައިސާ ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ބޭންކް ސްޓޭޓްމަންޓުން އެނގެ އެވެ.

އެ މައްސަލާގައި އޭނާއާ ސުވާލުކުރުމުން މިދިޔަ އަހަރުގެ ޖުލައި 17 ގައި އަމިއްލަ ފަރާތަކުން ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކުރި 25،000ރ. ގެ ތެރޭގައި، އެ 5،500ރ. ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި ދެން ޖަމާކުރި ފައިސާއަކީ ކައުންސިލަށް ކުލީގެ ގޮތުގައި ލިބުނު 19،500ރ. ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

"ނަމަވެސް، އޮޑިޓަރުން އިތުރަށް ބެލިބެލުމުން މި 25،000ރ. އަކީ އެ އިދާރާއަށް ލިބިފައިވާ އެހީއެއްކަން ފާހަގަކުރެވުނެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެކަމާ ގުޅިގެން އޭނާއާ އަނެއްކާވެސް ސުވާލުކުރުމުން އެ 5،500ރ. އަކީ އޭނާގެ އަމިއްލަ އެކައުންޓަށް އޮޅުމަކުން ޖަމާކުރެވުނު ފައިސާއެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ފައިސާ ކައުންސިލަށް އަނބުރާ ރައްދުކޮށްދޭނެ ކަމަށް މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކައުންސިލްގެ މެމްބަރުންނާ އެކު އޮޑިޓް އޮފީހުން ބޭއްވި ބައްދަލުވުމެއްގައި އޭނާ ވަނީ އެއްބަސްވެފަ އެވެ.

އެ ފައިސާ ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އޭނާ އޮޑިޓް އޮފީހަށް އަނެއްކާވެސް ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ހުށަހެޅި އެވެ. އެ ސްޓޭޓްމަންޓުގައި، އެންމެ ފުރަތަމަ ކައުންސިލުން ހުށަހެޅި ސްޓޭޓްމަންޓުގައި ނެތް، އިތުރު 25،000ރ. މިދިޔަ އަހަރުގެ ޖުލައި 19 ގައި ޖަމާވެފައި ހުރި ކަމަށް ފާހަގަކުރެވުނެވެ.

"މިގޮތަށް ފާހަގަކުރެވުމުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 27 ނޮވެމްބަރު 2023 ވަނަ ދުވަހު، މި އޮފީހުން ހޯދި އެ އިދާރާގެ ބޭންކް ސްޓޭޓްމަންޓުގައި މި ފައިސާ ހިމެނިފައި ނުވާކަން ފާހަގަކުރެވުނެވެ. އެހެންކަމުން އެ ފަރާތުން އޮޑިޓަށް ހުށަހެޅި ބޭންކް ސްޓޭޓްމަންޓަކީ އޮޅުވާލުމުގެ ގޮތުން އަމިއްލައަށްް ފޯޖުކޮށް އޮޑިޓަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓެއް ކަމަށް މި އޮފީހުން ދެކެމެވެ،" އެ ރިޕޯޓުގައި އޮޑިޓް އޮފީހުން ބުންޏެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ އެއީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކަމަށް ވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ދިއްދޫ ކައުންސިލަށް ލަފާދީފައިވާ ކަމަށެވެ.

ދިއްދޫ ކައުންސިލުން އައިޓީ ކޮންސަލްޓަންޓެއް އަދި ފައިނޭންޝަލް ކޮންސަލްޓަންޓެއް ހޯދަން އިއުލާންކުރީ ވަކިވަކިންނެވެ. އެކަމަކު، އެ ދެ މަގާމު އެއްކޮށްލައި ވަޒީފާ ދިނީ އެކަކަށެވެ. އެ ވަޒީފާ ދީފައި ވެސް ވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއާ މަސްލަހަތު ފުށުއަރާ މީހަކަށް ކަމަށާއި ވަޒީފާގެ އެއްބަސްވުމުގައި ސޮއިނުކޮށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާއަށް މުސާރާ ވެސް ދެމުން އަންނަ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

މުސާރައިގެ ގޮތުގައި އޭނާ އަށް މަހަކު 21،000ރ. ދެ އެވެ. އެއީ އައިޓީ ކޮންސަލްޓަންޓެއް ގޮތުގައި ދޭ 12،000ރ. އާއި ފައިނޭންޝަލް ކޮންސަލްޓަންޓެއް ގޮތުގައި ދޭ 9،000ރ. އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދިއްދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކައުންސިލްގެ މަސައްކަތްތައް ރަށުގައި ނުކޮށް، އދ. މަހިބަދޫގައި ހުންނަ އަތޮޅު ކައުންސިލަށް ނުކުމެ ހުރެ ރިމޯޓުކޮށް ދަނީ ކުރަމުންނެވެ. ރިމޯޓްކޮށް މަސައްކަތްކުރާ ދުވަސްތަކުގައި ވެސް ކައުންސިލްގެ ބަޖެޓުން މަހިބަދޫގައި އޭނާ ހުރުމުގެ ހަރަދުތައް ވަނީ ހަމަޖައްސައިފަ އެވެ.

ލިވިން އެލަވަންސަކީ ކައުންސިލްތަކުގައި މަސައްކަތްކުރާ ސެކްރެޓަރީ ޖެނަރަލުންގެ މުސާރައިގައި ހިމެނޭ އެއްޗެއް ނޫނެވެ. ނަމަވެސް، ދިއްދޫގައި އޭނާ ހުރުމަށް ވެސް އެ ރަށުން ދެ ކޮޓަރީގެ ގެއެއް މަހަކު 5،500ރ. އަށް ކައުންސިލުން ކުއްޔަށް ހިފާފައިވެ އެވެ. އެތަނަށް ކުލީގެ ބޮޑު ބައެއް ދައްކަނީ ކައުންސިލްގެ ބަޖެޓުންނެވެ. ކައުންސިލުން 4،500ރ. ދައްކާއިރު، ސެކްރެޓަރީ ޖެނަރަލުން އެ ގެއަށް ދައްކަނީ 1،000ރ. އެވެ. އެހެންވުމުގެ ސަބަބުން، މިދިޔަ އަހަރު ކައުންސިލަށް 90،000ރ. ގެއްލުން ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެ ގެ ކުއްޔަށް ހިފުމަށް އެއްވެސް އެއްބަސްވުމެއް ވެސް ހަދާފައި ނުވާކަން އޮޑިޓަށް ވަނީ އެނގިފަ އެވެ.

މި އޮޑިޓް ރިޕޯޓުން ވަނީ ދިއްދޫ ކައުންސިލުގެ އެހެން މަސައްކަތްތަކުގައި ވެސް ބޮޑެތި އޮޅުވާލުންތައް ހުރިކަން ފަޅާއަރައިފަ އެވެ.