Roadha Mihaaru

ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގައި ސަރުކާރުތަކުގެ އިހުމާލު އެބައޮތް: އޮޑިޓް އޮފީސް

އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ފައިސާ ދޭންޖެހުމުގައި ދައުލަތުގެ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

"ބަދަލު ދިނުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް"
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

25 ޖޫން 2025

އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ފައިސާ ދޭންޖެހުމުގައި ދައުލަތުގެ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އިއްޔެ މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުގެ އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ ބަދަލު ދޭންޖެހޭ މައްސަލަތަކުގައި ސަރުކާރުން އެއްބަސްވުންތައް އުވާލާއިރު އެކަން ގިނަ ފަހަރަށް ކޮށްފައި ހުރީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށެވެ.

"އެއްބަސްވުންތައް އުވާލާއިރު އޭގެ ޓާމްސްތަކާއި ފޮލޯ ކުރަންޖެހޭ އިޖުރާއަތްތައް ފޮލޯ ނުކުރެވި، ނޫނީ ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުގެ އިހުމާލުވުމުގެ ކަންތައްތައް އެބަ އާދޭ. އެހެންވީމަ އެކަންތައްތައް ވެސް އަޅުގަނޑުމެންގެ ރިޕޯޓުގައި އެފަރާތްތައް، އިހުމާލުވި ފަރާތްތައް އިހުމާލުވުމުގެ ސަބަބުން ދައުލަތަށް ލިބޭތީ އެ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް ރިކުއެސްޓް ކުރަމުންދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އިދާރާތަކުގެ އިހުމާލުގެ އިތުރުން ބަދަލު ހޯދަން އެދޭ ކުންފުނިތަކުން ވެސް އޯވަ ކްލެއިމް ނުވަތަ ލިބެންޖެހޭ އަދަދަށް ވުރެ އިތުރަށް ބަދަލު ހޯދަން ހުށަހަޅާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވެސް ވިދާޅުވީ، ބަދަލު ހޯދުމުގައި ބައެއް ފަހަރު ފޯޖް ޑޮކިއުމެންޓް ކަމަށް ތުހުމަތު ކުރެވޭ ލިޔުންތައް ހުށަހަޅައިގެން ބަދަލު ހޯދާފައިވާ މައްސަލަތައް ވެސް ފާހަގަކުރެވޭ ކަމަށެވެ.

"އޭގައި އަޅުގަނޑުމެން ބޭންކްތަކުންނާއި އިދާރާތަކުން އޭގެ އަސްލު ޑޮކިއުމެންޓްތަކާއި ސޮއިކުރި ކަމަށް ބުނާ މީހުންނާއި އެމީހުންގެ ބަހެއް ވެސް ހޯދައިގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މިހާރު ވެސް މަސައްކަތް ކުރާ ހަތަރު ރިޕޯޓެއްގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދުތަކެއް ހުށަހަޅާފައި ހުރީ ކްލެއިމް ކުރަން،" އޭނާ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވީ އަމިއްލަ ފަރާތަކަށް މަސައްކަތެއް ހަވާލުކޮށް އެ ކަމަށް ފައިސާ ނުދީ ހުރިނަމަ، އެ ފައިސާއެއް ދައުލަތުން ދޭން ޖެހޭނެ ކަމަށާއި އިންސާފުވެރި ބަދަލެއް ވެސް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ނާޖާއިޒް ގޮތުގައި ބަދަލުތައް ހޯދުމަށް ހުރި ފުރުސަތުތައް ހަނިކުރަން ގާނޫނުތަކަށް ބަދަލުތައް ގެނެސްގެން ނުވަތަ އެގްރީމެންޓްތައް ހަދާއިރު ވެސް އެފަދަ ކަންކަމަށް ފަހި ނުވާނެ ގޮތަކަށް ކަންކަން ރޭވުން މުހިއްމު ކަމަށެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދިން 17 މައްސަލައެއް އޮޑިޓް ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމެޓީގެ އެންގުމަކަށް އޮޑިޓާ ޖެނެރަލް އޮފީހުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ބަދަލުގެ ގޮތުގައި ފައިސާގެ އިތުރުން ރަށްރަށާއި ފަޅުތައް ދީފައިވާ މައްސަލަތައް ވެސް ހިމެނެ އެވެ. އޮޑިޓް އޮފީހުން ބުނީ، އެކަމާ ގުޅޭ އޮޑިޓް ރިޕޯޓު އަންނަ އޮގަސްޓް މަހުގެ ތެރޭގައި އާންމު ކުރާނެ ކަމަށެވެ. އެ އޮޑިޓްގެ ޑްރާފްޓް މިހާރު ނިމިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އޮޑިޓް އޮފީހުން ބަލާ މައްސަލަތަކުން ދައުލަތުން ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ އަދަދު ހަ ބިލިއަން ރުފިޔާއަށް އަރަ އެވެ.

އިއްޔެ އެ އޮފީހުން އާންމުކުރި ދައުލަތުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލު ދިނުމާ ގުޅޭ ރިޕޯޓުގައި ވެސް ވަނީ އެ ކުންފުންޏަށް ދޭންޖެހޭ ބަދަލަށް ވުރެ އިތުރަށް 23 މިލިއަން ރުފިޔާ ދައުލަތުން ދީފައިވާ ކަމަށް ބުނެފަ އެވެ.