Roadha Mihaaru
އޮޑިޓަށް ލިޔުންތައް ނުދީ އެބަހިފަހައްޓާ:އޮޑިޓާ ޖެނެރަލް

ބައެއް އިދާރާތަކުން އޮޑިޓަށް ލިޔުންތައް ނުދޭ، މުވައްޒަފުންނަށް ރައްކާތެރިކަމެއް ނެތް: އޮޑިޓާ ޖެނެރަލް

15 ޖުލައި 2024

ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތައް އޮޑިޓް ކުރަން ބޭނުންވާ ލިޔެކިޔުންތައް ދޭން އެތަންތަނުން ދެކޮޅު ހަދާ ކަމަށާއި އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން ހިމާޔަތެއް ނެތް ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތައް އޮޑިޓް ކުރަން ބޭނުންވާ ލިޔެކިޔުންތައް ދޭން އެތަންތަނުން ދެކޮޅު ހަދާ ކަމަށާއި އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން ހިމާޔަތެއް ނެތް ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮޓިޑާ ޖެނަރަލް އޮފީހުގެ ލީގަލް ކައުންސިލް މުހައްމަދު ނަސީމް ވިދާޅުވީ އޮޑިޓް ރިޕޯޓުތައް ހެދުން ލަސްވާ ވަރަށް ގިނަ ސަބަބުތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ބިރު ދެއްކުމާއި އިދާރާތަކުން ލިޔެކިޔުންތައް ދިނުމަށް ދެކޮޅު ހަދާ މައްސަލަ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މުއައްސަސާތަކުން ލިޔެކިޔުންތައް ހޯދަން ބަލާއިރު ގާނޫނީ ގޮތުން ސިއްރު މައުލޫމާތެއް ކަމަށް ބުނެ، ލިޔެކިޔުންތައް އެންމެ ފުރަތަމަ ސިއްރު ކުރަނީ އޮޑިޓް އޮފީހަށް ކަމަށް ނަސީމް ވިދާޅުވި އެވެ. އޭގެ ސަބަބުން އެ މުއައްސަސާތައް އޮޑިޓް ނުކުރެވި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ސިއްރު ކުރި ނަމަވެސް އެ ލިޔެކިޔުންތައް އެބަހުރޭ ކަންމަތީ ފިހާރަތަކަށް ވެސް ގޮސްފައި." ނަސީމް ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ މައްސަލަ އެވެ. ކޮރަޕްޝަނަށް ވަރަށް ބޮޑަށް ތުހުމަތުވެފައިވާ އެ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެއްވެސް ލިޔެކިޔުމެއް އޮޑިޓް އޮފީހަށް ނުދީ ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ހުރި ލިޔެކިޔުންތަކެއް އޮޑިޓާ ޖެނަރަލް އޮފީހަށް ސިއްރު ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އެ ބައްދަލުވުމުގައި ވިދާޅުވީ ހަމައެކަނި އޮތީ ގާނޫނުގެ މައްސަލައެއް ނޫން ކަމަށާއި ބައެއް ތަންތަނުގައި ތިބޭ ވެރިންގެ ސަބަބުން ވެސް އޮޑިޓްތަކަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބައެއް މުއައްސަސާތަކުން އެއްބާރުލުން ދޭ ކަމަށާއި ނަމަވެސް ބައެއް މައުލޫމާތު ލިބުމުގައި ދަތިތައް ކުރިމަތިވާނީ އޮޑިޓްތައް ކުރިއަށް ގެންދިއުމުގެ ދަތިތައް ކުރިމަތިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން އާސަންދައިގެ އޮޑިޓެއް. އެއީ ޕާފޯމަންސް އޮޑިޓެއް. ނަމަވެސް އޭގެ ޕޭޝަންޓުންގެ ބައެއް މައުލޫމާތު ލިބިގެން އަޅުގަނޑުމެންނަށް އެނގޭނީ އެ މީހަކަށް ހައްގު ނޫން ފަރުވާތަކެއް ހޯދުމުގައި ނުހައްގު ކަންތައްތަކެއް ކުރިއަށް ގެންދަން އެނަލިސިސްއެއް ހެދޭނީ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރާ ކަންކަމަށް ގާނޫނީ ގޮތުން ހިމާޔަތް ދިން ނަމަވެސް އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ގާނޫނުން އެފަދަ ރައްކާތެރިކަމެއް ނެތް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

"މަސްއޫލިއްޔަތު އަދާކުރާއިރު ކުރާ ކަމަކާ ގުޅިގެން އެއްވެސް ކަހަލަ ގާނޫނީ ގޮތުން ބިރު ދެއްކުމެއް އޮވެގެން ނުވާނެއޭ އޮވޭ އެހެން ގާނޫނުތަކުގައި. އެހެން ނަމަވެސް އަޅުގަނޑުމެންގެ ގާނޫނުގައި އެކަހަލަ އެއްވެސް ޕްރޮވިޝަނެއް ނެތް." އެ އޮފީހުގެ އޮފިޝަލަކު ކޮމެޓީގައި ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވީ އެފަދަ ގޮތަކަށް ބައެއް މުއައްސަސާތަކުން ގާނޫނު މާނަ ކުރާނަމަ މަޖިލީހުން އެ މައްސަލައަށް ހައްލެއް ހޯދައި ގާނޫނުގައި ވަކި މާއްދާއެއް ހިމަނައިގެން ވިޔަސް އެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ބައެއް މުވައްޒަފުންނަށް އިންޒާރުތައް ލިބި މުދަލަށް ގެއްލުން ދިނުމާއި ގުޅައިގެން ބިރު ދެއްކުން ފަދަ ކަންކަން ހިނގާފައި ހުރި ކަމަށް ނަސީމް ވިދާޅުވި އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގު ކުރި އިރު އެފަދަ މައްސަލަތަކެއް ފުލުހަށް ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.