Roadha Mihaaru
2021 އިން ފެށިގެން ފެނަކައިގެ މާލީ ބަޔާންތައް ނުދޭ

2021 ވަނަ އަހަރުން ފެށިގެން ފެނަކަ އިން މާލީ ބަޔާންތަކެއް ނުދޭ: އޮޑިޓަ ޖެނެރަލްގެ އޮފީސް

15 ޖުލައި 2024

ފެނަކަ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ އެއްވެސް މާލީ ބަޔާންތަކެއް ހިއްސާ ކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފެނަކަ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ އެއްވެސް މާލީ ބަޔާންތަކެއް ހިއްސާ ކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ފެނަކަ ކުންފުނީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން މާ ބޮޑު މައްސަލައެއް ފާހަގަވާން ނެތް ކަމަށެވެ.

ނަމަވެސް އޭގެ ފަހުން މިދިޔަ ދުވަސްތަކުގައި އެ ކުންފުނި ހަތަރު ބިލިއަން ރުފިޔާ އިން ދަރާފައިވާ ކަމަށާއި އެކަންކަން ހިނގާފައި ވަނީ މިހާރުގެ އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީގެ ދައުރުގެ ތެރޭގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޮޑިޓާ ޖެނަރަލް ނިޔާޒީ ވިދާޅުވީ މީގެ ކުރިން ހަދާފައިވާ ފައިނޭންޝިއަލް އޮޑިޓްތަކުގައި ފެނަކަ އަދި ވެމްކޯ ފަދަ ކުންފުނިތަކުގެ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް ފާހަގަ ކޮށްފައިވާ ކަމަށެވެ.

ފެނަކަ ކުންފުނީގެ އޮޑިޓް ހަދަން ބަލާއިރު މިދިޔަ ދެ އަހަރު ވެސް އެ ކުންފުނިން މާލީ ބަޔާންތައް ތައްޔާރުކޮށް، ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސިސްޓެންޓް އޮޑިޓާ ޖެނަރަލް އިބްރާހިމް ފަޒީލް ވިދާޅުވި ގޮތުގައި އެ އޮފީހުން އޮޑިޓްތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެކްސްޓާނަލް އޮޑިޓަރުން ރިޕޯޓު ހުށަހެޅުމުންނެވެ.

ނަމަވެސް ފެނަކައިގެ މާލީ ބަޔާންތައް އެކްސްޓާނަލް އޮޑިޓަރުން އަތަށް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް މި އުޅެނީ 2021 ގެ މާލީ ބަޔާންތައް ނުލިބިގެން. އެކްސްޓާނަލް އޮޑިޓަރު އަތަށް ވެސް އޭތި ނުލިބިގެން. އެ މަސައްކަތް ކުރެވުނީމާ އެ ރިވިއު ކުރިޔަށް ގެންދާ ގޮތަށް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބައެއް އެހެން މުއައްސަސާތަކުން ވެސް އޮޑިޓާ ޖެނެރްގެ އޮފީހުގެ މަސައްކަތަށް ލިޔެކިޔުންތައް ހިއްސާ ކުރަން ދެކޮޅު ހަދާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ. އެގޮތުން ބައެއް ގާނޫނުގެ ދަށުން ސިއްރު ކުރަން ޖެހޭ ކަމަށް ބުނެ އޮޑިޓަ ޖެނެރަލްގެ އޮފީހާ މައުލޫމާތު ހިއްސާ ނުކުރާ ކަމަށާއި އެކަން ހައްލު ކޮށްދިނުމަށް ވެސް އެ އޮފީހުން ވަނީ މަޖިލީހުގައި އެދިފަ އެވެ.