Roadha Mihaaru

ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުދޭން ފެނަކައިން އެދިއްޖެ

އައްޑޫގެ ކަރަންޓު ކޭބަލަކަށް ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑި އާންމުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުމުން އެ ކަހަލަ ކަންކަން ނުކުރަން ފެނަކަ ކޯޕަރޭޝަނުން އާންމުންނަށް މިއަދު އިލްތިމާސްކޮށްފި އެވެ.

ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުދޭން އެދިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

06 ސެޕްޓެމްބަރ 2025

އައްޑޫގެ ކަރަންޓު ކޭބަލަކަށް ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑި އާންމުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުމުން އެ ކަހަލަ ކަންކަން ނުކުރަން ފެނަކަ ކޯޕަރޭޝަނުން އާންމުންނަށް މިއަދު އިލްތިމާސްކޮށްފި އެވެ.

އައްޑުއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ރޭ މެންދަމު މެދުކެނޑުނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުން ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަލުން ދެވުނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުންނެވެ.

ފެނަކައިން ބުނީ މިފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމުގެ އިތުރުން އާންމު ރައްޔިތުންނަށް ތަކުލީފު އުފުލަން ޖެހޭ ކަންކަން ކަމަށެވެ. މިއީ މި ކަހަލަ އަމަލުތައް ހިންގާ މީހުންނާއި އަދި އެކަމުގައި ބައިވެރި ނުވާ އެންމެންގެ ހަށިގަނޑާއި ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމަކަށް ވާތީ، މި ކަހަލަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް، އެ ކުންފުނިން ހުއްޓާނުލައި ކުރިއަށް ގެންދެ އެވެ.

އެ ކޭބަލް ބުރިކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހިގެން އޭނާއަށް އަންނަނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، ގައިގެ ބައެއް ތަންތަން ފިހިފައިވެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިންޖީނުގޭގެ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވާތީ ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އާ އިންޖީނުގެ އަޅާ ނިމުމުން ކަމަށް ފެނަކައިން ކުރިން ބުނެފައިވެ އެވެ.