މިވަގުތު ބޮޑަށް އިސްކަންދީގެން މަސައްކަތް ކުރަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު އިރުއިރުކޮޅާ ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށާއި ދާއިމީ ހައްލެއް ހޯދުމުގެ ކަންކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފެނަކައިން މިރޭ ބުނެފި އެވެ.
މިވަގުތު ބޮޑަށް އިސްކަންދީގެން މަސައްކަތް ކުރަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު އިރުއިރުކޮޅާ ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށާއި ދާއިމީ ހައްލެއް ހޯދުމުގެ ކަންކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފެނަކައިން މިރޭ ބުނެފި އެވެ.
އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ މިދިޔަ ހައެއްކަ މަހު ވެސް ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާއިރު އެކަމުގެ ކަންބޮޑުވުން އިންތިހާ އަށް އެބައޮތެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ ކަމަކީ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުން ކަމަށެވެ. އެހެންވެ، ޖަނެރޭޓަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، މިދިޔަ ތިން މަސް ތެރޭގައި އާ ތިން ޖަނެރޭޓަރު އައްޑު އަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން މީގެ ދެ ދުވަސް ކުރިން އައްޑު އަށް ފޮނުވި 1.8 މެގަވޮޓުގެ ޖަނެރޭޓަރު އެ ސިޓީ އަށް މިރޭ ބާލައި އެންމެ ގިނަ ވެގެން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ޖަނެރޭޓަރުން ކަރަންޓު ދޭން ފެށޭނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.
"އެ އަށް ވުރެ ވެސް އަވަސް ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އިންޑިއާއިން ގެނެވުނު 1.8 މެގަވަޓް ގެ އައު އިންޖީނު ގެންދިޔަ ދޯނި މިހާރު ވަނީ އައްޑޫ އަށް ބަނދަރު ކޮށްފައި. އަންލޯޑްކޮށް ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން. 48 ގަޑިއިރުތެރޭ މި… pic.twitter.com/RWrnNufxSW
— Fenaka Corporation Ltd (@TeamFenaka) March 26, 2025
ނަޖާހު ވިދާޅުވިގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭން މިހާރު 19 ޖަނެރޭޓަރު ހިންގާއިރު އެންމެ ބޮޑު ޖަނެރޭޓަރުގެ ސައިޒަކީ ދެ މެގަވޮޓެވެ. އައްޑޫގައި އާންމުކޮށް ގެންގުޅެނީ 1.8 މެގަވޮޓް ނުވަތަ އެ އަށް ވުރެ ކުދި ސައިޒުގެ ޖަނެރޭޓަރުތަކެވެ.
"ކުދި ގިނަ ޖަނެރޭޓަރުތަކުގެ ބަދަލުގައި ބޮޑެތި ޖަނެރޭޓަރުތައް ގެނެސްގެން ދާއިމީ ހައްލެއް ގެނެވެން އޮތީ. އެންމެ ބޮޑު ޖަނެރޭޓަރަކަށް މިހާރު ބޭނުންކުރަނީ ދެ މެގަވޮޓުގެ ޖަނެރޭޓަރެއް. އެކަމަކު، އެ އަށް ވުރެ މަތީގެ މެގަވޮޓުގެ ޖަނެރޭޓަރު މިހާރު އައްޑު އަށް ބޭނުންވޭ. އެއީ ދާއިމީ ހައްލަކީ،" ނަޖާހު ވިދާޅުވި އެވެ.
"ރައީސް އޮފީހާއި ފިނޭންސް މިިނިސްޓްރީ އާއި ފެނަކަ ގުޅިގެން އެ މަސައްކަތް އެބަކުރެވޭ. ވަރަށް އަވަހަށް އޭގެ ކަންކަން ނިންމައި އިއުލާން ކުރެވޭ ހިސާބަށް ދާނެ ކަމަށް މި ބަލަނީ."
އައްޑޫން މި ފަހުން މިދިޔަ ފަސް ވަރަކަށް ދުވަހު އިރުއިރުކޮޅާ ކަރަންޓު ކަނޑާލަން ޖެހިފައި ވަނީ އެމްޑީ ވިދާޅުވިގޮތުގައި ޓެކްނިކަލް މައްސަލައަކާ ހެދި ތިން ޖަނެރޭޓަރެއް މަރާމާތު ކުރަން ޖެހިގެންނެވެ. އެކަމަކު، އޭގެ ތެރެއިން އެއް ޖަނެރޭޓަރުގެ މަރާމާތުތައް މިހާރު ނިމިފައިވާ ކަމަށާއި މާދަމާ އެ ޖަނެރޭޓަރު ވެސް ހިންގަން ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިގެ އެމްޑީ ނަޖާހު
"އެ ޖަނެރޭޓަރު ވެސް އަޕްކޮށް، އަލަށް މިރޭ މި ގެނައި 1.8 މެގަވޮޓްގެ ޖަނެރޭޓަރު ވެސް ބޭނުންކުރަން ފެށުމުން މިވަގުތަށް ހައްލު ވާނެ ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ. ވީ ގޮތަކަށް މިއީ ރޯދަމަސް ކަމަށް ވެފައި ހަވީރު ގަޑީގައި ޕީކް މައްޗަށް ދިޔައީ. އަވަން ކަހަލަ އެއްޗެހި އެއްވަގުތެއްގައި ޖެއްސުން ކަހަލަ ކަންކަމާ ހެދި މާ ލޯޑު ބޮޑުވީ. އެކަމަކު، ރޯދަމަސް ނިމުނީމާ ދަށްވާނެ ކަމަށް މި ބެލެވެނީ،" ނަޖާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކައިން ހުއްޓުމެއް ނެތި އަންނަނީ މަސައްކަތް ކުރަމުން ކަަމަށެވެ. އެއީ ފެނަކައިން މިހާރު އެންމެ އިސްކަންދޭ އެއް ކަންތައް ވުމުން ދާއިމީ ހައްލަކާ މެދު ކުރެވޭ އުންމީދު ބޮޑު ކަމަށް އެމްޑީ ވިދާޅުވި އެވެ.
"އެބަހުރި މިހާރު ވެސް ވަރަށް ބޮޑަށް އޯވަހޯލް ކުރަންޖެހޭ ދެ ޖަނެރޭޓަރެއް. މިރޭ މި ގެނައި 1.8 މެގަވޮޓުގެ ޖަނެރޭޓަރު ބޭނުންކުރަން ފެށުމުން އެ ދެ ޖަނެރޭޓަރު އޯވަހޯލް ކުރަން ވެސް ޓައިމް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ފެނަކައިން ކުރިން ބުނެފައިވާ ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ބޮޑުވީ، މިދިޔަ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ޖަނެރޭޓަރުތައް މަރާމާތު ކުރުން ހުއްޓާލާފައި އޮތުމެވެ.
އައްޑުއަށް އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް!
އައްޑު އަށް އެއް މެގަވޮޓުގެ ޖެނަރޭޓަރެއް ގެންގޮސްފި
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
އައްޑޫގައި ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ
އަނެއްކާވެސް އައްޑޫން ކަރަންޓުކެނޑޭ މައްސަލަ ބޮޑުވެއްޖެ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
ކަރަންޓު މައްސަލަ ހައްލު ކުރަން އައްޑުއަށް ޖަނަރޭޓަރެއް
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"