Roadha Mihaaru

އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ: އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް މިރޭ ފޮނުވަނީ

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަށް އަދިވެސް ހައްލު ނުވާތީ، މިރޭ އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް އެ ސިޓީ އަށް ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ފެނަކަ ކުންފުނިން ބުނެފި އެވެ.

އައްޑުއަށް އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

25 މާޗް 2025

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަށް އަދިވެސް ހައްލު ނުވާތީ، މިރޭ އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް އެ ސިޓީ އަށް ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ފެނަކަ ކުންފުނިން ބުނެފި އެވެ.

"މިރޭ އެ ޖަނެރޭޓަރު ފުރުވާލުމުގެ މަސައްކަތުގައި މި އުޅެނީ. މިއީ މިދިޔަ ތިން މަސް ތެރޭގައި އައްޑު އަށް ފޮނުވާ ތިން ވަނަ ޖަނެރޭޓަރު. ކުރިން ފޮނުވި ދެ ޖަނެރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ވާނީ ފަށާފައި،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވި އެވެ.

އެކަމަކު، ހައެއްކަ މަސް ވީއިރު ވެސް މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި އިއްޔެ ވެސް އެކި ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑާލަން ޖެހުނެވެ.

ނަޖާހު ވިދާޅުވީ، އިއްޔެ ކަރަންޓު ކަނޑަމުން ދާން ޖެހުނީ އޭގެ ކުރީ ދުވަހު އެއް ޖަނެރޭޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެ މަރާމާތު ކުރަމުން އަންނަނިކޮށް ދެ ވަނަ ޖަނެރޭޓަރެއް ވެސް ފެއިލް ވުމުން ކަމަށެވެ.

"އެހެންވެ، އަޅުގަނޑުމެންނަށް މަޖުބޫރުވީ ކަރަންޓު ކަނޑަމުން ދާން. އެކަމަކު، ޓެކްނިކަލް މައްސަލަ ދިމާވި ދެ ޖަނެރޭޓަރުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް މިރޭ ވަނީ އަލުން ކަރަންޓު ދީފައި. އަނެއް ޖަނެރޭޓަރު ވެސް މަރާމާތު ކުރަމުން އެބަދަން،" އެމްޑީ ވިދާޅުވި އެވެ.

އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖަނަރޭޓަރުތަކެއް ހަލާކުވެ، ލޯޑު ނުހިފެހެއްޓޭތީ އެކި ގަޑިތަކަށް ބަހާލައިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުންދާތާ ހައެއްކަ މަސް ވެއްޖެ އެވެ.

މި ރޯދަމަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެކަން ކާމިޔާބު ނުވީ ނަޖާހު ވިދާޅުވިގޮތުގައި، ޖަނެރޭޓަރުތަކަށް ބޮޑެތި މަރާމާތުތަކެއް ބޭނުންވާއިރު، މިއީ ރޯދަމަސް ކަމަށް ވެފައި ހަވީރު ގަޑީގައި "އޯވަލޯޑް" ވާތީ އެވެ.

"ވަރަށް އަވަހަށް ވެސް މީޑިއަމް ޓާމް ހައްލެއް ގެނެވޭނެ ކަމަށް މި ބަލަނީ،" ފެނަކައިގެ އެމްޑީ ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެކެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް ހަލާކުވެ، މިދިޔަ އަހަރުން ފެށިގެން ވެސް ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވީ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެންދާތީ އެ ސިޓީގައި މީގެ ދުވަސްކޮޅެއް ކުރިން އިހުތިޖާޖު ވެސް ކުރި އެވެ. އަދި ހިތަދޫ މެދުދާއިރާގެ މެމްބަރު އަހުމަދު އަޒާން މިރޭ ވަނީ މައްސަލަ ހައްލު ނުވެ ދިގުލައިގެންދާތީ ފެނަކައިގެ އެމްޑީ އިސްތިއުފާ ދެއްވަން ވެސް ގޮވާލައްވައިފަ އެވެ.