Roadha Mihaaru

އައްޑޫ ގެންގުޅެނީ "ދެވަނަ ދަރަޖައިގައި" ކަމަށް ވިދާޅުވެ މޭޔަރުގެ ނުރުހުން

އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު، އެ ކަން ހައްލު ކުރުމުގައި އަދި ސަމާލުކަމަށް ގެނައުމުގައި ގެންގުޅެނީ "ދެވަނަ ދަރަޖަ" ކަމަށް ވިދާޅުވެ އައްޑޫ މޭޔަރު އަލީ ނިޒާރު ނުރުހުން ފާޅުކުރައްވައިފި އެވެ.

އައްޑޫ ގެންގުޅެނީ ދެވަނަ ދަރަޖައިގައި: މޭޔަރު

އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު، އެ ކަން ހައްލު ކުރުމުގައި އަދި ސަމާލުކަމަށް ގެނައުމުގައި ގެންގުޅެނީ "ދެވަނަ ދަރަޖަ" ކަމަށް ވިދާޅުވެ އައްޑޫ މޭޔަރު އަލީ ނިޒާރު ނުރުހުން ފާޅުކުރައްވައިފި އެވެ.

އޭނާ އެ ވާހަކަ ދެއްކެވީ ދުވަސްގަނޑަކަށް ފަހު، އިންޖީނަކަށް ޓެކްނިކަލް މައްސައެއް ދިމާވެ، އަނެއްކާ ވެސް އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާ ގުޅިގެން ކުރެއްވި އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.

"މާލެ އިން 5 ގަޑި އިރަށް ކަރަންޓް ކެނޑުމަކީ ކާރިސާގެ ހާލަތު ކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި. އަޅުގަޑުމެން އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެއްލެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެއީ އިންސާފުވެރި ގޮތެއް ވެސް ނޫން،" މާލެ އިން މިދިޔަ ޖޫން 1 ވަނަ ދުވަހު ފަސްގަޑިއިރަށް ކަރަންޓު ކެނޑުމާ އެކު މުޅި ސަރުކާރު އެލާޓަށް އައި މައްސަލަ އަށް އިޝާރާތް ކުރައްވަމުން ނިޒާރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވިގޮތުގައި، އައްޑޫގެ ކަރަންޓުގެ ހާލަތު ރަގަޅު ނުކުރެވި ދެ އަހަރު ވާން ކައިރިވެފައި ވާއިރު، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ފެނަކަ އިން އިއްޔެ ބުނެފައި ވަނީ، އައްޑޫގައި ބޭނުންކުރާ އިންޖީނަކަށް ދިމާވި މައްސަލަ ހައްލުކޮށް، ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. އެކަމަކު، އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ހިސާބުތަކުން މިދިޔަ ތިން ދުވަހުގެ އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުން ދިއުމުން ގިނަ ބަޔަކަށް އޭގެ ތަކުލީފުތައް ޖެހި ޝަކުވާ ބޮޑުވި އެވެ.

މޭޔަރު ވިދާޅުވީ، އައްޑޫ ރައްޔިތުން ކަރަންޓު ނެތި އަނެއްކާވެސް "މިދަނީ މުސީބާތުގެ ހާލަތު ތަހައްމަލް ކުރަމުން" ކަމަށެވެ.

"ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން މިދަނީ ކަރަންޓު ކަނޑަމުން. ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ދަނީ ލިބެމުން. އާންމު ހިިދުމަތްތަކަށް ދަނީ ހުރަސް އެޅެމުން. އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ދެފަހަރަށް މިއަދުވެސް ވަނީ ކަރަންޓް ކަނޑާލާފައި،" ކަންބޮޑުވުމާ އެކު މޭޔަރު ވިދާޅުވި އެވެ.