Roadha Mihaaru
144 ރަށެއްގެ މަގުބައްތި ހުރީ މިންގަނޑާ ހިލާފަށް

144 ރަށެއްގެ މަގު ބައްތިތައް ހުރީ ސަލާމަތީ މިންގަނޑާ ހިލާފަށް: ފެނަކަ

01 އޯގަސްޓް 2024

ފެނަކަ ކޯޕަރޭޝަނުން ހެދި އިންސްޕެކްޝަންތަކުގައި، 144 ރަށެއްގެ މަގު ބައްތިތައް ހުރީ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ކަން ހާމަވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފެނަކަ ކޯޕަރޭޝަނުން ހެދި އިންސްޕެކްޝަންތަކުގައި، 144 ރަށެއްގެ މަގު ބައްތިތައް ހުރީ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ކަން ހާމަވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ ރ. އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓު ޖެހުނު ހާދިސާއާ ގުޅިގެން، އެ ކުންފުނިން ކަރަންޓު ދެމުން އަންނަ ހުރިހާ ރަށެއްގެ މަގު ބައްތިތަކުގެ ހާލަތު ރިވިއު ކޮށްފައިވާ ކަމަށެވެ. އަދި 144 ރަށެއްގެ މަގުބައްތިތައް ހުރީ ސަލާމަތީ ގޮތުން ރައްކާތެރި ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީ (ޔޫއާރްއޭ) އިން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭ ތަންތަނަށް ހިދުމަތް ދިނުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

"ވަރަށް ގިނަ ކައުންސިލްތަކުން އެދުމުން އަނެއްކާވެސް މަގު ބައްތި ތަކަށް ކަރަންޓު ހިދުމަތް ދިނުމަށް އިތުރު މުއްދަތު ދިނީ. އިތުރު އެއް މަސް ހަމަވާ ދުވަހަކީ މިއަދު. އަޅުގަނޑުމެންގެ ނިންމުމުގެ ވެސް މާ ފަހުން ޔޫއާރްއޭ އިން މި އަންގަނީ ސްޓްރީޓް ލައިޓުތައް ހަމަ މަގަށް އަޅުވާށޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ރަށްރަށުގެ މަގު ބައްތިތަކުގެ ސަލާމަތީ ކަންކަން ރަނގަޅު ނުކުރެވިއްޖެ ނަމަ ކަރަންޓު ކަނޑާލަން ޔޫއާރްއޭއިން އަންގާފައިވާ ކަމަށެވެ.

މުއާޒް ވިދާޅުވީ މަގުބައްތިތަކަށް ކަރަންޓު ދޭ ގޮތް ބަދަލުކޮށް، ރައްކާތެރި ކަން ކަށަވަރު ކުރަން ކައުންސިލްތަކަށް މިހާރު އަންގާފާނެ ކަމަށާއި އަދި ފެނަކަ މެދުވެރިކޮށް އެކަން ކުރަން ބޭނުންވާނަމަ ވީ އެންމެ އަވަހަށް އެކަން އެންގުމަށް ކައުންސިލްތަކަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓްރީޓް ލައިޓުތައް ޔޫއާރްއޭގެ މިންގަނޑަށް ފައްތާ ކަމުގައިވާ ނަމަ މިމަހުގެ 7 ގެ ކުރިން އަޅުގަނޑުމެންނަށް އަންގަން ޖެހޭނެ. އޭރުން އަޅުގަނޑުމެން އެކަންތައް ކައުންސިލްތަކަށް ކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މެއި މަހު ރ.އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުނު ތިން ކުއްޖަކަށް ކަރަންޓު ޖެހި އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ މަރުވެފަ އެވެ. އެ މައްސަލާގައި ފެނަކަ ކޯޕަރޭޝަން 50،000ރ. އިން ޖޫރިމަނާ ކުރަން ޔުޓިލިޓީ އޮތޯރިޓީން އޮތީ ނިންމައިފަ އެވެ.