Roadha Mihaaru
ކަރަންޓު މައްސަލަ ހައްލުކުރަން ޖެނެރޭޓަރު ގެންދިޔަ ނުދިން!

ފުވައްމުލަކުގެ ކަރަންޓު މައްސަލަ: ގައްދޫގައި ބޭނުން ނުކުރާ ޖަނެރޭޓަރު ގެންދިޔަ ނުދީ އިހުތިޖާޖަށް!

27 ޖެނުއަރީ 2024

ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ގދ. ގައްދޫގައި ބޭނުން ނުކުރާ ޖަނެރޭޓަރެއް ގެންދަން އުޅުމުން އެ ޖަނެރޭޓަރު ބޭލިޔަ ނުދީ ގައްދޫގެ ބަޔަކު މިރޭ އިހުތިޖާޖު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ގދ. ގައްދޫގައި ބޭނުން ނުކުރާ ޖަނެރޭޓަރެއް ގެންދަން އުޅުމުން އެ ޖަނެރޭޓަރު ބޭލިޔަ ނުދީ ގައްދޫގެ ބަޔަކު މިރޭ އިހުތިޖާޖު ކޮށްފި އެވެ.

ފުވައްމުލަކުގައި ހިންގަމުން އައި ޖަނެރޭޓަރަކަށް ގެއްލުން ލިބި ލޯޑު މަތިވާ ގަޑިތަކުގައި ކަރަންޓު ކެނޑެން ފެށީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އޭރުއްސުރެ ފެނަކައިން އައީ ގައްދޫގައި ހުރި ޖެނެރޭޓަރު ފުވައްމުލަކަށް ގެންދަން މަސައްކަތް ކުރަމުންނެވެ.

މައްސަލަ ހައްލު ނުވެ، ފެނަކަ އިން ދަނީ ކޮންމެ ދުވަހަކު ވަކި ވަގުތުތަކެއްގައި ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންނެވެ.

ގައްދު އަށް ފެނަކައިން ގެންގޮސްފައި ހުރި ޖެނެރޭޓަރު (ޖެންސެޓް) އެހެން ރަށަކަށް ގެންދަން އެ ކުންފުނިން މަސައްކަތް ކުރުމުން ގައްދޫގެ މީހުން އިހުތިޖާޖަށް ނުކުތީ މިރޭ އިރާކޮޅު އެވެ. އެހެންވެ، ގައްދޫގެ މީހުންނާ ދެކޮޅަށް ޖަނެރޭޓަރު ގެންދަން ބޭނުން ނުވާތީ އެ މަސައްކަތް ފެނަކައިން މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ ގައްދޫގައި ހުރި ޖެނެރޭޓަރަކީ އެ ރަށުގައި އިމާރާތް ކުރަމުން އަންނަ އާ އިންޖީނުގެ އަށް ގެންގޮސްފައި ހުރި އެއްޗެއް ކަމަށެވެ.

"އެތަން އަޅާ ނިމުނީމާ އެ ބޭނުން ކުރެވޭނީ. މިހާރު އެ ހުރީ ބަނދަރުމަތީގައި ބަހައްޓާފައި،" މުއާޒު ވިދާޅުވި އެވެ.

ފުވައްމުލަކަށް އެ ޖެންސެޓް ގެންދަން މަސައްކަތްކުރީ އެ ރަށުގެ ކަރަންޓަށް މި ވަގުތަށް ދިމާވެފައިވާ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުވައްމުލަކަށް ބޭނުންވަނީ 800 ކޭވީއޭ ޖެންސެޓެއް. ރާއްޖޭގައި މި ވަގުތު ނެތުމުން އެ ގަންނަން ދުވަސް ނަގާނެތީ، އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން 800 ގެ އެއްޗެއް ހުރީ ހަމައެކަނި އެ ގައްދޫގައި ކަމަށް ވުމުން އެ ރަށުން ފުވައްމުލަކަށް ގެންދަން އުޅުނީ،" އެމްޑީ ވިދާޅުވި އެވެ.

މުއާޒު ވިދާޅުވި ގޮތުގައި ގައްދޫގެ ޖަނެރޭޓަރު ފުވައްމުލަކަށް ގެންދަން އުޅުނީ ފުވައްމުލަކަށް ބޭނުންވާ 800 ކޭވީގެ ޖަނެރޭޓަރު ލިބުމުން އަނބުރާ ގެންދާ ގޮތަށެވެ.

މިއަދު އެ ޖެންސެޓް ބަލައި ފެނަކައިން ދޯންޏެއް ގައްދު އަށް ފޮނުވުމުން އެ ރަށު ބަޔަކު އެގޮތަށް ގަބޫލު ނުވެ، ހިތްހަމަ ނުޖެހުނީ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

އެއީ ފެނަކައިން އެ ރަށަށް ގެންގޮސްފައިވާ އެއްޗެއް ކަމަށާއި ބޭނުން ނުކުރާ ނަމަ ނުވަތަ އެ ބޭނުން ކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ގެންދިއުމުގެ ބާރު ފެނަކައަށް އޮވެ އެވެ.

މުއާޒު ވިދާޅުވީ ގައްދޫގައި އިން ޖެންސެޓް ފުވައްމުލަކަށް ނުގެންދެވިގެން އުޅެނީ އެ ރަށު ބަޔަކު އެކަމާ ހިތްހަމަ ނުޖެހިގެން އުޅޭތީ ކަމަށާއި ނަމަވެސް ރައްޔިތުންނާ ދެކޮޅަށް، ގަދަކަމުން ނުގެންދާނެ ކަމަށެވެ.