Roadha Mihaaru
ފުވައްމުލަކުގެ އިންޖީނެއް ހަލާކުވުމުން ކަރަންޓު ކަނޑަނީ

ފުވައްމުލަކުގެ އިންޖީނެއް ހަލާކުވުމުން ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑާލަނީ

23 ޖެނުއަރީ 2024

ފުވައްމުލަކަށް ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ ޖަނަރޭޓަރެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށް ކަރަންޓު ނޫފެއްދޭތީ، އެކި ސަރަހައްދުތަކުން ޝެޑިއުލްކޮށް ކަރަންޓް ކަނޑަން ޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކަށް ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ ޖަނަރޭޓަރެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށް ކަރަންޓު ނޫފެއްދޭތީ، އެކި ސަރަހައްދުތަކުން ޝެޑިއުލްކޮށް ކަރަންޓް ކަނޑަން ޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ފެނަކަ އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ޝެޑިއުލްކޮށް ކަރަންޓު ކަނޑަން "މަޖުބޫރުވެފައި" ވާތީ އާންމުންގެ ފަރާތުން މާފަށް އެދިފަ އެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެ ނޫސްބަޔާނުގައި ބުނީ ފުވައްމުލަކުގެ އެންމެ މަތީ ލޯޑުގެ ގޮތުގައި ރިކޯޑް ކުރެވިފައި ވަނީ 4،850 ކިލޯވޮޓް ކަމަށެވެ. އަދި އެވްރެޖް އެންމެ މަތީ ލޯޑް އަކީ 4،050 ކިލޯވޮޓް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފުވައްމުލަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ހަތް ޖަނަރޭޓަރު ބޭނުންކުރެ އެވެ. އެއީ 800 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ސެޓާއި 1،200 ކިލޯވޮޓްގެ ތިން ޖަނަރޭޓަރު ސެޓާއި 600 ކިލޯވޮޓްގެ އެއް ޖަނަރޭޓަރު ސެޓު އަދި 1،000 ކިލޯވޮޓްގެ އެއް ޖަނަރޭޓަރު ސެޓެވެ. އޭގެ ތެރެއިން މައްސަލަ ޖެހުނީ 800 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ސެޓުގެ އެވެ.

ފެނަކަ އިން ބުނި ގޮތުގައި މިދިޔަ މަހު 11 ގައި 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓު ހަލާކުވެ، އެ ރަށުގައި ކަރަންޓު އުފެއްދޭ މިންވަރު 4،000 ކިލޯވޮޓަށް ވަނީ ދަށްވެފަ އެވެ.

އެ ޖަނަރޭޓަރު ހަލާކުވި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން ކަރަންޓު ކަނޑަން ނުޖެހުނު ނަމަވެސް، މޫސުން ރަނގަޅުވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައި ވާތީ، މި މަހުގެ 11 އިން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކުން ޝެޑިއުލްކޮށް ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި މައްސަލަ ހައްލުކުރުމުގެ ގޮތުން އެހެން ރަށެއްގައި ބޭނުންނުކޮށް ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ފެށިޔަސް، ޖަނަރޭޓަރު ހުރި ރަށުން ބާލައިފި ނަމަ، އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް ލަފާކުރެވުމުން އެ މަސައްކަތް ހުއްޓާލީ ކަމަށެވެ.

ކުންފުނީގެ އެމަޖެންސީ ޕްރޮކިއުމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް މިހާރު ފަށައިފައި ވިޔަސް، މިވަގުތު ރާއްޖޭގެ ބާޒާރުގައި އެވަރުގެ ޖަނަރޭޓަރެއް ވިއްކަން ނެތުމުން އެކަމަށް އަދި އިތުރު ދުވަސްތަކެއް ހޭދަވާނެ ކަމަށް ފެނަކައިގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އާ ޖަނަރޭޓަރެއްގެ ހޯދުމުގެ އިތުރުން ހަލާކުވި ޖަނަރޭޓަރު ހެދޭތޯ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނި ގޮތުގައި އަންނަ ރޯދަ މަހާއި ހޫނު މޫސުމަށް ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން އެންމެ އަވަހަށް އާ ޖަނަރޭޓަރުތައް ހޯދުމަށް ރޭވިފައިވާ ރަށްތަކުގެ ތެރޭގައި ފުވައްމުލަކު ހިމެނެ އެވެ. އެ ރަށަށް 1،200 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ބައެއް ރަށްރަށުގައި ހުރި ޖަނަރޭޓަރުތަކަށް އެކި މައްސަލަތައް ދިމާވަމުންދާ އެންމެ ބޮޑު ސަބަބަކީ މަރާމާތުނުކޮށް ގިނަ ދުވަސް ވުމެވެ.