Roadha Mihaaru
ފުވައްމުލަކުން ކަރަންޓާއި ފެން ކެނޑިއްޖެ

ފުވައްމުލަކުން ކަރަންޓާއި ފެން ވެސް ކެނޑިއްޖެ، ހައްލުކުރަން 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ނަގާނެ

02 އޯގަސްޓް 2021

ފުވައްމުލަކުން ރޭ ފަތިހު ކަރަންޓާއި ފެނުގެ ހިދުމަތް ވެސް ކެނޑިއްޖެ އެވެ.

ފުވައްމުލަކުން ރޭ ފަތިހު ކަރަންޓާއި ފެނުގެ ހިދުމަތް ވެސް ކެނޑިއްޖެ އެވެ.

ފަތިހު ހަތަރެއް ޖެހިއިރުން ފެށިގެން އެ ސިޓީން އެންމެ އަސާސީ ދެ ހިދުމަތް މެދުކެނޑުނީ ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަަމަށް ފުވައްމުލަކަށް ކަރަންޓާއި ފެން ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ކޮމިއުނިޓީ ވައިބާ ގްރޫޕުގައި ވެ އެވެ.

އެ ފޯމަރުގެ ބަދަލުގައި އާ ފޯމަރެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މައްސަލަ ހައްލުކޮށް އަލުން ހިދުމަތްތައް ފަށަން 24 ގަޑިއިރަށް ވުރެ ގިނަ އިރު ނަގާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.

ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗުން މިއަދު ބުނީ، އާ ފޯމަރެއް ގެންނަނީ އައްޑޫން ކަމަށާއި އެ ކަމަށް ވަގުތު ނަގާނެ ކަމަށެވެ.

"އެއީ އެހާ ފަސޭހައިން ގެނެވޭނެ އެއްޗެއް ނޫން. އައްޑޫން މިކޮޅަށް އެ ގެންނަން ޖެހޭނީ ލޭންޑިން ކްރާފްޓެއްގައި. ފޯމަރުގައި ހުންނާނެ 8-9 ޓަނު ވަރު. އެ ގެންދަން ވެސް ކެރޭނެއް ބޭނުންވާނެ. އެ ކަހަލަ ބައިވަރު މަސައްކަތް ކޮށްގެން ހިދުމަތް އަލުން ފެށޭވަރުވާނީ،" ފެނަކަ ފުވައްމުލަކު ބްރާންޗުން ބުންޏެވެ.

މިހާރު ލޯ ވޮލްޓޭޖުގައި ފުވައްމުލަކުގެ ބައެއް ގޭގެ އަށް ކަރަންޓު ދިނަސް އެއީ ވަރަށް މަދު ގެއެއް ކަމަށް ފެނަކަ އިން ބުނެ އެވެ.

"އެއީ ގާތްގަނޑަކަށް 30 ޕަސެންޓުގެ. އެއީ ވަރަށް މަދު އަދަދެއް،" ފެނަކަ ފުވައްމުލަކު ބްރާންޗުން ބުންޏެވެ.

ފުވައްމުލަކުގެ ގިނަ ގޭގެ އަށް ފެނަކަ އިން ސަޕްލައި ފެން ފޯރުކޮށްދޭއިރު ކަރަންޓާއެކު ފެނުގެ ހިދުމަތް ވެސް ކެނޑެ އެވެ. އެކަމަކު، ސަޕްލައި ފެން ނުގުޅާ ގޭގެ އަށް ފެނުގެ ހިދުމަތުގެ މައްސަލައެއް ކުރިމައްޗެއް ނުވާނެ އެވެ.