Roadha Mihaaru
ފުވައްމުލަކުގައި އާ ޓްރާންސްފޯމަރެއް މިއަދު ބަހައްޓަނީ

ފުވައްމުލަކުގެ ކަރަންޓް މައްސަލަ ހައްލުކުރަން އާ ޓްރާންސްފޯމަރެއް މިއަދު ބަހައްޓަނީ

05 އޯގަސްޓް 2021

ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓާއި ފެނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ ސިޓީ އަށް ގެންގޮސްފައިވާ އާ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިއަދު ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބުރާންޗުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓާއި ފެނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ ސިޓީ އަށް ގެންގޮސްފައިވާ އާ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިއަދު ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބުރާންޗުން ބުނެފި އެވެ.

ފެނަކަ އިން ކުރި އިއުލާނެއްގައި ބުނީ މި ޓްރާންސްފޯމަރު އިންސްޓޯލްކުރުމުގެ މަސައްކަތަށް، މިއަދު މެންދުރު ފަހު 2 އިން ހަވީރު 5 އަށް މުޅި ރަށުން ކަރަންޓް ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މި ވަގުތުތަކުގައި ސަޕްލައި ފެނުގެ ޕްރެޝާ ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"އެއްވެސް ސަބަބަކާ ހުރެ ކަރަންޓް ކެނޑޭ ގޮތް ދިމާވެއްޖެ ނަމަ ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ވެސް (ކަރަންޓް އައުމުގެ ކުރިން) ބޭނުން ކުރައްވާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސުވިޗް ނިއްވާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމުގައި ދަންނަވަމެވެ،" ފެނަކައިގެ އިއުލާނުގައިވެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ފަތިހު ފުވައްމުލަކުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނީ، ކަރަންޓުގެ ހިދުމަތް ދޭން އެ ސިޓީގައި ބޭނުންކުރާ 2،500 ކިލޯވޮޓުގެ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުންނެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި ހަމަ އެ ދުވަހު އައްޑޫން 4،500 ކޭއޭވީގެ އާ ޓްރާންސްފޯމަރެއް އެ ރަށަށް ގެންދިޔަ އެވެ.

ފެނަކަ އިން ވަނީ ކަރަންޓުގެ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދައިދީ، ހަމަ އެ ދުވަހު އެ ރަށަށް ކަރަންޓުގެ ހިދުމަތް އަލުން ދީފަ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ކުރިން ވިދާޅުވެފައި ވަނީ އައްޑޫން ފުވައްމުލަކަށް ގެންދިޔަ 4،500 ކޭއޭވީގެ ޓްރާންސްފޯމަރާ އެކު އެ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ދާއީމީ ހަލެއް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ފުވައްމުލަކުގައި ކަރަންޓުގެ ހިދުމަތް ދެނީ ނާޒުކު ހާލަތެއްގަ އެވެ. އެހެންވެ، ފެންވަރު ރަނގަޅު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ޓްރާންސްފޯމަރު އޯވަލޯޑުވުމުގެ މައްސަލަ ވަރަށް ދިމާވޭ. އޭގެ އިތުރުން ކަރަންޓު ދޭން މި ބޭނުންކުރަނީ ހިމަ ކޭބަލް. އިންޖީނުގެ ވެސް މި ހުންނަނީ އާއްމުން ދިރިއުޅޭ ސަރަހައްދުގައި. އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް މި މަހުގެ ތެރޭގައި އެ ރަށުގައި މޮބަލައިޒްވާނެ އަދި އީއައިއޭ ވެސް ހަދަމުން އަންނަނީ،" ސައީދު ވިދާޅުވެފައިވެ އެވެ.

ފުވައްމުލަކުގެ ކަރަންޓު ނެޓްވޯކު އަޕްގްރޭޑު ކުރުމަށް މި އަހަރުގެ ތެރޭގައި 21 ކިލޯމީޓަރުގެ ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ފަށަން ވަނީ ނިންމައިފަ އެވެ.