Roadha Mihaaru
ހައްލުނުހޯދައި ޖެންސެޓް ނުގެންދެވޭނެ: ގައްދޫ ކައުންސިލް

ކަރަންޓުގެ މައްސަލަ ހައްލުނުކޮށް ޖެނެރޭޓަރެއް ނުގެންދެވޭނެ: ގައްދޫ ކައުންސިލް

29 ޖެނުއަރީ 2024

ގދ. ގައްދޫއިން ފުވައްމުލަކަށް ގެންދަން އުޅޭ 800 ކިލޯވޯޓްގެ ޖެނެރޭޓަރަކީ އެ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ގެނެސް އަދި އިންސްޓޯލް ވެސް ނުކޮށް ހުރި ޖެންސެޓެއް ކަމަށާއި މައްސަލަ ހައްލު ނުކޮށް އެހެން ރަށަކަށް އެ ނުގެންދެވޭނެ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގދ. ގައްދޫއިން ފުވައްމުލަކަށް ގެންދަން އުޅޭ 800 ކިލޯވޯޓްގެ ޖެނެރޭޓަރަކީ އެ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ގެނެސް އަދި އިންސްޓޯލް ވެސް ނުކޮށް ހުރި ޖެންސެޓެއް ކަމަށާއި މައްސަލަ ހައްލު ނުކޮށް އެހެން ރަށަކަށް އެ ނުގެންދެވޭނެ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

އެ މައްސަލާގައި ގައްދޫ ކައުންސިލުން މި މަހުގެ ތިން ވަނަ ދުވަހު ފާސްކުރި ގަރާރެއްގައި ބުނެފައިވާ ގޮތުގައި ރަށުގައި މިހާރު ބޭނުންކުރާ ތިން ޖެނެރޭޓަރުގެ ތެރެއިން 400 ކިލޯވޯޓްގެ އެއްޗަކީ އޯވާހީޓް ވާތީ ދެ ފަހަރަށް މަރާމާތުކޮށްގެން ވެސް ރަނގަޅުކުރެވިފައި ނުވާ އެއްޗެއް ކަމަސެވެ. އަދި މިހާރު ބޭނުންކުރާ 800 ކިލޯވޯޓްގެ ޖެނެރޭޓަރުން އަޑީތެޔޮ ލީކުވާ ކަމަށާއި އެއްވެސް ސަބަބަކާހުރެ މައްސަލައެއް ދިމާވެއްޖެ ނަމަ މުޅި ރަށުން ކަރަންޓު ކެނޑިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކައުންސިލުން ބުނީ އެ ރަށުގައި މިހާރު ރަނގަޅު ހާލަތުގައި ހުރީ 600 ކިލޯވޯޓްގެ ޖެނެރޭޓަރެއް އެކަނި ކަމަށެވެ.

ކައުންސިލުން ބުނީ، މިދިޔަ ސަރުކާރުގެ ފަހުކޮޅު އެ ރަށަށް ގެންދިޔަ 800 ކިލޯވޯޓްގެ ޖެނެރޭޓަރު އިންސްޓޯލްކޮށްދޭން ގައްދޫ ފެނަކަ ބްރާންޗުން އެދިފައި ވިޔަސް އެކަމަށް އިޖާބަދީފައި ނުވާ ކަމަށެވެ.

ގދ. ގައްދޫ.-- ފޮޓޯ: ވިޒިޓް ގައްދޫ

ގދ. ގައްދޫ.-- ފޮޓޯ: ވިޒިޓް ގައްދޫ

"ރޯދަމަސް އަންނަން ވާއިރަށް މި ޖެނެރޭޓަރު އިންސްޓޯލް ނުކުރެވި ރަނގަޅު ހާލަތަކަށް ނުގެނެވިއްޖެ ނަމަ މީގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިދާނެ" ކަމަށް ގަރާރުގައިވެ އެވެ. އެހެންވެ އެ ގެންދަން ކުރާ މަސައްކަތް ވަގުތުން ހުއްޓާލަން ވަނީ ގޮވާލައިފަ އެވެ.

މި ގަރާރު ނެރެފައި ވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ޖެންސެޓް ފުވައްމުލަކަށް ގެންދަން ފެނަކައިން އަލުން މަސައްކަތް ފެށުމާ އެކު ރަށު ބަޔަކު ނުކުމެ އެކަން ވަނީ ހުއްޓުވައިފަ އެވެ.

ފެނަކައިން ބުނީ މިދިޔަ މަހުން ފެށިގެން އެ ޖެންސެޓް ގެންދަން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެއީ ގައްދޫގައި ބޭނުންނުކުރާ އެއްޗަކަށް ވެފައި އެ ރަށުގެ ކަރަންޓަށް މައްސަލައެއް ވެސް ދިމާނުވާތީ ކަމަށެވެ.

ގދ. ގައްދޫ.-- ފޮޓޯ: ވިޒިޓް ގައްދޫ

ގދ. ގައްދޫ.-- ފޮޓޯ: ވިޒިޓް ގައްދޫ

ގައްދޫ ކައުންސިލުން އިއްޔެ ވެސް ބަޔާނެއް ނެރެ، ގެންދަން އުޅޭ ޖެނެރޭޓަރު އެ ރަށުގައި އިންސްޓޯލް ކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ކުރިއަށް އޮތް ރޯދަ މަހު ގައްދޫގެ ގެތަކަށް ކަރަންޓުގެ ހިދުމަތް ނުލިބިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށާއި އެކަމަކު ޖެނެރޭޓަރު އިންސްޓޯލްކުރުމާ މެދު އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް ބުންޏެވެ.

"މައްސަލަ ހައްލުކުރަން ޖެހޭ ދެ ޖެންސެޓް (800ކވ. އަދި 400ކވ.) ސާވިސްކުރުމަށް އެއްވެސް މަސައްކަތެއް އަދާ ހަމައަށް ވެސް ކޮށްފައި ނުވޭ،" ކައުންސިލުން ބުންޏެވެ.

ގައްދޫގެ ޖަނެރޭޓަރު ފުވައްމުލަކަށް ގެންދަން އުޅެނީ ފުވައްމުލަކަށް ބޭނުންވާ 800 ކޭވީގެ ޖަނެރޭޓަރު ލިބުމުން އަނބުރާ ގެންދާ ގޮތަށް ނަމަވެސް އެ ރަށުގެ ކަންކަން މިވަގުތު ހުރި ގޮތާއި ނުނިމި ހުރި ކަންކަން ފާހަގަކޮށް ކައުންސިލުން ބުނީ ފެނަކައަށް ރައްޔިތުން އިތުބާރު ނުކުރާ ކަމަށެވެ. ފެނަކައިގެ އާރްއޯ ފެން ޕްލާންޓް ހަލާކުވުމުން ގެނައި ޕްލާންޓް އޮޕަރޭޝަނަށް ގެންނަން ސްޕެއާ ހޯދާފައި ނުވާ ކަމަށާއި 24 ގަޑިއިރު ފެނުގެ ހިދުމަތް ވެސް ނުލިބޭ ކަމަށާއި ހިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމުތައް ނުނިމި ފެނައިކައި ފުނިޖެހިފައި އެބަހުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިފަދަ އެތައް ކަމަކާ ހެދި ފެނަކައަށް އިތުބާރު ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ އަދިވެސް މަސައްކަތްކުރަނީ ގައްދޫ ރައްޔިތުންނާ ވާހަކަ ދައްކައިގެން ފުވައްމުލަކަށް ޖެނެރޭޓަރު ގެންދެވޭނެ ގޮތެއް ހޯދަން ކަމަށެވެ.