Roadha Mihaaru
ސްޓެލްކޯއިން ފެނަކަ އަށް ފަންނީ އެހީ ދެނީ

ސްޓެލްކޯއިން ފެނަކަ އަށް ފަންނީ އެހީތެރިކަން ދެނީ

30 ޖެނުއަރީ 2024

ރަށްރަށަށް ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި ފެނަކަ އަށް ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ސްޓެލްކޯއާ އެކު މިއަދު ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރަށްރަށަށް ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި ފެނަކަ އަށް ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ސްޓެލްކޯއާ އެކު މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދެވެ.

ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ފަންނީ ގޮތުން އެހެނިހެން އެހީތެރިކަން ވެސް އެއްބަސްވުމުގެ ދަށުން ސްޓެލްކޯ އިން ދޭނެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލެ އާއި ބައެއް ރަށްރަށަށް ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ މައި ކުންފުނި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ މެކޭނިކަލް އަދި އިންޖިނިއަރިންގެ ތަމްރީނުތައް ދޭނެ އެވެ. ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ސަޕޯޓު ދޭނީ ހިލޭ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު ވިދާޅުވީ، އެ ކުންފުނިން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަނީ ޕަމްޕާއި ޖަނެރެޓަރުތައް ސާވިސް ކުރުމަށް ކަމަށާއި މި ދިޔަ އަހަރު އެކަނި ވެސް 117 މިލިއަން ރުފިޔާ އެ ކަމަށް ހޭދަކުރި ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި އޮތް މާލީ ދަތިކަމުގެ ހާލަތުން އަރައިގަތުމުގައި ލިބޭނެ އެންމެ ބޮޑު އެހީ އަކީ މިއީ. އަޅުގަނޑުމެންނަށް ސާވިސް ކުރުމުގެ ހިދުމަތް ސްޓެލްކޯގެ އެހީގައި ހިލޭ ލިބިގެން ދިއުން. އަދި މީގެ ސަބަބުން އަޅުގަނޑުމެންގެ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެ." މުއާޒު ވިދާޅުވި އެވެ.

ސްޓެލްކޯއިން މީގެ ކުރިން ވެސް ފެނަކައަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ. މިއަދު ސޮއިކުރީ އެ ކުންފުނިން ދޭ އެހީ، އިތުރަށް ފުރިހަމައަށް ސިސްޓެމެޓިކް ކޮށް ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެއް ކަމަށް ފެނަކަ އިން ބުންޏެވެ.