Roadha Mihaaru

ސްޓެލްކޯ އިން މޭ މަހުގެ ބިލް ވެސް ތައްޔާރުކުރީ އަގުހެޔޮ ޓެރިފް ރޭޓްގައި

މިދިޔަ މޭ މަހުގެ ކަރަންޓު ބިލްތައް ވެސް ތައްޔާރު ކޮށްފައި ވާނީ އަގުހެޔޮ ޓެރިފް ރޭޓުގައި ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.

މޭ މަހުގެ ބިލް ވެސް ހެދީ އަގުހެޔޮ ޓެރިފް ރޭޓްގައި

މިދިޔަ މޭ މަހުގެ ކަރަންޓު ބިލްތައް ވެސް ތައްޔާރު ކޮށްފައި ވާނީ އަގުހެޔޮ ޓެރިފް ރޭޓުގައި ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.

ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް މި މަހުގެ 1 އިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެއާ އެއްގޮތަށް އަމަލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހުގެ 30 ގައި އަންގަވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސްޓެލްކޯ އިން މިރޭ ބުނީ ރައީސްގެ ނިންމެވުމާ އެއްގޮތަށް މިދިޔަ މޭ މަހުގެ ކަރަންޓު ބިލްތައް ތައްޔާރު ކޮށްފައިވަނީ އަގު ހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ.

"މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ،" ސްޓެލްކޯ އިން ބުންޏެވެ.

މީގެ އިތުރުން ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއް ވެސް ތައްޔާރުކުރާނީ އާ ޓެރިފްރޭޓްތަކަށް ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގާ އަދަދާއި އަގު ހެޔޮކުރުމުން ނަގާނެ އަދަދު ވެސް ހިމަނުއްވައިފަ އެވެ.

އެއީ:

ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25

ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50

ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50

ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50- އާ ރޭޓް 1.50

ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66

ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20

ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ ރޭޓް: 3.83

ކަމާ ބެހޭ މާހިރުން ދެކޭގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ބިލްތައް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ވެސް ކަނޑައަޅާފައިވާ ހަތް ބޭންޑުތަލުގެ ޓެރިފް ރޭޓު މަތިވުމެވެ. އެހެންވެ، ޒަމާނާ އެއްގޮތަށް ޓެރިފް ރޭޓު ދަށްކުރުމަކީ ކަރަންޓު ބިލަށް ހެޔޮ އަސަރު ކުރާނެ ކަމެެއް ކަމަށް މި ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.

ރާއްޖޭގައި ކަރަންޓުގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނައީ 2009 ގަ އެވެ. އޭގެ ކުރިން ތިން ބޭންޑަކަށް ކަރަންޓުގެ އަގުތައް ހުރި ނަމަވެސް ސަރުކާރުން 2009 ވަނަ އަހަރު ގެނައި ބަދަލުގެ ދަށުން ވަނީ ހަތް ބޭންޑަކަށް ޓެރިފް ބައި ކޮށްފަ އެވެ. އޭގެ ފަހުން 2016 އަދި 2019 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ޑިސްކައުންޓްތަކެއް ގެނެސް މާލެ އާއި ރަށްރަށުގެ އަގުތައް އެއް ހަމައަކަށް ގެނެސްފައި ވެ އެވެ. އެކަމަކު، ޖުމްލަކޮށް ޓެރިފްތަކަށް ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ކަރަންޓަށް ބިލް ކުރަނީ ބޭނުންކުރާ ނިސްބަތުން ޓެރިފް ރޭޓުތަކަށް ބަލައިގެން، ބޭންޑުތަކަށް އަގުކޮށްގެންނެވެ. ކަރަންޓުގެ އަގު ކަނޑައެޅުމުގައި ބޭންޑުތަކެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ، އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ކުޑަ އަގެއް ހިމަނައިގެން ބިލްކުރުމަށެވެ.