Roadha Mihaaru

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު!

މި އަހަރުގެ މިހާތަނަށް، މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ ބުރާސްފަތީގައި
އިފްރާޒް އަލީ
އިފްރާޒް އަލީ

19 އެޕްރީލް 2025

މި އަހަރުގެ މިހާތަނަށް، މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށް ވުމާ އެކު، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ހާއްސަކޮށް، އޭސީ ކަހަލަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށް ވުރެ ދަށް ނުކުރުމަށާއި ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް ވެސް ފަހުމީ އިލްތިމާސްކުރެއްވި އެވެ.

"މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ދުވަހުގެ މެންދުރުފަހު 3:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވެ އެވެ. އަދި މިއަދު މެންދުރުފަހު 1:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގަ އެވެ.

"އެހެންކަމުން އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ، ފަރުދީ ގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައު އާއި އަމިއްލަ ލާބަ އާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް. ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމާ،" ފަހުމީ ވިދާޅުވި އެވެ.

މެޓް އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި ދުވަސްވަރު އެންމެ ހޫނުގަދަވަނީ މެންދުރުފަހު 2:00 ގަ އެވެ. ގިނަ ދުވަސްދުވަހު އިހުސާސްކުރެވޭ ހޫނުމިން މިހާރު ހުންނަނީ 35 ޑިގްރީ ސެލްސިއަސް އާއި 39 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ. މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަހު ވަނީ އިހުސާސްކުރެވޭ ހޫނުމިން 48 ޑިގްރީ ސެލްސިއަސް އަށް އަރައިފަ އެވެ.

ރާއްޖެއަށް އާންމު ގޮތެއްގައި އެންމެ ހޫނުގަދަވަނީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުން ފެށިގެން އޮގަސްޓް މަހާ ދެމެދުގަ އެވެ.