Roadha Mihaaru

މިދިޔަ އަހަރު ވެސް 17 މެގަވޮޓު ކަރަންޓު އިތުރުކުރި، ކޮންމެ ފަސް އަހަރަކުން 50 މެގަވޮޓު އިތުރަށް ބޭނުންވޭ!

މާލެ ސަރަހައްދުގެ ޑިމާންޑަށް ބަލާއިރު ކޮންމެ ފަސް އަހަރަކު އިތުރަށް ގާތްގަނޑަކަށް 50 މެގަވޮޓުގެ ކަރަންޓު ބޭނުންވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

"މިދިޔަ އަހަރު ވެސް 17މެގަވޮޓު ކަރަންޓު އިތުރުކުރި"

މާލެ ސަރަހައްދުގެ ޑިމާންޑަށް ބަލާއިރު ކޮންމެ ފަސް އަހަރަކު އިތުރަށް ގާތްގަނޑަކަށް 50 މެގަވޮޓުގެ ކަރަންޓު ބޭނުންވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ދާއިމީ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތަކަށް ހުޅުމާލޭގެ 50 މެގަވޮޓުގެ އިންުޖީނުގެ މާދަމާ ހެނދުނު 6-10 އާ ދެމެދު ނިއްވާލަން ނިންމާފައި ވާތީ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އެ އިންޖީނު 2019 ގައި ކޮމިޝަން ކުރި ފަހުން އިތުރު ޕަވަ ޕްލާންޓެއް ގާއިމް ކޮށްފައި ނެތް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ހުޅުމާލޭގައި މިހާރު ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ބިންގާ އެޅީ 2016 ވަނަ އަހަރު އެވެ. އަދި އެ އިންޖީނުގެ ބޭނުންކުރަން ފެށީ 2019 އިގަ އެވެ.

ފަހުމީ ވިދާޅުވިގޮތުގައި، އޭގެ ފަހުން 50 މެގަވޮޓު އިންޖީނުގެއެއް ގާއިމް ކުރެވުނު ނަމަ ޓެކްނިކަލް މަސައްކަތެއް ކުރަން ޖެހުނަސް ކަރަންޓު ކަނޑާލަން ނުޖެހުނީ އެވެ.

އޭނާ ވިދާޅުވީ، ކަރަންޓު ކަނޑާލަންޖެހޭ ހާލަތަށް ދަނީ ރާވާފައިވާ ގޮތަށް އިތުރު ޕަވާ ޕްލާންޓުތައް ގާއިމް ނުކުރާތީ ކަމަށެވެ.

ޕަވާ ޕްލާންޓެއް އަޅަން ބޭނުންވޭ 100 ނުވަތަ 200 މިލިއަން ޑޮލަރު. އެ ސެކިއު ކުރުމަށްޓަކައި ވެސް ފައިނޭންސިން އިންސްޓިޓިއުޝަން ބަލާ"--- ފަހުމީ

ފަހުމީ ވިދާޅުވީ، މިދިޔަ އަހަރު ވެސް 17 މެގަވޮޓު ކަރަންޓު މާލެ ސަރަހައްދަށް އިތުރު ކުރި ކަމަށާއި އެކަމަކު އެއީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. އަދި މިހާރު ވެސް މި ސަރުކާރުން މަސައްކަތް ކުރަނީ 100 މެގަވޮޓުގެ އާ ޕަވާޕްލާންޓެއް ގާއިމް ކުރެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ވިސްނުމަކީ މާލެ އާއި ހުޅުމާލޭގައި އާ ޕަވާ ޕްލާންޓެއް ގާއިމް ކުރުމުގެ ބަދަލުގައި ތިލަފުށީގައި އެ ތަން ހެދުން ކަމަށް ފަހުމީ ވިދާޅުވި އެވެ. ނަމަވެސް ތިލަމާލެ ބްރިޖު ވެސް ސަރުކާރުން ވިސްނި ތާރީހަށް ނުނިމުން ފަދަ ކަންކަން ހުރަކަށް ވެފައިވާ ކަމަށް ފަހުމީގެ އިންޓަވިއުގައި ވިދާޅުވި އެވެ.

"އެހެން ނަމަވެސް ކަރަންޓު ކެނޑުމުގެ މައްސަލަ އަށް އަޅުގަނޑުމެން ހައްލެއް ހޯދާނަން މާ ދުރު ނޫން މުސްތަގުބަލެއްގައި،" ފަހުމީ ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިއިރު އިގުތިސާދީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕަވާ ޕްލާންޓެއް އަޅަން ބޭނުންވޭ 100 ނުވަތަ 200 މިލިއަން ޑޮލަރު. އެ ސެކިއު ކުރުމަށްޓަކައި ވެސް ފައިނޭންސިން އިންސްޓިޓިއުޝަން ބަލާ. އެހެންވީމާ އަޅުގަނޑުމެންގެ ހާލަތާއި މި ސަރުކާރު އައި އިރު އޮތް ހާލަތު އެއީ އެންމެންނަށް ވެސް އެނގޭ ހަގީގަތެއް،" އެމްޑީ ވިދާޅުވި އެވެ.

"އެހެންވީމާ ޗެލެންޖެސްތަކުން އަރައިގަނެ ކުރިއަށް ދިއުން އަޅުގަނޑުމެންގެ މަގުސަދަކީ."

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ފަހުމީ ވިދާޅުވީ، ދުނިޔޭގެ އެހެން ސިޓީތަކާ ބަލާއިރު ރާއްޖޭގައި އޮންނަނީ "ކޮމަން ގްރިޑް" އެއް ނޫން ކަމަށާއި އެންމެން ބުރަވަނީ ސްޓެލްކޯ އަށް ކަމަށެވެ.

ކަރަންޓާއި ފެނަކީ އަސާސީ ހިދުމަތަކަށް ވާއިރު، ކަރަންޓު ކެނޑޭ މައްސަލައިގެ ކަންބޮޑުވުން އަބަދުވެސް އޮންނަ ކަމަށާއި ކަރަންޓު ކެނޑޭ ވަގުތު ކުޑަކުރަން މަސައްކަތް ކުރައްވާ ކަމަށް ފަހުމީ ވިދާޅުވި އެވެ. ނަމަވެސް ކޮންމެ ކަމެއް ގޮސް ގުޅެނީ ފައިސާއާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ޖޫން 1 އާއި މި މަހުގެ 9 ވަނަ ދުވަހު މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑިފައިވެ އެވެ. އޭގެ ފަހުން ސްޓެލްކޯ އިން ބުނެފައި ވަނީ މައްސަލަ ދެނެގަނެވިފައިވާ ކަމަށާއި ކަންކަން ހައްލު ކުރަމުން އަންނަ ކަމަށެވެ.

މާދަމާ އެއްފަހަރާ ހުރިހާ ތަނަކުން ކަރަންޓު ކަނޑައެއް ނުލާނެ

ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރަން ޖެހޭތީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާގެ އެކި ގަޑިތަކުގައި ކަރަންޓު ކަނޑާއިރު އެކަން ކުރީބައިގައި އެސްއެމްއެސްއަކުން އަންގަމުން ދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެގޮތުން:

● މަސައްކަތް ކުރިއަށްދާ ވަގުތު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ.

● ހުޅުމާލޭގެ އިންޖީނުގެ ނިއްވާލާނީ މާދަމާގެ ހެނދުނު 6-10 އަށް.

● ހޮސްޕިޓަލްތަކާއި އަދި އެހެނިހެން މުހިންމު ހިދުމަތްތައް ދޭ މުއައްސަސާތައް ނުވަތަ "ކްރިޓިކަލް އިންފްރާސްޓްރަކްޗާ" ތަކުން ކަރަންޓު ނުދާނެ.